ކުޑަކުޑަ ހަމްޒާ “ބޮޑެތި” ކުޅުންތެރިން ސިއްސުވާލައިފި

ހަމްޒާ.
ހަމްޒާ.

ލިޔުނީ؛ އަބްދުﷲ އަޝްރަފް

ހަމަ ކުއްލިއަކަށް އޭދަފުށިން އެރި މި އަލިގަދަ ތަރީގެ ވާހަކަ ދެކެވެން ފަށައިފި އެވެ. އޭދަފުށީގެ އަދި 20 އަހަރު ވެސް ނުވާ ކުއްޖަކު މާ މޮޅަށް މާލޭގައި ފުޓުބޯޅަ ކުޅެމުންދާ ވާހަކަ ނޫސްތަކުގައި ވެސް ޖަހަން ފަށައިފި އެވެ. ބިދޭސީ ކޯޗުންނާއި ދިވެހި ކޯޗުންނާއި ކޮމަންޓޭޓަރުން ވެސް އޭނާ އަށް ތައުރީފު އޮއްސަން ފަށައިފި އެވެ. އެއާ އެކު އޭދަފުށީގައި ކުޅިވަރަށް ލޯބި ކުރާ މީހުން، ރަށުގެ ދެން އޮތް އުންމީދަކީ އޭނާ ކަމުގައި ދެކެން ވެސް ފަށައިފި އެވެ.

އުމުރުން އެންމެ 18 އަހަރުގައި ރާއްޖޭގެ އެންމެ ބޮޑު ކުލަބުގެ ސީނިއަރ ޓީމުގައި ހިމެނުމަކީ އާދައިގެ ކުޅުންތެރިއަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. އެކަމަކު މި ރަށަށް އުފަން ހަމްޒާ މުހަންމަދު އެ ވަނީ އެ ފުރުސަތު ހޯދައިފަ އެވެ.

އޭނާގެ ނަމަކީ، ފުޓުބޯޅަ ދަނޑުގައި މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ވެސް މީހަކު ދަންނާނެ ނަމެއް ނޫނެވެ. އޭރު އޭނާގެ ހުނަރުވެރިކަން ދެކެފައި ވަނީ ހަމައެކަނި އޭނާ ނިސްބަތްވާ މި ރަށާއި އަތޮޅުގެ މީހުން ފިޔަވައި މަދު ބަޔެކެވެ. ނަމަވެސް މިއަދު އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކުލަބްގައި ތިބި މަޝްހޫރު ކުޅުންތެރިންނާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރެވޭތޯ ބަލަމުން އަންނަ ހުނަރުވެރި އެވެ. އެއީ މިހާރު އެންމެ ސަޕޯރޓަރުން ގިނަ ދިވެހި ފުޓްބޯޅަ ކުލަބްގެ ޒުވާން ޓީމްގެ ކެޕްޓަނެވެ. އޭނާއާ ދޭތެރޭ އެ ކްލަބުން ކުރާ އުއްމީދު ވަރަށް ވެސް ބޮޑެވެ.

މި މަހު 19 އަހަރު ފުރޭ ހަމްޒާ އަކީ އޭދަފުށިން ގަލޮޅު ދަނޑަށް ނުކުތް ޖަމްބޭ އާއި ކުޑައްޓޭ އަދި ސެންޓޭ އާއި ޝާފިއު ފަދަ މަޝްހޫރު ކުޅުންތެރިންގެ ލިސްޓަށް އިތުރުވެގެންދާނެ އާ ނަމެއްގެ ގޮތުގައި ގިނަބަޔަކު މިހާރު ވެސް ދެކެމުން އަންނަ ކުޅުންތެރިއެކެވެ.

