ބ. އޭދަފުއްޓަށް އުފަން ގައުމީ ޓީމުގައި މިހާރު ވިދަމުން އަންނަ ޒުވާން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ކައިވެނި ކޮށްފި އެވެ.
މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ކައިވެނި ކުރީ ކުރިން ދިއެފްއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރި އައިޝަތު އަބޫބަކުރު އާ އެވެ. މި ކައިވެނީގެ އުފަލުގައި ރަށުގެ ގިނަބަޔަކަށް ދައުވަތުދެވިގެން ބޭއްވި ހަފްލާއޮތީ މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
މިދިޔަ ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނިއު އިން ތިން ތަށި ކާމިޔާބުކުރި އާދަޔާ ހިލާފު ސީޒަންގައި ސެންޓޭ އަކީ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ސެންޓޭ ވަނީ މިދިޔަ ސީޒަންގައި ނިއު އަށް 14 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި ދާދިފަހުން ނިމިގެންދިޔަ ބާ އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުއްޓަށް ތަށި ހޯދައިދިނުމުގައި ސެންޓޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ.
މި ހާއްސަ ކުޅުންތެރިޔާގެ ކައިވެންޏާ އެކު އޭނާގެ ފުޓްބޯޅައިގެ ކެރިއަރަށް ވެސް އިތުރު ތަރައްގީއަކާ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެހެން ވުމުން އޭނާގެ ކައިވެންޏަށް އީޓީގެ ކިޔުންތެރިންނާއި ނިއުސްޓީމުގެ ފަރާތުން ވަރަށް އުފާވެރި ޒަވާޖީ ހަޔާތަކަށް އެދެމެވެ.