ސަލީމް ނެރުއްވި ނޫސްބަޔާން

އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް

ވެދުންސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑާއިބެހޭ ގޮތުން ސީދާ ގޮތުންނާއި ނުސީދާގޮތުން ސޯޝަލް މީޑިއާ ތަކުގައާއި އެހެނިހެން ތަންތަނުގައި ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކަށް ރައްދު ދިނުމަކީ ކުރާހިތްވާ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މި ދާއިރާ އަށް ހޮވާފައިވާ ލޮބުވެތި ރައްޔިތުންނާއި ކުރިން ނޫނެކޭ ބުނެ އެކަމަކު މިހާރު އާއެކޭބުނަން ބޭނުންވެފައިވާ އެތަކެއް ރައްޔިތުންގެ ޝަރަފަށްޓަކައި ޙަޤީޤަތް ސާފުކޮށް ދިނުމަށް އެ ފަރާތް ތަކުން އެދޭތީވެ އެކަންސާފު ކޮށްދޭން އެބަ ޖެހެއެވެ.

އަޅުގަނޑަކީ ކޮރަޕްޝަނާއި ފަސާދަ އާއި ދެކޮޅަށް މަސައްކަތް ކުރާ، ދީނަށާއި ޤައުމަށް އިޚްލާޞް ތެރި ކަމާ އެކު މަސައްކަތް ކުރުމަށް ހުވާ ކޮށްގެން ހުރި މީހަކަށް ވީ ހިނދު، އަޅުގަނޑަކީ އެފަދަ ކަންތައްތަކާ ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް ވަކާލާތުކޮށްފައިވާ އެކަކުކަން އޮންނާނީ ސާބިތު ކޮށްދީފައެވެ. މަޖިލީހުގެ ގޮޑީގައި އިނދެގެންނާއި އެކި އެކި ފޯރަމްތަކާއި ޕޯޑިއަމް ތަކުގައި އެންމެ ގިނައިން ދެކެވިފައިވާނެ އެއްވާހަކަ އަކީ އެއީއެވެ. ވީމާ އަޅުގަނޑާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށް ނުވަތަ އަޅުގަނޑުގެ އަގު ވައްޓާލުމަށް ތިޔަކުރައްވާ ބޭކާރު މަސައްކަތް ހުއްޓާލެއްވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ. އެގޮތުން ދައްކާ ކޮންމެ ވާހަކަ އަކުން އަޅުގަނޑަށް ލިބޭނީ ޕްލަސް ޕޮއިންޓެއްކަންވެސް ހަނދާން ކުރައްވާށެވެ.

އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް އެހީއެއް ވެވިފައިވާނަމަ އެ އެހީއެއް ވެފައިއޮންނާނީ އެއްވެސް ޝަރުޠަކާ ނުލައެވެ. އެއްވެސް އެދުމަކާވެސް ނުލައެވެ. ހަމަ އެގޮތަށް ޒުވާނުންނަށް ފުރުޞަތުތައް ފަހި ކޮށްދިނުމާއި ޒުވާނުންނަކީ އުފެއްދުންތެރި ، މުޖްތަމައު ގަބޫލުކުރާ ކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އަޅުގަނޑަކީ ޒުވާނެއްގެގޮތުގައި ހުރެ މިހިސާބަށް އައިސްފައިވާ މީހަކަށް ވާތީ ޒުވާނަކަށްވުރެ ބޮޑަށް ޒުވާނުންގެ ބޭނުންތަކާ އިޙްސާސް ތައް އެނގޭނެކަމަށް ގަބޫލު ކުރައްވާށެވެ. އަޅުގަނޑުގެ އެންމެ ޒުވާން ދައުރު ހޭދަކުރީ ޒުވާނުންގެ ޚިދުމަތުގައި ކަމަށް ވާތީ އެވެ. އަޅުގަނޑުގެ ވާދަވެރިންނަށް ވިސްނާނުލެވި އޮތް ތަންކޮޅަކީ މިއީއެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އުފެދި، މުޅި ރާއްޖެއަށްމަޝްހޫރުވީ، އަދި އެ ޖަމިއްޔާ އަކީ ޙަރަކާތްތެރި ، މުޖްތަމައުގެ ލޯބި ލިބިގެންވާ ޖަމިއްޔާ އަކަށްވީ، އަދި އެ ޖަމިއްޔާ އަކީ ޒުވާނުންނަށްހުރި ނަމޫނާއެއްކަމުގައި މުޅި ގައުމު ބަލައިގަތީ އަޅުގަނޑުގެ ބޮޑު ޙިއްޞާއެއް އޮވެގެންނެވެ. އެމަސައްކަތް އަޅުގަނޑުކުރީޖާނާއި މާލުން ގުރުބާންވެގެންނެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުޓްބޯޅަޓީމް މާލޭގެ މުއްސަނދި ފުޓްބޯޅަ ޓީމްތަކާ އެއް ފެންވަރެއްގައި ހިފެހެއްޓުމަށްޓަކާ ކުރެވުނު ގިނަގުނަ ޚަރަދުތަކާ ފައިސާ ހޯދުމަށްކުރެވުނު ގިނަ މަސައްކަތްތައް ހިންގާ ރޭވުމުގައި އަޅުގަނޑު ހުންނާނީ ޢަމަލީގޮތުންވެސް އެންމެ ކުރީގައެވެ. އޭރުން ފެށިގެން އަޅުގަނޑު މި އުޅެނީ ޒުވާނުންނާއެކު ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގެ މަސައްކަތުގައެވެ. ބަދަލުވީ ހަމަ އެކަނި ވަގުތާއި ޙާލަތެވެ. އަޅުގަނޑުގެ ޚިޔާލާތާއި އުންމީދު ތަކަކަށް ބަދަލެއްނާދެއެވެ. އޭގެ ހެއްކަކީ މިހާރުވެސް އޭދަފުށީގައި ޒުވާނުންނަށް އަމާޒުކޮށްގެންކުރާކޮންމެ ކަމެއްގައިވެސް އަޅުގަނޑުގެ ބައިވެރިވުން ވަރަށް ބޮޑަށްއޮންނާނެކަމެވެ. އެގިވަޑައިގަންނަވާނޭ ފަދައިން އޭދަފުށްޓަކީ އަހަރަކު އެތަކެއް ފުޓްބޯޅަ މުބާރާތާއި އެހެނިހެން މުބާރާތްވެސް އޮންނަ ރަށެކެވެ. މިފަދަ ކޮންމެ މުބާރާތަކީ ބޮޑެތި ޚަރަދުތަކެއްވެސް ހިނގާނެ ކަމެކެވެ. މިޚަރަދުތައް ކުރުމުގައިވެސް އަޅުގަނޑަށްވުރެ ވަކިން ބޮޑަށް ތަރުޙީބުދޭ މީހަކު ނޫޅޭނެ އެވެ. ވީމާ ޒުވާނުންނޭ، ތަރައްގީއޭ ކިޔައިގެން ހަމަ އެކަނި ވޯޓް މޫސުމުގައި ވާހަކަ ދައްކަވާ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ތިޔަ އުޅުއްވެވެނީ އަޅުގަނޑަށް ވުރެ މާ ފަހަތުގައެވެ.

އަޅުގަނޑަކީ ވޯޓް ވިއްކާ ނުވަތަ ވޯޓް ގަންނާނެ މީހެއްވެސް ނޫނެވެ. އެކަމަކު މި ދާއިރާގެ ރައްޔިތުންގެ ހާލުބަލާ ، ރަށްރަށުގައި އުފެދިފައިވާ ޖަމިއްޔާ ތަކާއި ކޮމެޓީތަކާއި ވަކިވަކި ފަރުދުންނަށް އަޅުގަނޑުގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރާ މީހަކީމެވެ. އަޅުގަނޑުގެ ފަރާތުން އެހީ އަކަށް އެދިއްޖެ މީހަކަށް އެހީވެ ދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. ﷲތަޢާލާ ކީރިތި ޤުރުއާންގެ ބަޤަރާ ސޫރަތުގެ261 ވަނަ އާޔަތުގައި އަންގަވާފައިވާ އެންގެވުމަށް ފުރިހަމަ އަށް އަމަލު ކުރުމަކީ މިއަދާއި މާދަމާ އަށްޓަކައި އަދާކުރަން ޖެހިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ދެކޭތީއާ އެކުވެސްމެއެވެ.

އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލާ މީހަކީ އެ ދާއިރާ ތަމްސީލު ކުރެވޭ ވަރުގެ ބުރަދަން ހުރި މީހަކަށް ވާން ޖެހޭނެއެވެ. ޢިލްމީގޮތުންނާއި ތަޖްރިބާގެ ގޮތުންނެވެ. ތަނަވަސް ކަމުގެ ގޮތުންނާއި ސަރުކާރާއި ގުޅިގެން ދާއިރާގެ ރަށްތައް ތަރައްޤީ ކުރެވޭ ވަރުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ނުވަތަ އެފަދަ ގުޅުމެއް އުފައްދަން އެނގޭ ،ސަރުކާރުގެ އެތެރެ އާއި ބޭރުންވެސް ކަންތައް ތަކެއް ކޮށްދެވޭނެ މީހަކަށްވެސްވާންޖެހެއެވެ. ގަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ މިއެވެ. ދާއިރާގެ ވިންދާއި އިޙްސާސް އެންމެ ބޮޑަށްއެނގޭނީ އެދާއިރާއަށް އުފަންވެ، އެދާއިރާގެ މީހުންވެސް ދަންނަ ރަޙްމަތްތެރި ހިތްހެޔޮ މީހަކަށެވެ. ހުވަދު އަތޮޅާއި އައްޑު އަތޮޅުގެ މީހަކަށް ނުވަތަ ދައިރާގެ މީހުންނާއި ރަނގަޅު ގުޅުމެއް އުފެއްދިފައި ނެތް މީހަކަށް އެދާއިރާގެ މީހުން ދެކޭނީ ބީރައްޓެއްސެއްގެ ގޮތުގައެވެ.

