ކައުންސިލު ހުވާކުރި ފުރަތަމަ ދަރުބާރުގައި ސޮއިކުރި ގަލަން ތާރީޚުގެ ތެރެއަށް

ކައުންސިލަރުން ހުވާކުރި ފުރަތަމަ ދަރުބާރުގައި ކައުންސިލު މެންބަރަކު ސޮއިކުރައްވަނީ-- ފައިލް ފޮޓޯ
ކައުންސިލަރުން ހުވާކުރި ފުރަތަމަ ދަރުބާރުގައި ކައުންސިލު މެންބަރަކު ސޮއިކުރައްވަނީ– ފައިލް ފޮޓޯ

 

ކިތަންމެ އާދައިގެ އެއްޗެއްވިޔަސް އެ އެއްޗެއް ބޭނުންކުރާ ކަމަކުން އެ އެއްޗެއް މަޝްހޫރުވެ އަދި ތާރީޚުގެ ތެރެއަށް ވަދެގެން ދެ އެވެ. އަދި އެ ތަކެތި ތާރީޚީ އެއްޗެއްގެ ގޮތުގައި ގިނަ ދުވަހަށް ރައްކާކޮށްފައިވެސް އެބަހުއްޓެވެ. އެގޮތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އެގްރީމެންޓްގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއިކުރެއްވި ގަލަން ކޮޅަކީ މިއަދުވެސް ތާރީޚީ ގަލަމެއްގެ ގޮތުގައި މި ގައުމގަި އެބައޮތެވެ. އެއީ ރަންޕްލޭޓް ކުރި “ޕާކަރު” ގަލަމެކެވެ.

ލާމަރުކަޒީ ނިޒާމުގެދަށުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތައް އުފެދި ކައުންސިލަރުން ހުވާކުުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ އޮތް ދަރުބާރުގެ ތެރެއިން އޭދަފުށީގައި އޮތް ދަރުބާރުގައި ކައުންސިލަރުން ސޮއިކުރެއްވުމަށް ބާއްވާފައިއޮތް ގަލަން އެތައް ގޮތަކުން މިއަދު ވަނީ ތާރީޚުގެ ތެރެއަށް ވަދެފަ އެވެ. އެއްސަބަބަކީ މި ތާރީޚީ މުނާސަބަތުގައި ބޭނުންކުރި އެންމެ ފުރަތަމަ ގަލަމަށްވީ ކަމެވެ. ދެވަނަ ސަބަބަކީ އެ ގަލަމީ އެވަގުތު ރާއްޖޭގައި ލިބެންހުރި އެންމެ އަގުހެޔޮ ގަލަންތަކުގެ ތެރެއިން ގަލަމަށްވީ ކަމެވެެ. ތިންވަނަ ސަބަބަކީ އެ ގަލަމަކީ ހުވާކުރި މާލަމުގައި ހުރި ޑަސްބިންއެއްގައި “އެއްލާލާފައި” އޮތް ގަލަމަކަށްވީ ކަމެވެ.

ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލު ހުވާކުރެއްވި ސޮއިކުރި ފުރަތަމަ ދަރުބާރުގައި ސޮއިކުރެއްވި ގަލަން"
ފުރަތަމަ ދަރުބާރުގައި ސޮއިކުރެއްވި ގަލަން”

ފުރަތަމަ ދައުރުގެ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު އިންތިޒާމުކުރުމުގައި އުޅުއްވި މުވައްޒަފަކު ކިޔައިދިން ގޮތުގައި ދަރުބާރުގައި ސޮއިކުރެއްވުމަށް ތައްޔާރުކޮށްފައިވާ މޭޒުމަތީގައި ގަލަމެއް ނެތުމުން ފާސްޓާ ކަލު ގަލަމެއް އެ މޭޒުމަތީގައި ބޭއްވީ އެވެ. ކައުންސިލަރުން ހުވާކުރާ ވަގުތު ޖެހުނު އިރުވެސް އިތުރު ގަލަމެއް މޭޒުމައްޗަށް ނުގެންނާތީ، އަތޮޅު ކައުންސިލަރުން ސޮއިކުރެއްވީ މިދެންނެވި އާދައިގެ ގަލަމުންނެވެ. ނަމަވެސް ރަށު ކައުންސިލުގެ ދެ މެންބަރުން އެބޭފުޅުން އަމިއްލަ ގަލަން ބޭނުން ކުރެއްވި އެވެ. މި ގަލަމަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ފާސްޓާ ކުންފުނީގެ (ފާސްޓާ ސީއެކްސް 606) ބްރޭންޑުގެ ކަޅު ގަލަމެކެވެ. މިއީ ބާޒާރުގައި 5ރ އަށް ލިބެން ހުންނަ ގަލަމެކެވެ.

މި ގަލަން މިއަދުވެސް ބ. އަތޮޅު ކައުންސިލު އިދާރާގައި އެބައޮތެވެ. އަދި އެ ގަލަމަކީ “ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލު ހުވާކުރެއްވި ރަސްމިއްޔާތުގައި ސޮއިކުރި ގަލަން” މިހެން ލިޔެ (ފެބްރުއަރީ 26، 2011) ތާރީޚް ޖަހާފައިވާ ލޭބަލެއް ހަރުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.