ޓޫރިޒަމް ޓެކްސް: އަހަރެމެން ދެނެގަންނަން ޖެހޭ ކަމެއް؟

maafushi-29

[އޭދަފުށި ވެސް މި ވަނީ ޓޫރިޒަމް ވަރުގަދަ ހަބެއްގެ ތެރޭގަ އެވެ. އިގްތިސާދީ ތަޖުރިބާކާރު އަދި ކުރީގެ ސްޓޭޓް މިނިސްޓާ ފޯ ފިނޭންސް އަހުމަދު ނަސީރު މިފަހަރު މި ލިޔުއްވަނީ ތިޔަބޭފުޅުންނަށް ކޮންމެހެން އެނގެން ޖެހޭ ވާހަކަތަކެކެވެ. ތިޔަބޭފުޅުންގެ ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ވެސް ބޭނުންކުރެވިދާނެ، އިގްތިސާދީ ވަރަށް ބޭނުންތެރި މައުލޫމާތުތަކެކެވެ.]

ސްކޫލްގައި އަހަރެމެންނަށް ކިޔަވާ ދޭ ގޮތުގައި ޓެކްސް ނަގަނީ ސަރުކާރަށް ފައިސާ ހޯދުމަށާއި ބައެއް ކަހަލަ މުދާތަކަށް އޮންނަ ޑިމާންޑް ކުޑަކުރުމަށާއި އަދި އެންމެ މުހިންމު ކަމަކަށް، މުޖުތަމައުގައި ދައުރުވާ ފައިސާ އާއި މުއްސަނދިކަން އެހެން ގޮތަކަށް “ބަހާލުމަށެ”ވެ.

ސަރުކާރަށް ފައިސާ ބޭނުންވަނީ ތަރައްގީގެ އަމާޒުފަތްގަނޑުތަކަށް ވާސިލު ވުމަށެވެ. ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ފަންޑު ހޯދުމަށެވެ. އެއީ އާއްމުންނަށް ބޭނުންވާ “ޕަބްލިކް ގުޑްސް” ފޯރުކޮށްދީގެންނެވެ. އޭގެ ތެރޭގައި މަގު ހެދުމާއި ފާލަމާއި ބްރިޖް އެޅުމާއި ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް އިމާރާތް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ބައެއް ކަހަލަ މުދާތަކުން ޓެކްސް ނަގަނީ އެއަށް މީހުން ބޭނުންވާ ބޭނުންވުން “ކަނޑުވާލާށެ”ވެ. އެގޮތުން ދުންފަތާއި ބަނގުރަލާއި ތިމާވެއްޓަށް ގެއްލުން ދޭ މާއްދާތަކުން އާދަޔާ ޚިލާފަށް ބޮޑު ޓެކްސްއެއް ނަގަނީ މިފަދަ ގެއްލުންދެނިވި “މުދަލުން” އާއްމު ރައްޔިތުން ދުރުކޮށް، ރައްކާތެރި ކުރުމަށްޓަކައެވެ.

މުޖުތަމައުގައި އެނބުރޭ ފައިސާ އާއި މުއްސަނދިކަމުން ޓެކްސް ނަގަނީ، މުއްސަނދިންގެ އަތުން ނެގޭ ޓެކްސް އަކީ ނިސްބަތުން ބޮޑު އެއްޗަކަށް ވެފައި، މި ފަދަ ޓެކްސްތަކުން ފަގީރުންނަށް “ސޯޝަލް ސެކިއުރިޓީ” ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ދިނުމަށެވެ. އެގޮތުން ފަގީރުންނަށް ސަބްސިޑީ ދިނުން ފަދަ ކަންތަކުން މުޖުތަމައުގައި މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު ކުޑަ ކުރެވޭނެތީއެވެ.

