ބ. އޭދަފުށީ ކްލަބް ދަ ބިގިނަރސް އިން އިންތިޒާމްކޮށްގެން ބ. އަތޮޅުގައި ހުރި ރިޒޯޓްތަކަށާއި އޭދަފުއްޓަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ތުރުކީވިލާތުގެ ރަސްމީ އެއާލައިން ކަމަށްވާ “ޓާކިޝް އެއާލައިން” އިން ސްޕޮންސާކޮށްފި އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާ ދުނިޔޭގެ 164 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރާ ޓާކިޝް އޭއާލައިން އިން ނެގިއިރު ކޯ ސްޕޮންސާ އަކީ ރެޑްވޭވް އެވެ. އަދި މީޑިޔާ ޕާޓްނަރަކީ އޭދަފުށީ ޓައިމްސް (އީޓީ) އެވެ.
ކްލަބު ދަ ބިގިނާސްގެ ރައީސް އަލީ ޝަފީގު ވިދާޅުވީ މުބާރާތުގެ އިތުރު ސްޕޮންސާތައް ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
އަލީ ޝަފީގު ވިދާޅުވީ ޢަލްމަރުޙޫމް އަހްމަދު ޝާހީންގެ (ޖޯއީ) ހަނދާން އާކޮށް ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް އަދި ރާއްޖާގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމަށް މަޤްސަދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 12 ޓީމު ކަމަށެވެ.
މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ.
ދަ ބިގިނާސް އިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޭދަފުށީ ޓީމުތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި މި މުބާރާތާބެހޭ އިތުރު މައުލޫމާތު އަދި ސްޕޮންސާ ކަަންތައްތަކާއި 7992334 އަދި 7789383 އާ ގުޅުމަށް އެ ކްލަބުން އެދެއެވެ.