އަހަރެމެން ފަހުރުވެރި ވެލައިފައި ބުނެލާ އެއް ވާހަކައެއް އޮވެ އެވެ؛ “މި ރަށުން ކަލޭމެން ހައިރާންވާވަރުގެ ކުޅުންތެރިން އުފައްދާނަމެވެ”. ޒުވާން ލިޔުންތެރިޔާ އަބްދުﷲ އަޝްރަފު މި ބުނަނީ އެހެން ވާހަކަ އެވެ؛ “ފުޓުބޯޅަ ބަލާ ހައިރާންވާ ވަރުގެ މީހުން ވެސް މި ރަށުން އުފައްދާނަމެވެ.” މިއީ އެކަހަލަ މީހެއްގެ ވާހަކައެކެވެ.
ދެހާސް ބާރަ ވަނަ އަހަރެވެ. މި ރަށުގައި ބޭއްވި ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ފައިނަލްގައި ގޮއިދޫ ޓީމާއި އޭދަފުށީ ޓީމު ދަނޑުމަތީގައި އަތުރާލި އެވެ. އެންމެންގެ ވެސް ފޯކަސް ގެއްލިފައި ހުރީ އެ މެޗަށެވެ. ހީކުރި ގޮތާ ހިލާފަށް، ޕެނަލްޓީ ޖަހައިގެން ގޮއިދޫ މެޗް ކާމިޔާބު ކުރި އެވެ. އެތައް ބަޔަކު މާޔޫސްވި އެވެ. ދެރަވި އެވެ؛ ލަދު ވެސް ގަތެވެ. އެންމެން ވެސް އެނބުރި ދިޔައީ ގެއަށެވެ. އެކަމަކު ހިތަށް ކުރި ތުރާތަކުން އެކަކަށް ވަރަށް މާ ފުން އަސަރެއް ކުރި އެވެ. އޭނާ ޖެހުނީ ހޮސްޕިޓަލުގައި އެޑްމިޓްކުރާށެވެ.
އެއީ އަލިބެ އެވެ. އަލީ ހަސައިން ނުވަތަ ރަށު މީހުންގެ އާންމު ނަމުން ނަމަ މަގޫއަލިބެ އެވެ. އޭނާ އަކީ މުޅިން ތަފާތު މީހެކެވެ. ފުޓުބޯޅަ އަކީ އޭނާގެ ހިތެވެ. ފުޓުބޯޅަ ވަނީ އޭނާގެ ލެއާ ގުޅިފަ އެވެ. މިހާރު އުމުރުން 75 އަށް ވުރެ މައްޗަށް ގޮސްފައިވާ އަލިބެ އަށް އެ ދުވަސްވީ ވަރަށް އެހެން ކަހަލަ ދުވަހެކެވެ. އެ މެޗު ވެގެން ދިޔައީ އޭނާގެ ސިއްހަތަށް ވެސް ކުރިމަތިވި ވަރަށް ބޮޑު މައްސަލައަކަށެވެ.
“އެ ދުވަހު ވަރަށް އުއްމީދު ކޮށްގެން ހުރީ [އޭދަފުށި] މޮޅުވާނެ ކަމަށް. އެހެން ހުއްޓާ ބަލިވެގެން މެޗް ނިމުނީމަ މަށަކަށް ނޭނގެ ވީ ގޮތް ވެސް. މޭ ހީވީ ފުރެމުން އައިހެން. މަ ހީކުރީ މަގޭ ދުވަސް ދިޔައީ ކަމަށް،” އެ ދުވަހުގެ ހާދިސާ އަލި ކިޔައިދިނެވެ.
މެޗެއް ބަލައިގެން އެވަރުގެ ކަމެއް އޭނާ އަށް ދިމާވުން އެއީ އޭނާ ދަންނަ މީހަކަށް ހައިރާންކަން ލިބިގެން ދާނެ ކަމެއް ހިއެއް ނުވެ އެވެ. ސަބަބަކީ، ފުޓުބޯޅަ އަށް އޭނާ ދެވިހިފައިފައިވާލެއް ބޮޑުކަމެވެ. އެ އުމުރުގެ މީހުންގެ ތެރެއިން މުޅި ރާއްޖޭގައި ވެސް އަލިބެ ފިޔަވައި، ގަވައިދުން ފުޓުބޯޅަ ބަލައި، ހާއްސަކޮށް ބޭރުގެ ބޮޑެތި މެޗުތަކަށް އެހާ ބޮޑު ޝައުގުވެރިކަމެއް ހުރި އިތުރު މީހަކު މި ރާއްޖޭގައި ވެސް ނެތުމަކީ ގާތް ކަމެކެވެ.