ހަރުދަނާ ޓެކްސް ނިޒާމެއްގެ ބޭނުމަކަށް ވާންވާނީ ‘ސޯޝަލް ވެލްފެއާ’ ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިޖުތިމާއީ ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ. ސަރުކާރުގެ ފިސްކޯލް ނުވަތަ ފައިސާއާ ބެހޭ ސިޔާސަތުން މި މަގުސަދު ހާސިލު ނުވާ ނަމަ، އިގުތިސާދީ އުފެއްދުންތެރިކަން ދަށަށް ދާނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ވިޔަފާރިތަކުން ނަގަން ޖެހޭ މިންވަރަށް ވުރެ ބޮޑަށް ޓެކްސް ނަގާ ނަމަ ނުވަތަ “އޯވާ-ޓެކްސް” ކުރެވޭ ނަމަ، އިގުތިސާދީ ހަރަކާތްތައް މަޑު ޖެހި، މެދު މުއްދަތާއި ދިގު މުއްދަތުގެ ތެރޭގައި ސަރުކާރަށް ޓެކްސްއިން ލިބޭ އާމްދަނީ ކުޑަ ވެގެން ދާނެއެވެ.

އެހެންކަމުން، ކުރު މުއްދަތުގައި ސަރުކާރަށް ޓެކްސްއިން ލިބޭ އާމްދަނީ ނަގަހައްޓާ ނަމަ، ޓެކްސް ނަގާ މިންވަރު ނުވަތަ ރޭޓް އިތުރުކޮށް، އަދި ޓެކްސް ނިޒާމާ “ކުޅުމަކީ” ގެއްލުން ހުރި ކަމެކެވެ.

“ގުޑްސް އެންޑް ސާވިސަސް ޓެކްސް” ނުވަތަ ޖީއެސްޓީ ނަގަން ފެށުމުގެ ކުރިން ރާއްޖޭގައި އޮތީ އިމްޕޯޓް ޑިއުޓީ ނެގުމެވެ. ރާއްޖެއަށް އެތެރެ ކުރާ މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވުމުގެ ކުރިން އަދި ކަސްޓަމްސްއިން މުދާ “ކްލިއާ” ކުރުމުގެ ކުރިން ވިޔަފާރިވެރިންގެ އަތުން އެމީހުން އިމްޕޯޓް ކުރާ މުދަލުގެ އަގުގެ ނިސްބަތަށް ނަގާ މި ޓެކްސް ސަރުކާރަށް ދައްކަން ޖެހެއެވެ. އަހަރެމެން ޖީއެސްޓީ ނަގަން ފެށީ އިމްޕޯޓަރު އަތުން މި ޓެކްސް ނުނެގުމަށްޓަކައެވެ. އިމްޕޯޓް ޑިއުޓީ ނުނެގުމުން، ރައްޔިތުން ނުވަތަ ކަސްޓަމަރުން މުދާ ގަންނަ ހިސާބުން އެއޮތީ ސަރުކާރަށް ޓެކްސް ދެއްކިފައެވެ. ރައްޔިތު މީހާގެ އަތުންނެވެ. މިހެންވެ، 2011 ގައި ރާއްެޖޭގެ ޓެކްސް ނިޒާމަށް ގެނައި އިސްލާހުގެ ސަބަބުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެގެން ދިޔަކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

ނަމަވެސް ހަމަ މިކަމުގެ ސަބަބުން އިގުތިސާދީ އުފެއްދުންތެރިކަމަށް ބައެއް ކަހަލަ ނޭދެވޭ އަސަރުތަކެއް ކުރިއެވެ. ބައެއް ސިނާއަތްތަކުން މިކަން ފެނުނެވެ. އަދި ޓެކްސް ނިޒާމަށް މިހާރު ގެންނަން އުޅޭ ބަދަލުތަކުގެ ސަބަބުން މިކަން އިތުރަށް ގޯސްވެދާނެއެވެ. ކުރު މުއްދަތުގައި މި ކަމުން ދައުލަތުގެ ހަޒާނާއަށް ފައިދާތަކެއް ކުރި ނަމަވެސް، ދިގު މުއްދަތެއްގައި އިގުތިސާދީ އުފެއްދުންތެރިކަން ދަށަށް ދާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މެދު މުއްދަތުގެ ތެރޭގައި ޓެކްސްއިން ސަރުކާރަށް ވަންނަ އާމްދަނީ ދަށަށް ދާނެއެވެ.

