ފެހެންދޫގައި ސްކޫލެއްނެތި 5 އަހަރު

މިއަހަރުގެ ދަިރާސީ އަހަރުގެ ފުރަތަމަ ދުވަހު ފެހެންދޫ ސްކޫލު ްކުދިން ކަނޑުހުރަސްކޮށް ގޮއިދޫއަށް ދަނީ- އީޓީ ފޮޓޯ/ ޒުހުދާ
މިއަހަރުގެ ދަިރާސީ އަހަރުގެ ފުރަތަމަ ދުވަހު ފެހެންދޫ ސްކޫލު ްކުދިން ކަނޑުހުރަސްކޮށް ގޮއިދޫއަށް ދަނީ- އީޓީ ފޮޓޯ/ ޒުހުދާ

 

 ބ. ފެހެންދޫ އިން؛ ފާޠިމަތު ޒުހުދާ

ކުދިން މަދުކަމަށް ބުނެ ބ. ފެހެންދޫ ސްކޫލް ބަންދުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.

އޭރު ފެހެންދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީން 2007 ވަނަ އަހަރު އެ ސްކޫލު ބަނދުކުރީ އެހާ މަދު ކުދިންކޮޅަކަށް ކިޔަވައިދިނުމަށްޓަކައި ވަކިން ސްކޫލެއް ބެހެއްޓުމަކީ ސަރުކާރަށް ވަރަށް ދަތި ކަމެއް ކަމަށްވާތީ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީއަށް ފެންނަ ގޮތަކީ ގޮއިދޫ ސްކޫލަށް ކުދިން ބަދަލުކުރުން ކަމަށާއި މި ބަދަލުގެ ސަބަބުން ކުދިންގެ ތަޢުލީމީ ފެންވަރު ރަގަޅުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ލަފާ ދެއްވައިފަ އެވެ. ހަމައެހެންމެ ގޮއިދޫ ސްކޫލަށް ދިއުމަށްޓަކައި އެޑިޔުކޭޝަންގެ ފަރާތުން ސްކޫލްކުދިންނަށް ފެރީގެ ޚިދުމަތް ލިބޭނޭ ގޮތް ހަމަޖައްސައި ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އެހެންކަމުން އެވަގުތު އެ ސްކޫލުގައިތިބި ބެލެނިވެރިންގެ ތެރެއިން ގިނަ ބެލެނިވެރިން ވަނީ ސްކޫލް ބަންދުކުރުމަށް އެއްބަސްވެފައެވެ.

ނަމަވެސް 2008 ވަނަ އަހަރު ފެށުނު އިރުވެސް ފެހެންދޫ ސްކޫލް ކުދިންނަށް ފެރީގެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ކުދިން އެ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ސްކޫލަށް ދިޔައިރު ފެހެންދޫ ސްކޫލްކުދިންނަށް ޖެހުނީ ގޭގައި ތިބޭށެވެ. އެޑިޔުކޭޝަނަށް މި މައްސަލަ ހުށަހެޅުމުން ވަގުތީ ގޮތުން ގޮއިދޫއިން ޓީޗަރަކު ގެނެސް ފެހެންދޫ ސްކޫލްގައި ކިޔަވައި ދިނުމަށް އެންގިކަމަށް ވެ އެވެ.

2 މަސްދުވަސް ވީއިރުވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުމުގެ ސަބަބުން ބެލެނިވެރިން “ރަތަށް” އެރިއެވެ. އަދި ރަށުގެ ރައްޔިތުންނާއިއެކު ނުކުމެ އޮފީސް ބަންދުކޮށް އިޙްތިޖާޖްކުރަން ފެށިއެވެ. ހައްލެއް ނުލިބެނީސް އިޙްތިޖާޖް ހުއްޓާނުލާނެ ކަމަށް ބުނަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ގޮއިދޫ ސްކޫލްގައި އުޅޭ ފެހެންދޫ ކޮންމެ ކުއްޖަކަށް -/1000 ރުފިޔާގެ އެލަވަންސްއެއް ދޭން އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވި އެވެ.

“އީޓީ” އާ މައުލޫމާތު ހިއްސާކުރި ބައެއް ބެލެނިވެރިން ބުނީ އެލަވަންސްދޭން ފެށިނަމަވެސް އެ ފައިސާއިން ދަތުރުގެ ޚަރަދުވެސް ނުފުދޭ ކަމަށާއި އަދި މަހުން މަހަށް އެލަވަންސްގެ ފައިސާ ނުލިބޭތީ ވަރަށް ދަތިވާ ކަމަށެވެ.

