200 އަށްވުރެ ގިނަ ރަށު ކައުންސިލް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ 200 އަށްވުރެ ގިނަ ރަށުގެ، ރަށު ކައުންސިލް ކޮމްޕިއުޓާ ވިއުގައަކުން ގުޅާލުމުގެ މަޝްރޫއެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ނޭޝަނަލް ސެންޓަ ފޯ ދި އިންފޮމޯޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ފަށައިފި އެވެ.

މި މަޝްރޫއުގެ ކުރިއަށް ގެންދަނީ ދިރާގާއި ވަތަނިއްޔާ ހަވާލުކޮށްގެނެވެ. މި މަޝްރޫއުގެ ދަށުން 100 ރަށުގެ މަސައްކަތް 16 މިލިއަން ރުފިޔާއަށް މިއަދު ހަވާލުކޮށްފައި ވަނީ ދިރާގަށެވެ.

އެންސީއައިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “އީ ކައުންސިލް” ސާވިސްގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރައްވީ އެ ކުންފުނީގެ ސީއީ އިސްމާއިލް ރަޝީދު އެވެ. އެންސީއައިޓީގެ ފަރާތުން ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ސޮއިކުރެއްވި އިރު ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. ޝަމްހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް އެއް ވިއުގައަކުން ގުޅާލުމުގެ ސަބަބުން، ލާމަރުކަޒީ ނިޒާމެއްގެ ދަށުން ދެމުން ގެންދާ ހިދުމަތްތައް ފުޅާވެ ތަރައްގީ ވެގެންދާނެ ކަމަށެވެ.

“ފުރަތަމަ މި ސޮއިކުރަނީ ދިރާގާ އެކު އެއީ 100 ރަށުގައި ހިދުމަތްދޭން. އަދި އަންނަ ހަފުތާ ހިސާބު ވަތަނިއްޔާއާ އެކު ސޮއިކުރެވޭނެ. އަދި އީ ކައުންސިލް ސޮފްޓްވެއާގެ މަސައްކަތް ނިމުމުން މި ހިދުމަތް ހޯދުމުގައި ފަސޭހަ ވެގެންދާނެ،” ޝަމްހީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވީ މި ނިޒާމު ގާއިމްކުރުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“މިފަދަ ނިޒާމެއް ގާއިމްކުރުމުގެ މަގުސަދަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން،” ޖަމީލު ވިދާޅުވި އެވެ.

ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން މިއަހަރުގެ ނިޔަލަށް 50 ރަށުގައި ހިދުމަތް ގާއިމްކުރެވޭނެ ކަމަށެވެ.

“އަޅުގަނޑުމެންނަކީ ކަނޑައަޅާފައިވާ ތާރީހަށް އެކަމެއް ނިންމާ ބައެއް. އެހެންވެ މިކަންވެސް ތާރީހަށް ނިމޭނެ. މި މަސައްކަތުގެ ބައެއް އަޅުގަނޑުމެން މިހާރުވެސް މިދަނީ ކުރަމުން. އެއީ ރާއްޖޭގެ އަށް ސަރަހައްދު ސަބްމެރިން ކޭބަލަކުން ގުޅާލުން،” އިސްމާއިލް ވިދާޅުވި އެވެ.

ތިން އަހަރު ދުވަހުން އެއްކޮށް ފުރިހަމަ ކުރަންޖެހޭ މި މަޝްރޫއުގެ ދަށުން، ސަރުކާރުގެ އޮފީސް ތަކުން ދޭ ގިނަ ހިދުމަތްތަކެއް ރަށުގައި ތިބެގެން ހޯދޭނެ އެވެ. މި ނިޒާމް މެދުވެރިކޮށް ހޯދޭ ހިދުމަތްތަކުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ފޯމްތައް ލިބުމާއި އެ ފޯމްތައް ހުށަހެޅުން ހިމެނެ އެވެ. – ޙަބަރު / ހަވީރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.