ނަސްރުﷲ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިފައިވާ ބ. އޭދަފުށީ، މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އިން ހޯދަން އެމްއެންޑީއެފް ކޯސްޓް ގާޑުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ނަސްރުﷲ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކަމަށާއި މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެކަމަކު، ނަސްރުﷲ އަދިއެއް ނުފެނެ އެވެ.

ނަމަވެސް ނަސްރުﷲ އަބްދުﷲ އިން ޑިންގީ ކަނޑު އަޑިން މިއަދު ނަގައިގެން ވަނީ ދަރަވަންދޫއަށް ގެނެސްފަ އެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ

އެމްއެންޑީއެފުން ބުނީ ޑިންގީ ނެގީ ބ.ދޮންފަނުގެ ހުޅަނގުން ބައި މޭލު ބޭރުން ކަނޑުގެ 46 މީޓަރު އަޑިން ކަމަށެވެ. އަދި ނަސްރުﷲ އަބްދުﷲ ގެއްލުނު ހާދިސާގައި ލޯންޗުން ޖެހިފައިވާ ކަމަށް ބެލެވެނީ ޑިންގީގެ ފަހަތުން ކަނާތް ފަރާތު އަރިމަތީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭނާ ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ފެނިފައި ވަނީ ޑިންގީއާއި އޭގެ އިންޖީނުގެ ކަވަރުފަޅިއެއް އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް ސާމާނެވެ.

ނަސްރުﷲ ގެއްލުނު އެކްސިޑެންޓް ހިނގީ އޭނާގެ އަންހެނުންގެ ކޮއްކޮއަކާއި ބޭބެއަކާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިދިޔަ ހުކުރުވިލޭރޭގެ ވަގުތެއްގަ އެވެ.

ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އެކްސިޑެންޓުވީ ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި، އޭދަފުށީ ސޭލަމް ލޯންޗު ޖެހިގެންނެވެ.

އެކްސިޑެންޓުވި ލޯންޗުގެ ކެޕްޓަން އޭދަފުށީ ޝަބްނަމްގޭ މުހައްމަދު މުސްތަފާ އަށް ވެސް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ވާތު ލޮލުގެ ތިރިން މޫނުގެ ކަށިތައް ވަނީ ބިނދިފަ އެވެ. އެހެންވެ، މުސްތަފާގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ.

މުސްތަފާގެ އިތުރުން، ލޯންޗުގައި އިން ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ވާތު ކަންފަތުން ބައެއް ވަކިވި އެވެ. އޭނާގެ ކަންފަތުގެ އެ ބައި ވަނީ ފަހައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.