
ކުޅުނު އެއްވެސް މެޗެކުން ބަލިނުވެ، ރެޑްވޭވް ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ ފައިނަލަށް އޭދަފުށި ހިނގައްޖެ އެވެ.
އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް އޭދަފުށި ފައިނަލުގައި ވާދަކުރަން ޖެހޭނީ މާދަމާ ހަވީރު ގޮއިދޫ އާއި ކެންދޫ ކުޅެ މޮޅުވާ ޓީމަކާ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުއްޓަށް ލީޑު ނަގައިދިނީ ހަ ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އޭގެ ފަހުން ދެވަނަ ހާފު ފެށިތަނާ ހެން ކުޑަރިކިލުގެ ހުސައިން ނަޒީހު ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް 75 ވަނަ މިނެޓުގައި އަނެއްކާވެސް ސެންޓޭ ލަނޑެއް ޖަހައި އޭދަފުއްޓަށް އަލުން ލީޑު ނަގައިދިނެވެ. އަދި 87 ވަނަ މިނެޓުގައި ކެޕްޓަން އަބްދުލްމަޖީދު (މަޖިއްޓޭ) ލަނޑެއް ޖަހައި އޭދަފުއްޓަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ ޓީމަށް ދެ ލަނޑު ޖަހައިދިން ސެންޓޭ އެވެ.
ޗެމްޕިއަން ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ހުކުރުދުވަހު ހަވީރު އެވެ.
ކުޑަރިކިލު ޓީމް މި މުބާރާތުގައި ދެއްކީ މޮޅު ކުޅުމެއް. އެޓީމްގެ ގޯލް ކީޕަރ މިމުބާރާތުގައި ފާހަގަ ކޮށްލެވޭ. ހާއްސަކޮށް އެއްޔެ މެޗްގައި ސެންޓޭ ހެދި ޝޮޓް ތައް ސޭވް ކުރުމުގައި އެކީޕަރ ގެ ހުނަރު ފެނުނު.