މި އަހަރުގެ ޅެންވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ބ. ދަރަވަންދޫގައި ފާހަގަކޮށްފި އެވެ.
ދިވެހިބަހުގެ އެކަޑެމީން އިންތިޒާމުކޮށްގެން މި ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ނަޒީރު އެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރަވަންދޫ ސްކޫލުގައި ހުކުރު ދުވަހު ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ޅެންވެރިންގެ ދުވަސް ނިސްބަތްވެ ވަޑައިގަންނަވާ މަރުހޫމް އިބްރާހިމް ޝިހާބާއި ދަވަރަންދޫގެ ކުރީގެ ޅެންވެރިންނާއި މިހާރު ޅެންވެރިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދެއްކި އެވެ.
މިހަފްލާގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުއްވާ “އާކުރި” މަޖައްލާގެ އަދަދެއް ވެސް ނެރުއްވުން އޮތެވެ. އަދި ދަރަވަންދޫގައި ގައުމީ ފެންވަރުގައި ޅެންވެރިންގެ ދުވަސް ފާހަގަކުރި ކަމުގެ ހަނދާނީ ފިލައެއް ވެސް ދިނުން އޮތެވެ.