މިދިޔަ ސީޒަންގައި މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.
ނިއު އިން އެ ކްލަބްގެ ވެބްސައިޓްގައި ރޭ ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝާފީ އެ ކްލަބަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.
ކްލަބް ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނަށް ނުކުތުމަށް ފަހު، ވިކްޓަރީ އަށް ވެސް ކުޅުނު ޝާފީ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ޑިފެންޑަރެވެ.
ބ. އޭދަފުށްޓަށް އުފަން ޝާފީ އަކީ މާޒިޔާ އިން ނިއު އަށް މި ޓްރާންސްފާގައި ބަދަލުވި ދެވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން ތަޖުރިބާކާރު މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) ވެސް ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ނިއު އަށް ބަދަލުވެފަ އެވެ.
ސްޕެއިންގެ ކޯޗު އަންހެލް ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ނުކުންނަ ނިއު އަށް ތަޖުރިބާކާރު ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް ވަނީ ސޮއިކޮށްފަ އެވެ. އޮއްޕޮ ވެސް ނިއު އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ އިތުރުން މިދިޔަ ސީޒަންގައި ނިއު އިން ހޯދި ބޮޑު ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނިޔާޒާއި އަހުމަދު އަބްދުﷲ (ލިލީ) ވަނީ އެ ޓީމުގެ ކޮންޓުރެކްޓް އާކޮށްފަ އެވެ. މީގެ ތެރެއިން އިމްރާން ފިޔަވައި އެހެން ކުޅުންތެރިން ކޮންޓުރެކްޓް އާކުރީ ދެ އަހަރަށެވެ. / ހަވީރު އޮންލައިން