މެންޗެސްޓާ ޔުނެއިޓެޑަކީ އަލިބެގެ ފޭވަރިޓެވެ. އެ ކުލަބަށް އޭނާގެ ހުންނަ ޝައުގުވެރިކަމުގެ ވާހަކަ ދައްކައިފި ނަމަ، އެ ވާނީ ބޮޑު ހައިރާން ކަމަކަށެވެ. މެންޗެސްޓާ ޔުނެއިޓެޑްގެ ނަން އިވުނަސް، އަލިބެގެ ޝައުގުވެރިކަން އިތުރުވެ އެވެ. އެ ޓީމުގެ މެޗެއް އޮވެޖިއްޔާ އޭނާގެ ލޮލަށް ނިންޖެއް ނާދެ އެވެ. މެޗު ކުޅެމުންދާ ގަޑިއަކީ އަލިބެގެ ނޭވާ އެންމެ ފުނަށް ލާން ޖެހޭ ވަގުތުތަކެކެވެ. މެންޗެސްޓާ ޔުނެއިޓެޑްގެ މެޗެއްގެ ކޮންމެ ބަދަލަކީ، އަދި ކޮންމެ ލަނޑަކީ އަލިބެގެ ހިއްސުތައް ވެސް ބަދަލުކޮށްލުވާ ކަމެކެވެ. އޭނާ އަކީ އެ ކްލަބްގެ “ޑައި ހާޑް ފޭނެ”ކެވެ. މެންޗެސްޓާ ޔުނައިޓެޑް ކުޅޭ އެއްވެސް މެޗެއް އޭނާ ނުބަލާ ދޫކޮށެއް ނުލަ އެވެ.
“ދަންވަރު އޮތަސް މެންޗެސްޓާ ކުޅެންޏާ ހަމަ ބަލަން. ނަމާދަށް ހުންނަ ވަގުތުކޮޅު އެކަނި ނުބެލޭނީ،” އަލިބެ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗްތައް ކިތަންމެ ދަންކޮށް އޮތަސް އަލިބެގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ ހުންނާނީ މެޗުގެ އިންތިޒާރުގަ އެވެ. ހަމައެކަނި ކަންބޮޑުވުމަކީ ބައެއް މެޗްތައް އޮންނަ ގަޑި އާއި ނަމާދު ވަގުތުތަކާ ދިމާވުމެވެ. ދެ ނަމާދު ދޭތެރޭގައި އަލިބެ އަކީ އާންމުކޮށް ގުރުއާން ކިޔަވަން މިސްކިތުގައި މަޑުކޮށްލާ މީހަކަށް ވިޔަސް، މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއް އެ ގަޑީގައި އޮންނަ ނަމަ ނަމާދުކޮށް ނިމިގެން އަވަސް އަވަހަށް އެނބުރިގަންނަނީ މެޗަށެވެ.
“ބައެއް ދުވަސްދުވަހު ގެއަށް ނުގޮސް މިސްކިތާ އެންމެ ކައިރިން މެޗް ބެލެން ހުންނަ ގެއަކަށް ގޮސްގެން ވެސް ބަލަން،” ކުރިން ގޯލް ކީޕަރަކަށް ކުޅެފައިވާ އަލިބެ ކިޔައިދިނެވެ.
އުމުރުން ދުވަސްވެފައި ވުމާއި މެންޗާ ޔުނެއިޓެޑް ކުޅެންޏާ ބައްޕަ އަށް ކޮންމެ ފަދަ ކަމެއް ވެސް ދިމާވެދާނެ ކަމަށް ޓަކައި އޭނާގެ ދަރިން ތިބެނީ ވެސް ބިރުންނެވެ. އެކަމަކު މެޗްތައް ބަލަން އެ ކުދިން އަލިބެ އަށް އަބަދު ވެސް ފުރުސަތު ދެއެވެ. އެކަމަކު ރަށު ޓީމު ބަލިވެގެން ލިބުނު ވަރުގެ ހާސް ކަމެއް، ނަސީބަކުން އަދި އެހެން މެޗަކުން އަލިބެ އަކަށް ކުރިމައްޗެއް ނުވެ އެވެ. އެކަމަކު މެންޗެސްޓާ ޔުނެއިޓެޑް ބަލިވެއްޖިއްޔާ އޭނާގެ ސިއްހަތަށް ނުރައްކަލެއް އޮތް ކަމުގެ ރަނގަބީލު ޖަހަމުންދާ ކަން އޭނާގެ ވާހަކަތަކުން އެނގެ އެވެ.
“މެޗުން ބަލިވީމަ އެ ވާ ގޮތްތަކެއް މަށަކަށް ނޭނގެ. މެއަށް ތަދުވެފަ ގަޔަށް ހޫނުގަނޑެއް ވެސް އަރާހެން ބައެއް ފަހަރަށް ހީވޭ. ދެން ފައި ތުރުތުރު އަޅާ، ނުވާކަށް ކަމެއް ނޯވޭ،” އަތޮޅު އޮފީހުގެ ޕިޔޯނެއްގެ ވަޒީފާ އަދާ ކުރުމަށްފަހު 2009 ވަނަ އަހަރު ރިޓަޔާ ކުރި އަލިބެ ބުންޏެވެ.