ހަމްެޒާގެ ހުނަރުވެރިކަން ގިނަ ބައެއްގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ 2012 ވަނަ އަހަރު މާލޭގައި ބޭއްވި އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުންނެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ އެފް.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވި އޭދަފުށި ޓީމުގައި ވެސް މުހިންމު ދައުރެއް އޭނާ އަދާކުރި އެވެ. މީގެ އިތުރުން ނިމިގެން ދިޔަ އަހަރު އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ތަށި އޭދަފުޓަށް ހޯދައިދިނުމުގައި އެ ކުޅުންތެރިޔާގެ ބޮޑު ރޯލެއް އޮތެވެ. އެ މުބާރާތުގެ ފައިނަލް މެޗް ދިޓީވީން ލައިވްކޮށް ގެނެސްދެމުންދިޔައިރު މެޗް އެނަލިސްޓެއްގެ ގޮތުގައި އިން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ނަޒީހު ހަމްޒާ ސިފަކޮށްފައިވަނީ އާދަޔާ ހިލާފް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަޒީހުގެ އެ ބަހުގެ ތެދުކަން އިތުރަށް ހާމަވެގެންދިޔައީ އޭގެ ދެތިން ހަފްތާއެއްގެ ފަހުން ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ނިއުރޭޑިއަންޓަށް ސޮއިކޮށް އެ ކްލަބްގެ ސީނިއަރ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފެށި ހިސާބުންނެވެ. އެ ކްލަބުގައި ހަމްޒާގެ ފުރަތަމަ އިމްތިހާނަކަށް ވެގެންދިޔައީ މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓްގެ ޒުވާން ޓީމް ރަނގަޅު ހިސާބަކަށް ގެންގޮސްދިނުމެވެ. މުބާރާތުގައި ކެޕްޓަނެއްގެ ޒިންމާ ނަގައިގެން ނުކުތް ފުރަތަމަ މެޗްގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހައި ޓީމް މޮޅުކޮށްދީފަ އެވެ.

ހަމްޒާ އަކީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ޝައުގުވެރިކަން ބަހައްޓައިގެން ފުޓްބޯޅަ ކުޅެމުން އައި ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި ފުޓްބޯޅައިގައި އޭނާގެ އެންމެ ދުރު ހަނދާނަކީ ރަށުގެ އިރުމަތީކޮޅުގައި އޮންނަ ރުއްގަނޑު ތެރޭގައި ކުޑަގޯލް އަޅައިގެން ރައްޓެހިންނާ އެކު ކުޅެން އުޅުނު ހަނދާނެވެ. އޭރު އޭނާގެ ހުސްވަގުތުތަކުގެ އެކުވެރިއަކަށްވީ އޭނާ ކުޅެން ގެންގުޅޭ ބޯޅަ އެވެ. މާ ގިނައިން ބޯޅަ ހިފައިގެން އުޅޭތީ މައިންބަފައިން އޭރު ވަރަށް ޝަކުވާކުރާ ކަމަށް ވެސް ހަމްޒާ ބުންޏެވެ. އެކަމަކު އޭރު މާ ބޮޑު މިސްރާބެއް، މާ ބޮޑު “ގޯލެއް” ނެތި ފުޓުބޯޅަ ކުޅެމުން ދިޔަ ނަމަވެސް، މިހާރު އޭނާގެ އަޒުމް ހުރީ ވަކި ދިމާއަކަށެވެ. އޭނާގެ ވިސްނުން ބަދަލުވީ މީގެ ދިހަވަރަކަށް އަހަރު ކުރިން އޭނާގެ ބޭބެ މުހައްމަދު ޝިފާން (ކުޑައްޓޭ) ރާއްޖޭގެ ބޮޑު ކުލަބަކާ ގުޅުނު ހިސާބުން ފެށިގެންނެވެ. އޭރުއްސުރެ ފެށިގެން ރާއްޖޭގެ ފެންވަރުގައި މޮޅު ކުޅުންތެރިއަކަށްވުމުގެ ހުވަފެން އޭނާ އައީ ދެކެމުންނެވެ. ހަމްޒާގެ މި އިންތިޒާރަށް ނިމުމެއް ނައިސް އޮތީ އޭނާ ކިޔަވާ ނުނިމިއޮތުމުން ކަމަށް ވެސް ވެދާނެ އެވެ.