ބެލެނިވެރިއެއްކަމަށްވާ އާސިފާ ބުނިގޮތުގައި ހަމައެކަނި ދަތުރަށް ވެސް މަހަކު -/10،000 ރުފިޔާ ޚަރަދުވެ އެވެ. އަދި އެންމެ ދަތިވަނީ ދަތުރުގެ ކަންތައްތައްކަމަށާއި ރަށުކައުންސިލާ ވެސް މި މައްސަލައާއި ބެހޭގޮތުން ވާހަކަދެއްކިފައިވާނެ ކަމަށާއި ނަމަވެސް ކައުންސިލުން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

“މިކަމަށް އޮތް ހައްލަކީ ސަރުކާރުން އެލަވަންސް ބޮޑުކޮށްދިނުން، ނޫނީ ސްކޫލް ކުދިންނަށް ފެރީއެއްގެ ޙިދުމަތް ލިބޭނޭ ގޮތް ހައްދަވައި ދެއްވުން،” އާސިފާ ވިދާޅުވި އެވެ.

ފެހެންދޫ ރަށު ކައުންސިލްގެ ރައީސް ޝާހީން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީންވެސް އަދި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުންވެސް ފެހެންދޫ ސްކޫލްކުދިންނާ ބެހޭގޮތުން އެއްވެސް ވަރަކަށް މައުލޫމާތު ސާފުކޮށް އެލަންވަންސް ލިބޭތޯވެސް ބަލާފައެއް ނުވެއެވެ. ހަމަ އެހެންމެ ރަށުކައުންސިލްގެ ފަރާތުންވެސް މިކަމަށް ހައްލެއް ހޯދުމައްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް ކައުންސިލުންވެސް އެއްބަސްވެ އެވެ.

“ނަމަވެސް މިހާރުވާނީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި. ރަށުގެ ރައްޔިތުންގެ ޚިޔާލު ހުރިގޮތަށް ބަލާއިރު ގިނަ ބޭފުޅުން ވިދާޅުވަނީ އެޑިޔުކޭޝަން އިން ފެހެންދޫ ސްކޫލް ބަންދުކުރިއިރު ރައްޔިތުންނާއި މަޝްވަރާ ކުރެވެން ޖެހޭނެކަމަށް، ނަމަވެސް އެންމެ ހައެއްކަ ބެލެނިވެރިންނާއި ބައްދަލުކޮށް ނިންމި ނިންމުން ރައްޔިތުން ބަލައެއްނުގަނޭ. އެހެންވެ މިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ފުރިހަމައަށް ޒިންމާވާން ޖެހޭނެ.”

އަލުން ފެހެންދޫ ސްކޫލް ހުޅުވައި ނުދިން ކަމުގައި ވިޔަސް ފެރީގެ ޚިދުމަތް ޤާއިމުކޮށް ދިނުމަކީ މިހާރުން މިހާރަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމުގައި އެރަށުގެ ރައްޔިތުން ދެކެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭ “ސްކޫލްކުދިންގެ ހާލު” ސަރުކާރުން ބަލާލާފައި ނުވުމުން ދޭހަވަނީ ސަރުކާރުން ފެހެންދޫ ސްކޫލް ކުދިންނާއި މެދު އިޙްމާލްވެފައިވާ މިންވަރު ކަމަށްވެސް އެރަށުގެ ރައްޔިތުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

  1. rayyithehh

    ކަލޭމެން އޭދަފުށީ މީހުންނަށް ހީވާނީ އަބަދުވެސް ތިހެން! ތީ ވަރަށް ގޮތްކުޑަ ބަޔަކު އުޅޭ ރަށެއްނު!

    ރައްދު
    1. nameh nukiyaa

      ގޮއި ކުޑާ މީހުން ނޫޅެނީ ކޮންރަށެއްގަތަ… މިހާރު ތިހެންތިބުނާ މީހާ އަކީ ވަކި ރަނގަޅޫ މީހެއްބާއޭ މަގޭ ހިތަށް އަރަނީ…. މީހަކަށް އެހީތެރި ވުމަކީ ގޮއި ކުޑަ ވުން ކަމުން ކަމުގައިވާ ނަމަ ތިބޭފުޅާ މި ލިޔުމަށް ކޮމެންޓް ކުރުމަކީ ވެސް ހަމަ ގޮއިކުޑަ ވުމޭ ބުނެވިދާނެ…