އަޅުގަނޑު މި ދާއިރާއަށް ދެވަނަ ދައުރަކަށް ކުރިމަތިލާން ގަސްދުކުރީ އިތުބާރާ އެކުގައެވެ. މިދާއިރާގެ ރައްޔިތުންގެ ނުހަނު ލޯތްބާއި އިހްތިރާމް ލިބިގެންވާކަމީ އަޅުގަނޑުގެ ހެޔޮ ނަސީބުކަމުގައި ގަބޫލުކުރާ ޙާލު، އިތުރު ދައުރަކަށް ކުރިމަތިލައިގެން ރައްޔިރުންގެ ނުފުދިފައިވާ ބޭނުންތައް ފުއްދައިދިނުމުގެ މާތް މަގުޞަދު ގައެވެ. އަޅުގަނޑާއި ޒާތީގޮތުން ދިމާކުރުމުގައި ވަގުތުތައް ބޭކާރު ކޮށްނުލައްވައި ކެމްޕޭން ކުރައްވައިގެން ރައްޔިތުންގެ ތާއީދު ހޯއްދަވާށެވެ. އަނެކުންގެ އަބުރު ކަތިލުން ފަދަ ފިނޑި އަދި ގޮތް ހުސްވެފައިވާކަން އަންގައިދޭ ކަންތައްތަކުން ދުރުހެލިވާށެވެ. އެހެން ކެންޑިޑޭޓުންނާބެހޭ ގޮތުން ވާހަކަ ހަދަހަދައިގެން ދެއްކެވުމުގެ ބަދަލުގައި ތިމާ، ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް ކޮށްދޭނެ ކަންތައްތައް ވިއްކަވާށެވެ. އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ މިއީއެވެ.

އަޅުގަނޑަކީ އަޅުގަނޑުގެ ވާދަވެރިންނަށް ފައިސާގެ ބޮޑެތި އަދަދުތައް ހުށަހަޅައިގެން އިންތިޚާބުން ނަން އަނބުރާ ގެންދިއުމަށް އެދުންފަދަހުތުރު ކަންތައް ކުރާނޭ މީހެއްނޫނެވެ. ފަޚްރު ވެރި ކަމާއެކު ދަންނަވަން ޖެހޭނީ އަޅުގަނޑަކީ އެއަށްވުރެ ފުދިގެންވާ މީހެއްކަމުގައެވެ. އެހެން ނޫނަސްއެފަދަ ކަމަކަށް އެދޭނީ އެއީ ޗެލެންޖެއްކަމުގައި ވާނަމަތާއެވެ. ބޭނުން ވަނީ އަޅުގަނޑާ ވާދަކުރައްވާ ބަޔަކާ ވާދަކޮށްގެން ﷲގެ އިރާދަފުޅާއި މި ދާއިރާގެ ރައްޔިތުންގެ ލޯތްބާއެކު އާދަޔާ ޚިލާފު ނަތީޖާ އަކާއެކު މި ގޮނޑި ކާމިޔާބު ކުރުމެވެ. މިކާމިޔާބާ ހަމައަށް ދަތުރު ކުރުމަކީ އަޅުގަނޑަށް މާ އުދަނގޫ ކަމެއްނޫނެވެ. ދާއިރާގެ ރައްޔިތުންގެ އިޚްލާޞްތެރިކަމާ އިތުބާރު ލިބިފައިވާތީއެވެ. މިއިތުބާރާ ޔަގީން ކަމާއެކު މިހިނގާ ދައުރުގައި ހޯދާފައިވާ ކާމިޔާބަށްވުރެ މާރަނގަޅު ކާމިޔާބެއްލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އަހްމަދު ސަލީމް

ހ. ފަށަން/ ކ. މާލެ

ނޯޓް: މިއީ ޕީޕީއެމްގެ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ކެންޕޭން ކުރައްވަމުންގެންދަވާ އަހްމަދު ސަލީމް އިއްޔެ ނެރުނު ނޫސް ބަޔާނެކެވެ. މިބަޔާން މި ނޫހުގައި ޝާއިއުކޮށްފައިވަނީ ވިޔަފާރީގެ އުސޫލުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.