އަޒްހާރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!

ބ. އޭދަފުށީ ދަނޑުމަތީގޭ، ޠާހިރާ އަޒްހާރު އަކީ އަލީ އާދަމް އާއި ޒުލްފާ ޙަސަންގެ 5 ވަނަ ދަރިފުޅެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 6 ގައި ތައުލީމް ހާސިލުކުރަމުންދާ 11 އަހަރުގެ އަޒްހާރު އަކީ ކެންސަރ ބަލި ތަޙައްމަލު ކުރަމުންދާ ކުއްޖެކެވެ.

މީގެ 3 މަސް ކުރިން އަޒްހާރު ވަރަށް ގަދައަށް ހުން އައިސް ކަރުގެ އެތެރެއިން ދުޅަވާތީ އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ހޯދާ ރަނގަޅު ނުވުމުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ރާއްޖެއިން ބޭރަށް ދިއުމަށް ލަފާއެރު ވިއެވެ. އޭރު އަޒްހާރުގެ ހަށިގަނޑު ވަނީ ބަލީގެ އުނދަގޫ ބޮޑުވެ އަނަރޫފަވެފަ އެވެ. އިންޑިއާއަށް ދިއުމާ ހަމައަށް ވެސް އަޒްހާރުގެ އާއިލާއަކަށް އަޒްހާރަށް ޖެހިފައިވަނީ ކެންސަރުކަން އެނގިފައި ނުވެ އެވެ.

އިންޑިއާގެ ޓްރެވިންޑްރަމްގެ ރީޖަނަލް ކެންސަރ ސެންޓަރުން ކުރި ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި އަޒްހާރުގެ ހަށިގަނޑުގެ ތެރޭގައި ކެންސަރު ބަލީގެ އަސަރު ފެންނަމުން އެބަދެއެވެ. މި ބަލިން ސަލާމަތްވުމަށް ފަރުވާ ކުރުމަށްޓަކައި 8 މަސް ދުވަހުގެ މުއްދަތަށް އޭނާ އިންޑިއާގައި މަޑުކުރުމަށް ޑޮކްޓަރުން އޭނާގެ ޢާއިލާ އަށް ވަނީ ލަފާދީފަ އެވެ.

ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ކުރަންޖެހޭ ޚަރަދު ކުރުމަށް އަޒްހާރުގެ ޢާއިލާއިން ވަނީ ނުކުޅެދިފަ އެވެ. އަދި މިފަދަ ފަރުވާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކުން ހޯދުމަކީ މާލީގޮތުން ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމެއްކަން ޚުދު ތިބާވެސް ޤަބޫލުކުރާނެކަން ކަށަވަރެވެ. އޭނާގެ އާއިލާއިން އެހީތެރިކަމަށް އެދި އެބަ އާދޭސްކުރެ އެވެ. އެ މައުސޫމް ކުޑަ ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމީ ތިބާގެ އުފަލެއްކަމުގައި ދެކި، އޭނާގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިނުމުގައި ތިބާއަށް ވެސް ޙިއްޞާ އެއް އަދާކުރެވިދާނެ އެވެ.

ދީލަތި ފަރާތްތަކެއްގެ އެހީއާއި މަދަދަށް ބޭނުންވެފައިވާ އަޒްހާރުއަށް ލަސްނުކުރަށްވާ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެ ޢާއިލާގެ ވަރަށްބޮޑު އެދުމެކެވެ. އަޒްހާރު އަށް ދިއްކޮށްލެވޭ އެންމެ ފައިސާ ފޮއްޗަކީވެސް އެފަރާތަށް މިއަދު ބޮޑު އެއްޗަށްވާނެއެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް ﷲގެ މަގުގައި ހޭދަކުރުމަކީ ގެއްލިގެން ދާނެ އެއްޗެއްކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި ތިބާއަށް ﷲ އެއައްވުރެ މަތީ ދަރަޖަދެއްވާނެ ކަން ހަދުމަނެތި ނުކޮށްލާށެވެ.

ތޯހިރާ އަޒްހާރު އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ 7551354 ނަންބަރު ފޯނާ އެވެ. ބޭންކް މެދުވެރިކޮށް އެހީވެދެއްވާނަމަ ބޭންކް އޮފް މޯލްޑިވްސް ބާޒާރު ބްރާންޗްގައި އަޒްހާރުގެ ބައްޕަ، އަލީ އާދަމް ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް ނަންބަރ 7704253046001އަށް އެހީ ޖަމާކޮށްދެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.