އޭދަފުށީގައި ބޭއްވި ޓެލެކޮމް ފެއާ އަށް އާއްމުންގެ ބޮޑު ތަރުހީބެއް

ޓެލެކްމް ފެއާގެ ދިރާގު ސްޓޯލުން އެއްވަނަ އިނާމަށް ދިން 42 އިންޗީގެ އިންޓަނެޓް ޓީވީ ގުރުއަތުން ހޮވުނު ފަރާތަށް ހަވާލުކޮށްދެއްވަނީ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މި މަހުގެ 6-7 އަށް ބ. އޭދަފުށީގައި ބޭއްވި ޓެލެކޮމް ފެއާ އަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް، ފެއާގައި ހުރި ކަންތައްތައް ވަނީ ތަޖުރިބާކޮށްފަ އެވެ.

ފެއާ އަށް ޒިޔާރަތްކުރި ގިނަ މީހުން ބުނެފައި ވަނީ މިފަދަ ފެއާއެއް ބޭއްވުމުން ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްފި ކަމަށާއި ޓެކްނޮލޮޖީގެ ގޮތުން ލިބިފައިވާ ކުރިއެރުންތައް އާންމުންނާއި ކިޔަވާ ކުދިންނަށް އެނގި މި ފެއާގެ ސަބަބުން ކުރިން ނޭނގޭ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިއްޖެ ކަމަށެވެ.

ކޭމް އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި ފެއާ ގައި މިއަހަރު އަށް ފަރާތަކުން ބައިވެރިވި އެވެ. އޭގެތެރޭގައި ކޭމް އާއި މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި ވަތަނިއްޔާގެ އިތުރުން ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)، މައިޒާން އިލެކްޓްރޯނިކްސް، ނާރިންގް، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ސެލްޓެކް ސޮލިއުޝަން ހިމެނެ އެވެ.

ފެއާ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ މިފަދަ ފެއާތައް ބޭއްވުމުގެ ސަބަބުން އާންމުންނާއި ކިޔަވާކުދިންނަށް އިންފޮމޭޝަން ޓެކޮނޮލޮޖީއާ ބެހޭ ގިނަ މައުލޫމާތުލިބި، މި ދާއިރާގައި ކުރިއަށް ދިއުމުގެ ފުޜުޞަތު ހުރި މިންވަރު އެގިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާރަށެއް ސަރުކާރުގެ ކޮމްޕިއުޓަ ވިއުގައާއި ގުޅުމަށްޓަކައި އެންސީއައިޓީން ޕްރޮގްރާމެއް ފަށައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

ދެ ދުވެހުގެ މުއްދަތަށް ފެއާ ކުރިއަށް ދިޔައިރު މުވާސަލާތީ ހިދުމަތްދޭ ދިރާގުގެ ސްޓޯލަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަން ފާހަގަ ކުރެވުނެވެ.

ދިރާގުގެ ސްޓޯލުން ވާހަކަ ދެއްކި ކުއްޖަކު ބުނިގޮތުގައި އެ ތަނުގެ ސްޓޯލުން ވަރަށް ގިނަ އަދަދަކަށް އެންމެފަހުގެ މޮބައިލް ފޯނާއި ކިޓް ވިކިފައި ވެ އެވެ. އަދި މި ފެއާގެ ތެރެއިން އެ ސްޓޯލަށް ޒިޔާރަތްކުރި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިރާގުގެ ހައި5 ގެ ހިދުމަތަށް އެކްޓިވޭޓްކޮށް ލަކީޑްރޯގައި ބައިވެރިވެ ވަރަށް އަގުހުރި ގިނަ އިނާމުތަކެއް ހޯދައިފައިވެ އެވެ. އެގޮތުން އެއްވަނަ އަށް އައި ފަރާތަކަށް 42 އިންޗީގެ އިންޓަނެޓް ޓީވީއެއް، ދެވަނަ އަށް ހޮވުނު ފަރާތަށް ސެމްސަންގް ލެޕްޓޮޕް އަދި ތިންވަނައަށް ހޮވުނު ފަރާތަށްވަނީ އައިޕޮޑެއް ދީފަ އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެވަނަ ކުންފުނި، ވަތަނިއްޔާ އިން ވެސް ވަނީ މި ފެއާގައި އާންމުން ބަލައިގަތް ވަރަށް ގިނަ ކަންތައްތައް ހިމަނައިފަ އެވެ. އޭގެތެރޭގައި ކަނެކްޝަން ކިޓާއި އިންޓަނެޓް މޯޑަމް ވިއްކުމާއި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ހުށަހަޅައިފައި ވެ އެވެ. އަދި ސްޓޯލުން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ސްޓޯލް ކުރިއަށް ދިޔަ އިރު ގުރުއަތުލައި އިނާމު ދިނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓޯލަށް އާއްމުންނާއި ކިޔަވާކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޓެކްނޮލޮޖީގެ ގޮތުން ފުލުހުންގެ މުއައްސަސާއަށް ލިބިފައިވާ ކުރިއެރުންތަކާއި ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ މަސައްކަތްތައް ބައްޓަން ކޮށްފައިވާގޮތުގެ މައުލޫމާތު ވަރަށް ގިނަ ބަޔަކު ހޯދައިފައި ވެ އެވެ.

ފެއާ ނިންމުމުގެގޮތުން އާދީއްތަ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކޭމްގެ އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އޭދަފުށީގައި ބޭއްވި ފެއާ އަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ފެއާއަށް ދެހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ފެއާ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށްވެސް އިލްރާސް ވިދާޅުވި އެވެ.

ފެއާ އަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ގުރުއަތުލައިގެން އަގުހުރި ތިން އިނާމެއް ވެސް ވަނީ ހަދިޔާކޮށްފަ އެވެ. އެ ގޮތުން އެއްވަނަ އަށް ހޮވުނު ފަރާތަށް އައިލެންޑް އޭވިއޭޝަނުގެ ދެކޮޅު ޓިކެޓް، ދެވަނަ އަށް ވީއެޗްއެފް މެރިން ސެޓެއް އަދި ތިން ވަނަ އަށް ޑީވީޑީ ޕްލޭޔަރެއް ހަދިޔާކޮށްފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.