ހަމްޕުއާ މެދު ނިއު އިން ބޮޑު އުއްމީދެއްގައި

ނިއު އަށް އަލަށް ގެނައި ފޯވާޑް ހަމްޕު: އޭނާއާ މެދު އުއްމީދު ބޮޑު. --ފޮޓޯ/ނިއުރޭޑިއަންޓްއެސްސީ.ކޮމް
ނިއު އަށް އަލަށް ގެނައި ފޯވާޑް ހަމްޕު: އޭނާއާ މެދު އުއްމީދު ބޮޑު. –ފޮޓޯ/ނިއުރޭޑިއަންޓްއެސްސީ.ކޮމް

ނިއު ރޭޑިއަންޓަށް ބ. އޭދަފުށިން ގެނެސްފައިވާ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އަކީ ނިއު އިން ކުރިމަގަށް ކުރި ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އޭނާއާ މެދު ބޮޑު އުއްމީދެއް ކުރާ ކަމަށް ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

ނިއުއާ އެކު މި ހަފުތާގައި ދެ އަހަރުގެ ކޮންޓްރެކްޓެއް ހެދި އުމުރުން 18 އަހަރުގެ ހަމްޕު ވަނީ، ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު މާޒިޔާ އަތުން 4-3 އިން ނިއު މޮޅުވި މެޗުގައި ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

“އަޅުގަނޑުމެންގެ އޭދަފުށީ ކޮންޓެކްޓްސްތައް ބުނާ ގޮތުގައި ހަމްޒާއަކީ މި ވަގުތު އެ ރަށުގެ އެންމެ ވަރުގަދަ ޓެލެންޓް. އެހެންކަމުން އޭނާ ގެނައީ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި. އެއީ އަޅުގަނޑުމެން ބޭނުންވޭ ކުޅުންތެރިން އުފައްދަން ވެސް،” އާ ސެންޓޭގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ހަމްޕުއާ ބެހޭގޮތުން ބަލަކް ވިދާޅުވި އެވެ.

ނިއުގެ ކޯޗު ޕެރޭޒް ގާސިއާ ވެސް ވަނީ މި ކުޅުންތެރިޔާގެ ހުނަރަށް ތައުރީފުކޮށް ސީނިއާ ޓީމުގައި ވެސް އޭނާ އަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ބުނެފަ އެވެ.

ނިއު އަށް ވަނީ ގާނާގެ ފޯވާޑެއް ކަމަށްވާ އިވާންސް ރުސް މަންސާ އާއި ގާނާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޖޮނަތަން ކުއާޓޭ ވެސް ގެނެސްފަ އެވެ. ބަލަކް ވިދާޅުވީ މި ދެ ކުޅުންތެރިންނާ އެކު އޭއެފްސީ ކަޕުގައި ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށެވެ.

“ބައެއް ފަރާތްތަކުން ބުނޭ އަޅުގަނޑުމެން އޭއެފްސީ ކަޕް ސީރިއަސްކޮށް ނުނަގައޭ. އެކަމަކު މި ދެ ކުޅުންތެރިންނާ އެކު އޭއެފްސީ ކަޕަށް ސްކޮޑް މި އޮތީ ވަރުގަދަވެފައި. މީގެ ތެރެއިން އިވާންސް އަކީ ޓެކްނިކަލީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ނިއުގެ ސަޕޯޓަރުން ކައްކުވާލާނެ. މިއީ އަޅުގަނޑުމެންގެ ކުރީގެ ކޯޗު ޕޮޕޯފްގެ އޭޖެންޓް ހޯދައިދިން ދެ ކުޅުންތެރިން،” ބަލަކް ވިދާޅުވި އެވެ.

ހަބަރު – ހަވީރުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.