
ރޭ ނިމުނު ފޭލި ޖަމިއްޔާގެ ގުރުއާން މުބާރާތުގެ ނަތީޖާ މިރޭ ފާޅުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ފޭލި ޖަމިއްޔާގެ އިންތިޒާމު ސެކްރެޓަރީ މުހައްމަދު ރަޝީދު ވިދާޅުވީ އެ ޖަމިއްޔާގެ 10 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މިރޭ 8:30 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮންނާނެ ކަމަށެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މި މުބާރާތުގެ ވަނަތައް ހޮވާގޮތަށް ހަމަޖެހިފައިވަނީ ދެ ގޮފިން މުޅި މުބާރާތުންނާއި ކޮންމެ އުމުރުފުރާއަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނަ އެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން އެންމެމޮޅު ފަސް ބައިވެރިންވެސް ހޮވާ އިނާމު ދެވޭނެ ކަމަށް ފޭލިން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރިވެ ކިޔަވާފައިވާ ކޮންމެ ކުއްޖަކަށް ހަނދާނީ އިނާމަކާއި ސެޓްފިކެޓެއް ދެވޭނެ ކަމަށް ފޭލިން ބުންޏެވެ.
ފޭލިން ބުނީ ރަމަޟާން މަހާ ގުޅުވައިގެން ބާއްވާ މި މުބާރާތް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށެވެ.