މިއަދު ހަވީރު ބ. އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ޓެލެކޮމް ފެއާ ގައި އޭދަފުށީ ރައްޔިތުންނަށް ވަރަށް ހާއްސަ މިއުޒިކް ޝޯ އެއް އޮންނާނެ އެވެ.
ޓެލެކޮމް ފެއާގެ ތެރޭގައި ދިރާގު ސްޓޯލް ސަރަހައްދުގައި މިއަދު ހަވީރާއި މިރޭ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދިރާގު ބްރޭންޑް އެމްބެސެޑަރ އުނޫޝާ އާއެކު ބާއްވާ މި ޝޯގައި ކުޑަކުދިންގެ ހަރަކާތްތަކާއި ފޯރިގަދަ ހުށަހެޅުންތައް އޮންނާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ ގައި
ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް ބައެއް ފަރާތްތަކުން ބައިވެރި ވެ އެވެ. އޭގެ ތެރޭގައި ކޭމް ގެ އިތުރުން ދިރާގު، ވަތަނިއްޔާ ފޯކަސް، ބޭންކް އޮފް މޯލްޑިވްސް، ޕޮލިސް، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ސެލްޓެކް ސޮލިއުޝަން މައިޒާން އިލެކްޓްރޯނިކްސް އަދި ނާރިންގ އިން ވެސް ބައިވެރިވެ އެވެ.
ޓެލެކޮމިއުނިކޭޝަން ހިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި އެ ހިދުމަތްތައް ބޭނުންކުރާ ގޮތް ދައްކާލުމަށް ޓަކައި ބާއްވާ މި ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއް ބާއްވާ ގޮތަށް ވެސް ހަމަޖެހިފައި ވެ އެވެ. އެއް ވަނަ އިނާމަކަށް އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ ކޮންމެ ވެސް ސަރަހައްދަކަށް ދެ މީހެއްގެ ޓިކެޓް، ދެވަނަ އިނާމަކަށް ވީއެޗްއެފް މެރިން ސެޓެއް އަދި ތިން ވަނަ އިނާމަކަށް ޑީވީޑީ ޕްލޭޔަރެއް ހުށަހަޅާފައިވާ ކަމަށް ޓެލެކޮމް އޮތޯރިޓީން ބުންޏެވެ. މީގެ އިތުރުން ސްޓޯލް ތަކުގައިވެސް ހާއްސަ ލަކީޑްރޯތަކެއް ކުރިއަށްދާނެއެވެ.
މި ފެއާ ނިމޭނީ ހޮނިހިރު ދުވަހުގެ ރެ އެވެ.