ދަ ނައުޓިލަސް އަށް ވޯލްޑް ބެސްޓް ނިއު ލަގްޒަރީ ހޮޓެލް އެވޯޑް

ނައުޓިލަސް ރިސޯޓް

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސް (އެލްޓީއައި) އިން ހޮވި ދުނިޔޭގައި މިއަހަރު އަލަށް ހުޅުވި އެންމެ ރަނގަޅު ލަގްޒަރީ ރިސޯޓަކަށް ބ. އަތޮޅުގައި ހިންގަމުން އަންނަ ދަ ނައުޓިލަސް މޯލްޑިވްސް ރިސޯޓް ހޮވިއްޖެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޑރ. އިބްރާހިމް އުމަރު މަނިކު ބ. ތިލަދޫގައި މިއަހަރު ކުރީކޮޅު އަލަށް ތަރައްގީކުރެއްވި ނައުޓިލަސް މޯލްޑިވްސްއަކީ މުޅިން ތަފާތު ކޮންސެޕްޓެއްގެ ރިސޯޓެކެވެ. އެންމެ މަތީ ފެންވަރުގެ 26 ކޮޓަރި ހިމެނޭ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް މަރުހަބާ ކިޔަނީ އެއާޕޯޓުގެ ވީއައިޕީންނެވެ. މި ރިސޯޓު ޑިޒައިންކޮށްފައި ވަނީ އާ ޖީލުގެ މަތީ ފެންވަރުގެ ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ.

މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ވަކި ލިވިން ރޫމަކާއި ބެޑްރޫމެއް ހުރެ އެވެ. އަދި ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. އޭގެ އިތުރުން މަތީ ފެންވަރު ކެއުންތައް ލިބޭ ރެސްޓޯރަންޓާއި ސްޕާގެ ހިދުމަތް ވެސް ލިބެންހުރެ އެވެ.

ނައުޓިލަސް ރިސޯޓް

ނައުޓިލަސް ރަސްމީކޮށް ހުޅުވީ މިއަހަރުގެ ޓޫރިޒަމްގެ ސީޒަނާ ދިމާކޮށް ފެބްރުއަރީ 5 ގަ އެވެ.

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން އާންމުކޮށްފައިވާ “ވޯލްޑްސް ބެސްޓް ނިއު ލަގްޒަރީ ހޮޓެލް”ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 ހޮޓެލްއެއް ވަނީ ހިމަނާފައެވެ. ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން ބުނީ މި ލިސްޓް އެކުލަވާލާފައިވަނީ ދާއިރާގެ ތަޖުރިބާކާރު މީހުން ހިމެނޭ ޕެނަލަކުންކަމަށެވެ.

މި ލިސްޓުން ނައުޓިލަސް އަށް އެއްވަނަ ލިބުނުއިރު، މާލެ އަތޮޅު ވޯލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި ރ.އަތޮޅު އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް ވެސް މި ލިސްޓްގައި ހިމެނެ އެވެ.

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން އާންމުކޮށްފައިވާ “ވޯލްޑްސް ބެސްޓް ނިއު ލަގްޒަރީ ހޮޓެލް” ގައި ރާއްޖޭގެ އިތުރުން މޮރޮކޯ، ޖަޕާން، ޔޫކޭ، ފްރާންސް، އިޓަލީ، ހޮންކޮންގެ ބައެއް ހޮޓެލްތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.