ބޮޑު އީދު މުބާރާތުގެ ދައުވަތު ޓީމުތަކަށް ފޮނުވައިފި

އަންނަ ބޮޑުއީދު ބަންދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުގެ ދައުވަތު ހަތް ޓީމަކަށް މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ދީފި އެވެ.

ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) މިއަދު ބުނީ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތަށް މި އަހަރު ދައުވަތު ދީފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް ސޫޕް އާއި ސަންސެޓް ބީޗް އާއި ސީސީ ސްޕޯޓްސް އާއި ރުވާ ސްޕޯޓްސް އާއި ޔުނައިޓެޑް ވީ އާއި އެންޖޯއީ ފްރެންޑްސް އަދި މިއަހަރު އަލަށް މި މުބާރާތަށް ދައުވަތުދިން އޭދަފުށީ ނިއު ޖެނެރޭޝަން އެވެ. ބޮޑުއީދު ފުޓްބޯޅަ މުބާރާތުގެ ތަށި މިހާތަނަށް މިލްކު ކޮށްފައިވާ ހަމައެކަނި ޓީމް ކަމަށްވާ ސައިނޯސާ އަށް މިއަހަރުގެ މުބާރާތަށް އަދި ދައުވަތު ދީފައެއް ނުވެ އެވެ.

“މިދިޔަ ހަފްތާ މުއްދަތު ހަމަވިއިރު ދައުވަތުދިން ހަތް ޓީމުންވެސް މިހާރުވަނީ މި މުބާރާތުގައި ބައިވެރިވެފައި. ސައިނޯސާ ޓީމުގެ ބައެއް މައްސަލަަތައް ހުރުމާއެކު އެ ޓީމަށް ދައުވަތު ދިނުމާމެދު ގޮތެއް ނުނިމޭ،” މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ކްލަބް ވެލެންސިއާގެ ކުރީގެ ބައްޓޭ ބުނޗޏެވެ.

ބައްޓޭ ބުނީ ސައިނޯސާ އަށް ދައުވަތުނުދީ ލަސްވަނީ 2010 ވަނަ އަހަރުގެ މުބާރާތުގައި ޓީމުގެ ބައެއް އޮފިޝަލުންގެ ޑިސިޕްލިން މައްސަލަތަކާ ގުޅިގެން ކަމަށެވެ. އަދި އެ ޓީމަށް ދައުވަތު ދިނުމާމެދު އޯގަނައިންގ ކޮމެޓީގައި މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ބައްޓޭ ބުންޏެވެ.

ބޮޑު އީދުގައި މި ރަށުގައި ބާއްވާ ފުޓްބޯޅަ މުބާރާތުން ދިވެހި ފުޓްބޯޅައިގައި އޭދަފުއްޓަށް ލިބިފައިވާ މަތީ މަގާމް ވަރަށް ރަނގަޅަށް ދައްކައިދެ އެވެ. އެގޮތުން އޭދަފުށީގައި ކޮންމެ އަހަރަކު ބާއްވާ ތަފާތު ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު މުބާރާތަކީވެސް ބޮޑު އީދު މުބާރާތެވެ.

ބ. އޭދަފުއްޓަކީ ދިވެހި ފުޓްބޯޅައިގައި މަތީ ފެންވަރުގެ އެތައް ކުޅުންތެރިންނެއްވެސް އެއް ރަށަކަށް ނިސްބަތްވާ ރަށެވެ. މިރަށުން ވަނީ ފާއިތުވި އަހަރުތަކުގައި އަދި މިހާރު ވެސް ފުރަތަމަ ޑިވިޝަނަށް މޮޅު އެތައް ކުޅުންތެރިން ނެރެދީފަ އެވެ. މީގެ އިތުރުން އޭދަފުއްޓަށް ނިސްބަތްވާ ފުޓުބޯޅަ ޓީމު ވަނީ ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.