ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ބޭއްވި ޤުރްއާން ކިޔެވުމުގެ 10 ވަނަ މުބާރާތުގެ ހިތުދަސްކުރުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ފާތުމަތު ޔުމްނާ އާތިފް އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ޝަހާމަތު އަބްދުލްޣަފޫރު ހޯދައިފި އެވެ.
ހުރިހާ އުމުރު ފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ފުރުސަތު ދީގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ މުނާސަބަތުގައި ފޭލި ޖަމިއްޔާ އިން ބާއްވަމުން އަންނަ މި މުބާރާތުގެ ނަތީޖާ ރޭ ފާޅުކޮށްފައިވާ އިރު، ހިތުދަސްކުރުމުގެ ބައިން މިރަށު ސަބްދެލިގޭ އުމުރުން 12 އަހަރުގެ ފާތުމަތު ޔުމްނާ އާތިފް، އެއްވަނަ ހޯދީ 105 ކުދިންނާ ވާދަކޮށްގެންނެވެ. ޔުމްނާ ވަނީ މިދިޔަ އަހަރު ބޭއްވި މުބާރާތުން ހިތުދަސްކުރުމުގެ ބައިން މުޅި މުބާރާތުން ދެވަނަ ހޯދައިފަ އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ މިރަށު ފެހުނު ޝަހާމަތު އަބްދުލްޣަފޫރު ހޯދީ އެ ގޮފިން 147 ކުދިންނާ ވާދަކޮށްގެންނެވެ.
މުޅި މުބާރާތުން ހިތުދަސްކުރުމުގެ ބައިން ދެވަނަ އޭދަފުށީ ކާނޭޝަންމާގޭ އިޔާން އަލީ ވަހީދު ހޯދިއިރު އެ ބައިން ތިންވަނ ހޯދީ ދޮންދުބުރިގޭ، ހިޝްމާ ޚާލިދު އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން ދެވަނ ހޯދީ އޭދަފުށީ އަރާމް، ނިހާ މޫސާ އެވެ. އަދި ތިންވަނަ ހޯދީ ކާނޭޝަންމާގޭ، ޝަރުމީލާ ހުސައިން އެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު އެވެ.
ފޭލި ޖަމިއްޔާއިން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ.