ޒުވާން ޓީމުން ފެނުނީ މުސްތަގްބަލަށް ކުރެވޭ އުއްމީދު: ފަރޭ

ފަރުހާދު އަބްދުއްރަހްމާން (ފަރޭ)

އިއްޔެ ނިމުނު ދޮންފަނު އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށީގެ 23 އަހަރުން ދަށުގެ ޓީމުން ފެނުނީ މުސްތަގްބަލަށް ކުރެވޭ އުއްމީދު ކަމަށް ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި ކޯޗެއްގެ ދައުރު އަދާކުރި ފަރުހާދު އަބްދުއްރަހްމާން (ފަރޭ) ބުނެފި އެވެ.

ދޮންފަނު އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަރަށް އޭދަފުށިން އިއްޔެ ހޯދީ ޕެނަލްޓީ ޖަހައިގެން ދޮންފަނު ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީ 4-3 އިންނެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމު (ވެލާ ސްޕޯޓްސް) ޗެމްޕިއަން ޓްރޮފީއާއެކު – އީޓީ ފޮޓޯ/ޝިމްހާދު

މެޗަށް ފަހު “އީޓީ” އަށް ދިން އިންޓަވިއުއެއްގައި އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ތަރި ފަރޭ ބުނީ ތަށި ހޯދި ޓީމުގައި ތިބި ކުޅުންތެރިންނަކީ އެއް ވަނަ ޑިވިޝަނުގައި ވާދަކުރެވޭނެ ފެންވަރު ހުރި ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން ދެއްކި ކުޅުމުން އޭދަފުށީގެ ފުޓްބޯޅައިގެ މުސްތަގްބަލަށް ކުރެވޭ އުއްމީދު ބޮޑުވި ކަމަށެވެ.

“އޭދަފުއްޓަށް ބަލާއިރު މި އަތޮޅުގެ އެހެން ރަށްތަކަށް ވުރެ ކުޅުންތެރިންގެ ފެންވަރު ތަންކޮޅެއް ރަނގަޅު ވާނެ. ދެން ތިބީ އުފެދޭ ކުޅުންތެރިން. މި އަންނަ އަހަރު ހަތަރު ފަސް ވަރަކަށް ކުޅުންތެރިންނަށް ނުކުޅެވުނަސް ފުރަތަމަ ޑިވިޝަނަށް ދެވޭ ވަރުގެ ސްކޮޑެއް އެބައޮތް. އަޅުގަނޑުމެން އުއްމީދު ވަރަށް ބޮޑު މުސްތަގްބަލަށް” މެޗަށް ފަހު ފަރޭ ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި އޭދަފުށިން ވާދަކުރި ޓީމު އެކުލަވާލީ ދާދިފަހުން ރަސްމީކޮށް އުފެދުނު ވެލާ ސްޕޯޓްސް ކްލަބުންނެވެ. ފަރޭ ބުނީ ވެލާ ސްޕޯޓްސް ކްލަބުން މުބާރާތަށް ޓީމު އެކުލަވާލަން ނިންމުމުން ތައްޓާމެދު ވަރަށް ބޮޑު އުއްމީދެއް ކުރެވުނު ކަމަށާއި މިއީ މުޅި ރަށަށް ކޮށްދެވުނު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

“މިއީ އޭދަފުއްޓަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އެއީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މި ތަށި ވިން ކުރެވުނީމަ އެއީ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މުބާރާތާ ކުރިމަތިލީ ވަރަށް އުއްމީދާ އެކީ. ފައިނަލަށް އައީ އެއްވެސް މެޗަކުން ބަލިނުވެ. މިއީ އޭދަފުށީ ރައްޔިތުންނަށް ހޯދައިދެވުނު އެންމެ ބޮޑު އެއް އުފާވެރިކަން” ފަރޭ ބުންޏެވެ.

ކާމިޔާބީ ހޯދުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާއިރު އެ ހުރިހާ ފަރާތަކަށް ފަރޭ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރަން ކުޅުންތެރިން ބޭނުންވެ އެކަމަށް އެދުމުން ކުޅުންތެރިންނަށް އެކަން ކޮށްދޭން ވެލާ ސިޓީން ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރެއިން ޒުވާން ކުޅުންތެރިން އުފެއްދުމުގައި އަދި އޭދަފުށީގެ ފުޓްބޯޅައިގެ ކުރިމަގަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސީނިއާ ޓީމުގެ މުހައްމަދު ފާސިރު (ފާއްޓެ) އަދި ކައުންސިލު މެންބަރު ޒައިދު އަލީގެ ނަން ކޯޗު ފަރޭ ފާހަގަކުރި އެވެ.

“ހުޅަނގު އަވަށުން ހާއްސަކޮށް އަދި ތިން އަވަށް ނިސްބަތްވާ އެންމެންވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން. އެ އެހީތެރިކަމާއެކު އަޅުގަނޑުމެން ހަމަ އަޒުމު ކަނޑައެޅީ ވެލާ ސިޓީން އެކުދިން ހިތްހަމަޖެހޭ ގޮތަށް މިކަން ކޮށްދެވޭތޯ” ފަރޭ ބުންޏެވެ.

މުބާރާތުގެ މެޗުތަކަށް ވެލާ ސިޓީން ވަނީ ދުރާލާ ތައްޔާރުވެފަ އެވެ. އެންމެ ފާހަގަކުރެވުނީ ޓީމަށް ސަޕޯޓް ދިނުމުގައި އެއް ރޫހެއްގައި ވެލާ ސިޓީގެ މެމްބަރުންނާއި މުޅި ރަށް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން ވެލާ ސިޓީގެ ޓީމެއް ދޮންފަނަށް ގޮސް ސަޕޯޓަރުން ތިބޭ ސަރަހައްދު ދިޔައީ ތައްޔާރުކުރަމުންނެވެ. ކޯޗު ފަރޭ ވެސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށް އެ ޖަމިއްޔާއިން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

“ޓީމް ކަލާގެ ސަޕޯޓާސްއަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ހާއްސަކޮށް އޭދަފުށީގެ ރައްޔިތުންނަށް” ބޮޑު ކާމިޔާބަށް ފަހު ފަރޭ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.