“ވިތް-ހޯލްޑިން ޓެކްސް” ނުވަތަ ޑަބްލިޔު.އެޗް.ޓީ އަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރަން ޖެހޭ އެއްޗެކެވެ. މިއީ، އަހަރެންގެ އަމިއްލަ ވިޔަފާރީގައާއި އަދި އަހަރެންގެ ކޮންސަލްޓޭޝަން ދޭ ވިޔަފާރިވެރިންނަށް، ވިޔަފާރީގެ ނަޒަރަކުން މިކަން ހިނގާ ގޮތް ކިޔައިދެމުން އަންނަ ކަމެކެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީ.ޕީ.ޓީ) ނުވަތަ ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާ ގާނޫނުގެ 6 ވަނަ އަދި 7 ވަނަ މާއްދާގެ ދަށުން، ރާއްޖެއިން ބޭރުގެ ޕާޓްނަރެއްގެ އަތުން ހޯދާ ޚިދުމަތްތަކަށް، އެ ފަރާތްތަކަށް ދައްކާ ފައިސާގެ 10 ޕަސެންޓް ސަރުކާރަށް ދައްކަން ޖެހެއެވެ. މިގޮތުން، ޑަބްލިޔު.އެޗް.ޓީން ލިބޭ އާމްދަނީ އަކީ ސަރުކާރުގެ މާލިއްޔަތަށް ލިބޭ ފައިސާގެ 3 ޕަސެންޓެވެ.

ބައެއް އަމިއްލަ ދިވެހި ކުންފުނިތަކަށް މިއީ ދަތި ކަމެކެވެ. ސަބަބަކީ ބޭރުގެ ވިޔަފާރި ބައިވެރިޔާއަށް ދައްކާ ހަރަދުން ވެސް ސަރުކާރަށް “ބައެއް އަޅާފައި”، މީގެ އިތުރުން ކުންފުންޏަށް ލިބޭ ފައިދާއިން ވެސް ސަރުކާރަށް ޓެކްސް ދައްކަން ޖެހުމުން، ދައްކަން ޖެހޭ މި ޓެކްސް “ދެ ފަހަރަށް” ދައްކަން ޖެހޭ ކަހަލަ ގޮތަކަށް އޮންނާތީއެވެ. ގިނަ ފަހަރަށް، ބޭރުގެ ޕާޓްނަރު އަތުން މި 10 ޕަސެންޓް ޓެކްސް ނަގަން އެ ފަރާތްތަކުން އެއްބަހެއް ނުވެއެވެ. މިހެންވެ ދިވެހި ކުންފުންޏަށް ކުރިމަތިވަނީ އެ ކުންފުނި ބަނގުރޫޓުވުން ނުވަތަ ހުއްޓާލަން ޖެހޭ ގޮތް ދިމާވުމެވެ. ސަރުކާރުން ޑަބްލިޔު.އެޗް.ޓީ ހުއްޓާލާފައި، މީގެން ލިބޭ 3 ޕަސެންޓް ޓެކްސް އާމްދަނީ “ދޫކޮށްލައިފި” ނަމަ، ގިނަ ދިވެހި ކުންފުނިތަކަށް މިކަމުން މަންފާ ކުރާނެއެވެ. ލުޔެއް ލިބޭނެއެވެ. އަދި ވަކިން ޚާއްސަކޮށް، އެ ވިޔަފާރި ކުންފުނިތައް ނަގަހައްޓާ، ބީ.ޕީ.ޓީ އާއި ޖީ.އެސް.ޓީން ސަރުކާރަށް ފައިސާ ވަންނާނެ މިންވަރު، އެއްކަލަ ދޫކޮށްލާ 3 ޕަސެންޓް އާމްދަނީއަށް ވުރެ، މާ ބޮޑުތަން އިތުރު ވެގެން ދާނެތީ އެވެ.

ދެން އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެނދަށް ނަގާ ޓެކްސް ނުވަތަ “ބެޑް ޓެކްސް”ގެ ވާހަކައެވެ. އެންމެ މަތީ ފަންތީގެ ރިސޯޓުތަކުން ރެއަކަށް އެނދެއް 2000 ޑޮލަރަށް ވެސް ވިއްކައެވެ. އަދި މިއިން ކޮންމެ އަދަދަކުން 8 ޑޮލަރު ސަރުކާރަށް ދައްކައެވެ. މިއީ ކޮޓަރީގެ ރޭޓް ނުވަތަ “ރޫމް ރޭޓް”ގެ 0.4 ޕަސެންޓެވެ.

