ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން 300،000ރ. ގެ ފައިސާ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ ދިރާގުން އަލަށް ފެށި މި ޕްރޮމޯޝަން ކަސްޓަމަރުން ބަލައިގަންނާނެ ކަމަށެވެ.
“އެނގިވަޑައިގަންނަވާނެ ފަދައިން ދިރާގުގެ ޕްރީޕެއިޑަކީ ރާއްޖޭގައި އެންމެ މަގުބޫލު އަދި އެންމެ ގިނަ މީހުން ބޭނުންކުރާ ހިދުމަތް. މިގޮތުން މިކަހަލަ ޕްރޮމޯޝަނެއް އަޅުގަނޑުމެން ތައާރަފު ކުރުމުގައި ބެލީ 300،000 އަށް ވުރެ ގިނަ ޕްރީޕެއިޑް ކަސްޓަމަރުން ބޭނުން ކުރާ ހިދުމަތަކީ އާންމުކޮށް ރިޗާޖު ކަމަށްވާތީ،” އައިޖީއެމްއެޗް ކައިރިން އަމީނީމަގުގައި ހަދާފައިވާ ދިރާގުގެ އާ އިމާރާތުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ނޮވެމްބަރު 22ގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި 300ރ. ގެ ރީލޯޑްކުރާ ކޮންމެ ފަހަރަކު ގުރުއަތަށް އެ މީހެއްގެ ނަން ހޮވޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަށް 300،000ރ. ފައިސާގެ އިނާމު ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް 30ރ. ގެ ރިލޯޑްކޮށްގެން ސެމްސަން އެސް 3 ފޯނެއް ލިބުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ. އެގޮތުން އެކި އަދަދުތަކަށް ރިލޯޑް ކޮށްގެން ހަމަވާ ކޮންމެ 30ރ. އަކަށް އެމީހެއްގެ ނަން ނޮމިނޭޓްވާނެ އެވެ. އަދި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ދިމާވާ ކޮންމެ ވެސް އެއްފަރާތަކަށް ސެމްސަން އެސް 3 ފޯނެއް ލިބޭނެ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ދިވެހިންގެ އިތުރަށް ޕްރީޕެއިޑް ގެންގުޅޭ ބިދޭސީ ފަރާތްތަކަށް ވެސް އިނާމު ލިބޭނެ ކަމަށެވެ. އަދި ޕްރީޕެއިޑްގެ އިތުރުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ތަފާތު ޕްރޮމޯޝަންތައް ކުރިމަގުގައި ކުރިޔަށް ގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މިދިޔަ ރޯދަ މަހު ވެސް ރޯދަ ހަދިޔާގެ ނަމުގައި ތަފާތު ގިނަ ޕްރޮމޯޝަންތަކެއް ދިރާގުގެ ކަސްޓަމަރުންނަށް އެކުންފުނިން ހިނގާފައިވެ އެވެ. ޚަބަރު / ހަވީރު އޮންލައިން