ރަށުގައި ހުރި މެންޗެސްޓާ ޔުނެއިޓެޑްގެ “އެކުވެރިޔާ” އާއްމު ގޮތެއްގައި ބަލަނީ އިނގިރޭސި ޕްރިމިއާ ލީގްގެ މެޗްތަކެވެ. ޕްރިމިއާ ލީގްގެ މަޝްހޫރު ހުރިހާ ޓީމެއް ވެސް އަލިބެ އަށް ވަރަށް ފަރިތަ އެވެ. މެޗުތަކާ ދޭތެރޭ އޭނާ ވިސްނަ އެވެ. ޝަކުވާތަކެއް ވެސް ހިތުގައި ހުރެ އެވެ. މެންޗެސްޓާ ޔުނެއިޓެޑްގެ ތާރީހުގައި ވެސް މިހާ ދަށަށް ޓީމު ވެއްޓިފައިވާތީ، މިއީ އަލިބެގެ ވެސް ޝަކުވާ އެކެވެ.
“ޑިފެންސް ރަނގަޅުކުރަންވީ،” މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވެން ޕާސީގެ ސަޕޯޓަރު ހިޔާލު ދިނެވެ.
އަލިބެ ގަބޫލުކުރާ ގޮތުގައި އޭނާގެ ރޫހާނީ ޓީމު ބަލިވަމުން ދިއުމުގެ ހުރިހާ ޒިންމާއެއް ވެސް ނަގަން ޖެހޭނީ މިހާރުގެ އެޓީމުގެ ކޯޗް ޑޭވިޑް މޮޔަސް އެވެ.
މީހުންނާ ގުޅޭ، އަދި އޭނާގެ ޒުވާން އުމުރުން ފެށިގެން ގިނަ އަހަރުތަކެއް ވަންދެން އޭދަފުއްޓަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުރި އަލިބެ އާ ފުޓުބޯޅައާ ދުރުވުމެއް ނެތެވެ. މެޗްތައް ލައިވްކޮށް ބަލާލައިގެން ވެސް ހިތްހަމަނުޖެހިގެން ބައެއް މެޗްތަކުގެ ރިޕީޓް ވެސް އޭނާ ބަލަ އެވެ. މެޗްތަކާ ބެހޭ ގޮތުން ކޯޗުން ދައްކާފައި ހުންނަ ވާހަކަތަކާއި، ބޮޑެތި ޓީމްތަކަށް ގެންނަ ކުޅުންތެރިންގެ މައުލޫމާތާއި، މަޝްހޫރު ކުޅުންތެރިންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތަކާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް އޭނާ ގަވައިދުން ބަލަ އެވެ. އޭނާ އަށް ކަމުދަނީ ވެސް އެކަނިމާ އެކަނި އިނދެގެން މެޗުތައް ބަލާށެވެ! އެ ގަޑީގައި އޭނާ އަށް އެކަކުގެ ވެސް އުނދަގުލެއް ނުކުރުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ.
އެކަމަކު މައްސަލައެއް އެބައޮތެވެ؛ އޭނާ ސަޕޯޓް ކުރަނީ މެންޗެސްޓާ ޔުނެއިޓެޑަށް ކަމަށް ވިޔަސް، އޭނާ އެންމެ ބަލާ ހިތްވާ ފުޓްބޯޅައެއް މިހާރު ކުޅެނީ ސްޕެއިންގެ ބާސެލޯނާ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުން މިފަހަކަށް އައިސް ނުފެނުމަކީ މިހާރު އަލިބެގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
“ދަރިން ވެސް މިހާރު ބުނޭ ބައްޕަ ދެން އާސެނަލް އަށް ސަޕޯޓްކުރަން ކުރަންވީ ނޫންހޭ،” އަލިބެ ބުންޏެވެ. “އެކަމަކު ސަޕޯޓް ކުރާ ކުލަބު ބަދަލު ކުރުމުގެ ވިސްނުމެއް އެއްގޮތަކަށް ވެސް ނެތް.”
އަޅުގަނޑުގެ ޢުމުރުން 12 އަހަރުން ފެށިގެން އަލިބެ ދަންނަން. ފުޓްބޯޅަ އަށް ވަރަށް ވަރުހުންނަ ބޭކަލެއް. 80 ގެ އަހަރުތަކުގައި އޭދަފުށީ ޒުވާނުންގެ ޖަމްޢިއްޔާގެ ފުޓްބޯޅަ ޓީމް ގަލޮޅު ދަނޑުގައި މެޗްތައް ކުޅޭ ދުވަސް ދުވަހު، ޓީމަށް ސަޕޯޓް ކޮށް އަލިބެ އުޅެފައިވާގޮތް މިހާރުވެސް ހަނދާންވޭ. އަލިބެގެ ހިތްވަރަށް ހަމަ ސާބަސް. ކުރިޔަށް ވަޑައި ގަންނަވާ.
އަލިބެ ތިކުރާ ހިތްވަރަށް ހަމަ ސާބަސް.