ނަމަވެސް އަނެއްކޮޅުން އެންމެ އާދައިގެ ގެސްޓް ހައުސްއެއް ވެސް، ރެއަކަށް 50 ޑޮލަރުގެ މަގުން އެނދެއް ވިއްކާއިރު ވެސް، އެއްކަލަ 8 ޑޮލަރު ސަރުކާރަށް ދައްކަން ޖެހެއެވެ. ނަމަވެސް މިއީ ހަގީގަތުގައި “ރޫމް ރޭޓް”ގެ 16 ޕަސެންޓެވެ. މި ޓެކްސް ސީދާ މި ނެގެނީ ޓޫރިސްޓު މީހާގެ އަތުންނެވެ. ޓޮމް ކްރޫސް ފަދަ ހޮލީވުޑްގެ މަޝްހޫެރު ތަރިއަކަށް “ވަން އެންޑް އޮންލީ” ރިސޯޓުގައި ރެއަކަށް 2008 ޑޮލަރު، ޖީއެސްޓީ އާއެކު، ދެއްކުން މާބޮޑު އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް އާދައިގެ އާމްދަނީއެއް ލިބޭ “އާއްމު ފަތުރުވެރިއަކަށް” ރެއަކަށް 58 ޑޮލަރު ދެއްކުން ވާނީ ބޮޑު ކަމަކަށެެވެ. ހާއްސަކޮށް، އެހެން ގައުމުތަކުގައި މި ފެންވަރުގެ ކޮޓަރިތައް ވިއްކާ އަގުތަކާ އަޅާބަލާއިރު އެވެ.

މިހެންވެ މުއްސަނދި ފަތުރުވެރިޔާ އާއި ފަގީރު ފަތުރުވެރިޔާގެ އަތުން ވެސް މި ޓެކްސް ނަގަނީ އެއްވަރަކަށް ވާތީ މިއީ “ހަމަހަމަ ކަމެއް ނެތް” ޓެކްސްއެކެވެ. އަދި މިކަމުގެ ސަބަބުން މިއީ ޓެކްސް ނިޒާމަށް ގެއްލުންދެނިވި ޓެކްސްއެކެވެ. މިހެންވެ، މިއީ ޓެކްސް ނިޒާމު އިސްލާހުކޮށް ހަރުދަނާ ކުރުމަށް ހުރި ހުރަހެކެވެ.

މިއާ ޚިލާފަށް، ޖީއެސްޓީ އަކީ ހަމަހަމަކަން ގެނެސްދޭ ޓެކްސްއެކެވެ. ސަބަބަކީ ރޫމް ރޭޓަށާއި އެހެން ޚިދުމަތްތަކަށް ވަކި ޕަސެންޓެއް ދައްކާއިރު، އާމްދަނީގެ ގޮތުން މަތީ ފަންތީގެ ފަތުރުވެރިން، އެ މީހުން ހޯދާ އިތުރު ޚިދުމަތްތަކަށް ފައިސާ ދައްކާއިރު، އެމީހުންގެ އަތުން ނެގޭ ޓެކްސް ވެސް އިތުރުވާނެތީ އެވެ.