އޯލެވެލް އިމްތިހާން ނިންމިތާ ދެ މަހެއްހާ ދުވަސް ނުވަނީސް އޭނާ އެތައް ދުވަހެއް ކުރިން ކުރަމުން އައި އުއްމީދުގައި ކުލަޖެހެން ފެށި އެވެ. މާ ގިނައިން ފުޓްބޯޅަ ކުޅެން އުޅޭތީ މައިންބަފައިން ކުރިން ޝަކުވާ، އެންމެ ފަހުން އެ މީހުންގެ ފަޚުރަކަށް ބަދަލުކޮށްލި އެވެ.

ހަމްޒާ. އޭނާއާ މެދު އުއްމީދު ބޮޑު. --ފޮޓޯ/ނިއުރޭޑިއަންޓްއެސްސީ.ކޮމް
ހަމްޒާ. އޭނާއާ މެދު އުއްމީދު ބޮޑު. –ފޮޓޯ/ނިއުރޭޑިއަންޓްއެސްސީ.ކޮމް

ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިއަރުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހެއް ކަމުގައި ގަބޫލުކުރެވެނީ އެ ކުޅުންތެރިއަކަށް ތައްޓެއް ނުވަތަ އެވޯޑެއް ލިބޭ ދުވަހެވެ. މިފަދަ ކިތަންމެ ދުވަހެއް ހަމްޒާގެ ވޭތުވެގެންގޮސްފައިވާ ކުރު މާޒީގައި ވެސް ވަނީ ތަޖްރިބާކޮށްފަ އެވެ. ރަށުގައި ބާއްވާ ވަރަށް ގިނަ މުބާރާތްތަކުން އޭނާ ވަނީ ރަންވަނަތަކެއް ހާސިލްކޮށްފަ އެވެ. އެކަމަކު ހަމްޒާގެ ފުޓްބޯޅައިގެ ހަޔާތުގައި އޭނާ އެންމެ އުފާވި ދުވަހެއްގެ ގޮތުގައި ފާހަގަކުރީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު އެއްޓީމަކަށް ކުޅުމުގެ ފުރުސަތު ލިބުނު ދުވަހެވެ. ދެހާސް ބާރަ ވަަނަ އަހަރު ބޭއްވި އެޓޯލް ފުޓްބޯލް ޗެލެންޖްގައި ދަގަނޑޭއާ އެކު ކުލަބް ކޮމްބިނޭޝަން (ސީސީ) ގައި އެއް ދަނޑެއްގައި އޭނާ ކުޅެން ހުއްޓެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން ހިމަނައިގެން ކުޅުނު ސީސީ ޓީމް މުބާރާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި އޭރު އުމުރުން އެންމެ 17 އަހަރުގެ މި ހުނަރުވެރިޔާ މުހިންމު ދައުރެއް އަދާކޮށްދީފައިވެއެވެ. އެކަމަކު މުބާރާތުގެ ފައިނަލް މެޗް ކުޅުނު ދުވަސް ވެގެންދިޔައީ ހަމްޒާ ބުނާގޮތުން ނަމަ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އައި އެންމެ ދެރަވި ދުވަހަށެވެ. އެމެޗު ނިމިގެން ދިޔައީ ގިނަބަޔަކު ހީކުރި ގޮތާއި ހިލާފަށް މެޗްގައި އަނެއްކޮޅުން ވާދަކުރި ގޮއިދޫގެ ޓީމް މޮޅުވެގެންނެވެ.

