
ދިވެހި ކުންފުންޏެއް ކަމަށްވާ ސެލްޓެކް ސޮލިއުޝަންގެ އިސްނެގުމަކަށް ލޭ ހަދިޔާކުރާ މީހުންނަށް ހާއްސަ ވެބްސައިޓަކާއި އެސްއެމްއެސް ނިޒާމެއް ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.ދިރާގާއި ލިންޓެލް އިންވެސްޓްމަންޓް އަދި ނެޝެނަލް ތެލެސީމިއާ ސޮސައިޓީގެ އެހީތެރިކަމާއެކު އުފައްދާފައިވާ މި ނިޒާމު ހިލޭ ސާބަހަށް ތައްޔާރުކޮށްދީފައިވަނީ ސެލްޓެކް ސޮލިއުޝަނުންނެވެ.
މި ޚިދުމަތް ތައާރަފް ކުރުމަށް މިއަދު ޓްރޭޑާސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ ލޭ ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ނިޒާމަށް އެ ކުންފުނިން އެހީތެރިވެދިނީ އިޖުތިމާއީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
“ސެލްޓެކް ސޮލިއުޝަނުން އިސްނަގައިގެން އައުމުން އަޅުގަނޑުމެން ވެސް އެހީދިނީ. މިކަން އަޅުގަނޑުމެން ކޮށްދީފައިވަނީ މުޅިން ހިލޭ. އަޅުގަނޑުމެން މި ނިޒާމު މެދުވެރިކޮށް ފޮނުވާ އެސްއެމްސްތަކަށް ލިބޭ ފައިސާ ވެސް ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކުރާނީ،” އިސްމާއިލް ވިދާޅުވި އެވެ.
ލޭ ހަދިޔާކުރަން ބޭންވާ ފަރާތްތަކުން މި ނިޒާމުގައި ރަޖިސްޓްރީކުރަން އާރްއީޖީ ޖެހުމަށް ފަހު އައިޑީ ކާޑު ނަމްބަރު ޖެހުމަށްފަހު 678 އަށް އެސްއެމްއެސް ކުރުމުން ރަޖިސްޓްރީކުރެވެ އެވެ. އަދި ބޭނުންވާ ލޭގެ ގްރޫޕެއް ހޯދުމަށް އަތޮޅު ކޯޑާއި ރަށް ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު ބޭނުންވާ ލޭގެ ގްރޫޕް ޖަހާފައި 678 އަށް އެސްއެމްއެސް ކުރުމުން ބޭނުންވާ ލޭގެ ގްރޫޕެއް ހުރި މީހެއްގެ ފޯނަށް އޮޓަމެޓިކުން އެސްއެމްސްއެސް ލިބެ އެވެ. ރަޖިސްޓްރީ ކުރަން ފޮނުވާ އެސްއެމްއެސްއަކަށް ޗާޖް ކުރާނީ އެއް ރުފިޔާ އެވެ.