މި ވަގުތު ޓޫރިޒަމް ސިނާއަތުން ޖީއެސްޓީ ނަގާ މިންވަރަކީ 8 ޕަސެންޓެވެ. ގިނަ ރިސޯޓްތަކާއި ހޮޓެލްތަކާއި އަދި ގެސްޓް ހައުސްތަކުން އެ މީހުން ދޭ ޚިދުމަތްތަކުގެ އަގުގެ 5 ޕަސެންޓާއި 10 ޕަސެންޓް، “ޚިދުމަތުގެ އަގު” ނުވަތަ “ސާވިސް ޗާޖް”ގެ ގޮތުގައި ނަގައެވެ. އަދި މިއަށް ޖީއެސްޓީ އިތުރު ކުރެއެވެ. މިހެންވެ، ކޮޓަރިއަށާއި އެހެން ޚިދުމަތްތަކަށް ކޮންމެ ފަތުރުވެރިޔަކު ވެސް އެމީހުންގެ އަތުން ދާ ޚަރަދުގެ 18 ޕަސެންޓް އިތުރަށް “ޚަރަދު ކުރަން” ޖެހެއެވެ. މިއާއެކު، ޖީއެސްޓީ 12 ޕަސެންޓަށް އިތުރު ކޮށްފި ނަމަ، ކޮންމެ ޓޫރިސްޓެއް ކުރާ މި “އިތުރު ޚަރަދު” 23 ޕަސެންޓް އިތުރު ވެގެން ދާނެއެވެ. އަދި މީގެ މައްޗަށް އެނދު ކުލި ނުވަތަ ބެޑް ޓެކްސް ނެގުން ކުރިއަށް ގެންގޮސްފި ނަމަ، އެއީ ކޮންމެ ފަތުރުވެރި “ޖޯޑެ”އްގެ އަތުން ނެގޭ އިތުރު 16 ޑޮލަރެވެ. އަދި މިހެންވެ، ރޫމް ރޭޓުގެ އިތުރަށް މި ނިސްބަތް 39 ޕަސެންޓަށް އަރާނެއެވެ.

ރާއްޖެއާ ފަތުރުވެރިކަމުގައި މިހާރު އެންމެ ބޮޑަށް ވާދަ ކުރާ އަވައްޓެރި ލަންކާގެ ވެރިރަށް ކޮޅުނބުގެ ހޮޓެލްތަކާއި ރިސޯޓްތަކުން މިއަދަދު 26 ޕަސެންޓްގައި ހިފަހައްޓައެވެ. އެއީ ސާވިސް ޗާޖް އަދި އިތުރު ޓެކްސްތައް ވެސް ނަގަމުންނެވެ. މީގެ މާނައަކީ، ބެޑް ޓެކްސްގެ އިތުރުން 12 ޕަސެންޓް ޖީއެސްޓީ ނަގަން ފަށައިފި ނަމަ، ރާއްޖެއަށް އެހެން ޓޫރިޒަމް މަންޒިލުތަކާ ވާދައެއް ނުކުރެވޭނެއެވެ.

ނަތީޖާއެއްގެ ގޮތުން ފަތުރުވެރިންނަށް ދިވެހި ރާއްޖެ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި މަގުބޫލުކަން ކުޑަވެގެންދާނެއެވެ. ޚާއްސަކޮށް މެދު ފަންތީގެ އާމްދަނީ ލިބޭ ފަތުރުވެރިންގެ ކުރިމަތީގައެވެ. މީގެ އާޚިރު ނަތީޖާއަކަށް ވާނީ ގައުމަށް ލިބޭ މުޅި އާމްދަނީ އާއި ސަރުކާރަށް ޓެކްސްއިން ލިބޭ އާމްދަނީ، މެދު އަދި ދިގު މުއްދަތުގައި މަދުވެގެން ދިއުމެވެ.

އެހެންކަމުން، “ކުރު މުއްދަތުގައި ބޮޑު ފައިދާ ހޯދަން” އަހަރެމެން ވިސްނާ ނުލައި، ހިތުހުރި ގޮތަކަށް ޓެކްސް ރޭޓްތަކާއި ޓެކްސް ނިޒާމާ “ކުޅުމަކީ” ރަނގަޅު ކަމެއް ނޫނެވެ. ޓެކްސް ނަގާ މިންގަނޑުތަކާއި ޓެކްސް ނިޒާމަށް ބަދަލު ގެންނަން ވާނީ ވަރަށް ބޮޑަށް ދިރާސާ ކޮށް، ކުރިމަގުގައި ކުރިމަތިވެދާނެ ނަތީޖާތަކާ މެދު ވިސްނުން ބަހައްޓައިގެންނެވެ. އިޖުތިމާއީ ރައްކާތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނެ މަގަކުންނެވެ. ރާއްޖޭގެ “ރަން ބިސް އަޅާ ކުކުޅު” ނުވަތަ ޓޫރިޒަމް “ކަތިލުމަކީ” ދިގު މުއްދަތަށް ބަލާއިރު، ލިބެން އޮތް ހުރިހާ ރަން ބިހެއް ލިބުން އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.