މިހާތަނަށް އައި އިރު ދުވަހަކު ވެސް މެޗެއްގައި ރަތް ކާޑެއް ދައްކާފައި ނުވާ ހަމްޒާ އަށް މިހާތަނަށް ކާމިޔާބު ކުރެވުނު އެންމެ ހިތްގައިމު ގޯލްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ މި އަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ނިއުރޭޑިއަންޓަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. އެމެޗްގައި އޭނާ ޖެހި ހިތްގައިމު “ބައިސިކަލް ކިކް” ގެ ވާހަކަ އެ މެޗްގެ ހަބަރު ގެނެސްދިން ބައެއް މީޑިޔާތަކުން ވެސް ހާއްސަގޮތެއްގައި ފާހަގަކުރި އެވެ. މިފަދަ ކޮންމެ ލަނޑަކާ އެކުހެން ހަމްޒާގެ އުއްމީދުތައް ވެސް އަންނަނީ މަތިވަމުންނެވެ. މިހާރު އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ގައުމީ ފުޓްބޯޅަ ޓީމުން ޖާގައެއް ހޯދުމެވެ. އެކަން ވެސް އޭނާ ކުރުމަކީ، އޭނާ ކަނޑައަޅައިގެން ހުރި ވަރުގަދަ އަޒުމުން ނުވާނެ ކަމެއް ނޫނެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި ހަމްޒާގެ އެންމެ ބޮޑު ސްޓްރެންތަކީ އޭނާ އަށް ލިބިފައިވާ ޑްރިބްލިންގގެ ހުނަރާއި ހަލުވި ސްޕީޑެވެ. ހަމްޒާ ދެކޭގޮތުގައި އޭނާގެ މި ހުނަރު ތަރައްގީ ކުރުމަށްޓަކައި އޭނާ އަށް މިހާރު ލިބިފައި އެވަނީ ރަނުގެ ފުރުސަތެކެވެ. ބިދޭސީ މޮޅު ކޯޗެއްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނާއެކު ނިއުރޭޑިއަންޓް ކަހަލަ ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އޭނާގެ ފުޓްބޯޅަ ކުރިއަރުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ހަމްޒާ ބުނާގޮތުގައި އެއީ އޭނާގެ ބޭބެ ކުޑައްޓޭ އާއި ޝާފިއުގެ އެހީތެރިކަމާ އެކު ތަނަވަސްވެގެންދިޔަ ފުރުސަތެކެވެ.

“އަހަރެން އަބަދުވެސް ސަޕޯޓްކުރަނީ ނިއުރޭޑިއަންޓަށް. ދެން ރަށު ތިން ކުޅުންތެރިން އުޅޭތީ އަސްލު ނިއުރޭޑިއަންޓަށް ކުޅެން ވަރަށް ބޭނުންވެފަ ހުރީ ވެސް. އެހެން ހުއްޓާ ބޭބެ އާއި ޝާފިއު ހޯދައިދިން ފުރުސަތެއް މިއީ،” ރެއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސަޕޯޓް ކުރާ، 18 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ނިއުރޭޑިއަންޓްގެ މެނޭޖްމަންޓުން ބުނާގޮތުގައި ހަމްޒާއަކީ ކުރިމަގަށް އެ ކްލަބުން ކުރި ބޮޑު އިންވެސްޓްމަންޓެކެވެ. މިހެންކަމުން ހަމްޒަތުގެ އަގާ ގުޅޭގޮތުން ސުވާލުކޮށްލުން ލިބުނީ ވަރަށް ކުރު ޖަވާބެކެވެ.

[ނޯޓް: އަބްދުﷲ އަޝްރަފަކީ ލިޔާ ހިތްވާ، ލިޔުންތެރިކަމުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނެކެވެ. އޭދަފުއްޓަށް އުފަން މި ޒުވާން ލިޔުންތެރިޔާގެ ލިޔުންތައް އޭދަފުށީ ޓައިމްސްގައި ކުރިއަށް އޮތްތާނގައި ފެންނަމުންދާނެ އެވެ.]

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.