      ރައްދު
  2. mary

    ވޯޓެއް ހޯދަންވީމަ ފެހެންދޫ ޗާޓުންވެސް ފެނޭ ރާޑަރަށްވެސް އަރާ…. މީހުންވެސް އުޅޭ.. ސްކޫލް ކުދިންނަށް ފެރީއެއް ބާއްވަން ވީމަ މީހުނެއްވެސް ނޫޅޭ… ސަރުކާރުންބުނޭ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ކިޔަވަދޭ ސްކޫލެއް ހުންނާނެޔޭ… ޔަގީނާގާތަށްވެސް ބުނެވިދާނެ މުޅިރާއްޖޭގައިވެސް ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް ނެތް ހަމައެކަނި ރަށަކީ ފެހެންދޫއޭ.. މީ ނުވާނެ ދޮގަކަށް… ޔަގީންކޮށްލަން ބޭނުމިއްޔާ ރަށު ކައުންސިލް އިދާރާއަށް ގުޅާލިޔަސް މައްސަލައެއް ނެތް..

    ރައްދު
  3. ރަހުމަތްތެރިޔާ

    ކިތަންމެ މަދު ކުދިންތަކެއް ތިއްބަސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގަވެސް ސުކޫލް ހުންނަން ވާނެ… ފެހެންދޫ މީހުންނަކީވެސް ދިވެހި ރައްޔަތުންވިއްޔާ ހުރިހާ އަސާސީ ހިދުމަތެއް ލިބިންޖެހޭނެ..

    ރައްދު
  4. banny

    ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ތެރެއިން ފެހެންދޫގެ ރައްޔިތުން އެހެންރަށަކަށް ބަދަލުކުރުމުގެ އެއްވެސްކަހަލަ މަޝްރުއުއެއް ކުރިއަށްގެންދަން އުޅުނުކަމުގެ މައުލޫމާތު، ހިމަނާލިނަމަ ކޮމަންޓެއްކޮށްލަން ފަސޭހަވާނެ.. ރަށުގައި މީހުން ރަށްވެހިވެފައި އޮތް ހާލު ސަރުކާރަކުން ނުވާނެ، ވަކި ގޮތަކަށް ކަމެއް ހަމަނުޖައްސައި، ރަށުގެ ސްކޫލް ބަންދުކޮށްގެނެއް.. އެކަން އެގޮތަށް ކޮށްފިނަމަ އެއީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތަކާއި ހިލާފްވުމުން.. ސަރުކާރުން ފެރީގެ ހިދުމަތް ދޭނޭކަމުގެ ޔަގީންކަން ދީފައި ފެހެންދޫ ސްކޫލް ބަންދުކުރުމަކީ ޤަބޫލްކުރެވޭނޭކަމެއްނޫން.. ސަރުކާރަށް ބަރޯސާވެގެން ކަންކަން ކުރަން އުޅުމަކީ މި ރާއްޖޭގެ ރައްޔިތުންގެ އެންމެބޮޑު އެއް ބަލިފައި.. މިހުރިހާ ކަމެއް ހިނގައިދިޔައިރު، ކޮބައިތަ ފެހެންދޫ ރައްޔިތުންގެ ބެލެނިވެރިފަރާތް ޔައުނީ ކައުންސެލަރުން..؟؟

    ރައްދު
  5. nameh nukiyaa

    ދެން މީހުން ނޫޅެންޔާ ސަރުކާރުން ވެއްޖެ ނުން ތިރަށުގެ މީހުން މީހުން އުޅޭ ރަޝަކަށް ބަދަލް ކުރަން.. މީހުން ނޫޅޭ ބުނުމަކުން އަދި ހަމައެއް ނުޖެހޭނެ.. އެވެސް އިންސާނުން. އެމީހުންނަށް ވެސް ލިބެންޖެހޭ ހައްގެއް އެއީ.. އެ މަންމަ އިންވެސް ބޭނުން ވާނެ އެމީހުންގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ލިބުމަށް.. ސްކޫލަށް ފޮނުވަންށޭ ކިޔާފަ ދެން އެމީހުންވީ އެމީހުނަށް ލިބޭ މަދު މުސާރަ ކޮޅޫ އެކަމަށް އެކަނި ހަރަދު ކޮށްފަ ނުކައި ތިބެން.. ފަގީރު އާއިލާ އަކަށް 10000ރ. އެއީ ހާދަ ބޮޑު އެއްޗެކޭ.. :@

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.