ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކިހާދޫ ކުޑަކުދިންގެ ޕާކަށް ފުރިހަމަކަމެއް

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ބ.ކިހާދޫ ކުޑަކުދިންގެ ޕާކުގަައި ކުދިން ކުޅޭ ސާމާނު ބަހައްޓައި އެ ޕާކް ބޭނުން ކުރަން ފަށައިފިއެވެ. މި ޕާކު ތަރައްގީ ކުރެވިފައިވަނީ ސެލްފް ސޯލާ ލައިޓް ހަރުކޮށް ތިމާވެއްޓާ ރައްޓެހި ޕާކެއްގެ ގޮތުގައެވެ. އެގޮތުން ޕާކު އަލިކުރުމަށް އިތުރު ކަރަންޓެއް ބޭނުންމެއް ނުކުރާނެއެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.

  ބ.ކިހާދޫ ގައި ތަރައްގީ ކުރެވިގެންދިޔަ ކުޑަކުދިންގެ ޕާކަކީ ބ.ކިހާދޫ އަށް ނިސްބަތްވާ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް އިސްނަގައިގެން އެރަށުގެ ކުޑަކުދިންނަށް ހެލިފެލިވެ އުޅުމަށާއި، ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގުމަށާއި މައިންބަފައިން ދަރިންނާއި  އެކު ވަގުތު ހޭދަކޮށްލުމަށް ގާއިމް ކުރެވުނު މާހައުލެކެވެ. އެގޮތުން މި ޕާކުގެ ވަށާ ފާރުގައި ހަރުކުރުމަށް ބޭނުންވާ ސެލްފް ސޯލާ ލައިޓާއި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ބޭނުންވާ ކުޑަކުދިންގެ ކުޅޭ ސާމާނު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

          “ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާއި މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން މަޑުޖެހިފައިވާ މިފަދަ ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ ރަށްރަށުގެ ތަރައްގީ އަށް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުން.”  ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

          “މި ޕާކުވެގެން ދާނީ މިރަށުގެ ކުޑަކުދިންނަށް ލިބޭ ވަރަށް ބޮޑު ހަދިޔާ އަކަށް. އެގޮތުން އާއިލާއާއެކު އެކުދިން އުފާވެރިކަމާއެކު ކުޅިވަރު ކުޅެލާނެ ރައްކާތެރި މާހައުލެއް ގާއިމް ކުރެވިގެންދާނެ. މިއީ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލްއިން އިސްނަގައިގެން ކުރިޔަށް ގެންދަން މަސައްކަތް ފެއްޓި ޕްރޮޖެކްޓެއް. އެގޮތުން އެކިފަރާތްތަކުގެ އެހީގަ ވަރަށް ގިނަ މަސައްކަތް ކުރެވިގެންދިޔަ. ނަމަވެސް މާލީ ދަތިތަކާއެކު ޕާކް ހުޅުވަން ބޭނުންވާ، ފިނިޝިންގެ މަސައްކަތްތައް ނުކުރެވިފަ ތިބީ. ބީއެމްއެލްގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް މި ޕާކް ހުޅުވޭ ހިސާބަށް މިދެވުނީ. ރަށުގެ ކުދިންގެ ދުޅަހެޔޮކަމާ ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެއް ބީއެމްއެލްގެ އެހީތެރިކަމާ އެކު އަޅުގަނޑުމެންނަށް މި ނިންމާލެވުނީ.” ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ ގެ ފަރާތުން އިބްރާހިމް ވަސީމް ވިދާޅުވިއެވެ.

          އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.