އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު އެއް ފަހަރަކު ވިދާޅުވީ އެ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނެތުމުން ސަރުކާރު ހިންގުމަށާއި އެ މަނިކުފާނުގެ ޕާޓީގެ ވައުދުތައް ފުއްދަން ހުރަސްއެޅިފައިވާ ކަމަށެވެ. (ފަހުން އެމްޑީޕީ އަށް މަޖިލީހުގައި މި މެޖޯރިޓީ ލިބުނެވެ). ނަމަވެސް ނަޝީދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ސަރުކާރު ހިންގާ ޕާޓީ އަށް މަޖިލީހުގައި މެޖޯރިޓީ ލިބިއްޖެ ނަމަ، ޑިމޮކްރެސީއެއްގައި އޮންނަ ތިން ބާރު ވަކިވުމަށް ހުރަސްއެޅޭނެ ކަމަށާއި ނަޝީދު ޚުދުމުހުތާރު ވެރިއަކަށް ބަދަލުވުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނަޝީދުއާ އިދިކޮޅު، އަދި މިހާރު ވެރިކަމުގައި ތިއްބެވި ކޯލިޝަނުން ދައްކަމުން ގެންދިޔައީ މިހާރު ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަ އެވެ. ނަޝީދު މިހާރު ދައްކަވަމުން ގެންދަވަނީ އޭރު އިދިކޮޅު ފަރާތްތަކުން، އަދި މިހާރު ސަރުކާރު ހިންގަމުން ގެންދާ ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަ އެވެ.
އަބްދުﷲ ޔާމީން ވެސް ރައީސް ކަމަށް ވަޑައިގެންފައި އަނެއްކާ ވެސް މި ވިދާޅުވަނީ ނަޝީދު ދެއްކެވި ކަހަލަ ވާހަކަފުޅެކެވެ؛ މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިިންތިޚާބު ޕީޕީއެމަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ، ޕީޕީއެމްގެ މެނިފެސްޓޯ ކާމިޔާބު ކުރުމަށް ހުރަސްތަކަކާ ކުރިމަތިވާނެ ވާހަކަ އެވެ. އެމަނިކުފާނުގެ ރިއާސީ ވައުދުތައް ފުއްދަވަން ދަތިތަކަކާ ކުރިމަތިވެ ވަޑައިގަންނަވާނެ ކަމަށެވެ. ހަމަ އެއް ރާގަކަށް މި ކިޔަނީ އެއް ލަވައެކެވެ. ތަފާތަކީ ކޮޅު ބަދަލުވި ކަމެކެވެ.
މަޖިލީހުގެ އިންތިޚާބު މިހާ ކައިރި ވެފައިވަނިކޮށް މިކަހަލަ ކަމަކުން އިންތިޚާބުގައި ވޯޓު ލާން ތިބި ރައްޔިތުންނަށް ވަނީ “އޮޅުންތަކެއް” އަރައިފަ އެވެ. “ކޮންފިއުސް” ވެފަ އެވެ. ސަރުކާރު ނުހުއްޓި، މަޖިލީސް “ސައި ނުވެ”، އަދި ޑިމޮކްރެސީގެ ތިން ބާރު ވެސް ވަކިވެފައި އޮންނަ ގޮތަށް ދެން ކަންތައްތައް ކުރާނީ ކިހިނެތްތޯއާ މެދު އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ރާއްޖޭގައި “މަސްހުނި” ނިޒާމެއް އޮތުމެވެ. އެމެރިކާގައި ނަމަ އޮތީ ވަރަށް ސާފު ރިއާސީ ނިޒާމެކެވެ. އިނގިރޭސި ވިލާތުގައި ނަމަ ވަރަށް ސީދާ ބަރުލަމާނީ ނިޒާމެކެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސީންގެ ތަރައްގީ އާއި ތަހުޒީބުގެ ފިޔަވަޅުތަކުގެ ދަށުން ގައުމު ހިންގަން ބޭނުންވާ ދިވެހިން މިވަނީ، ގާނޫނުއަސާސީ އަލުން އެކުލަވާލިއިރު، ރިއާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު، އެކައްޗާއި އަނެކަތި ވަކި ކުރަން ދަތިވާވަރުގެ “މާ މޮޅު” ނިޒާމެއް ގާއިމުކޮށްފަ އެވެ!
އެހެންކަމުން ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟
އެމެރިކާ ކަހަލަ ރިއާސީ ނިޒާމެއްގައި، ރައްޔިތުންގެ ވެސް ހޭލުންތެރިކަމާ އެކު، ރައީސް ކަމަށް ހޮވޭ މީހާގެ ޕާޓީއާ އިދިކޮޅު ފަރާތަށް ރައްޔިތުން ވޯޓު ދީ، އޮޕޮޒިޝަނަށް މަޖިލީހުގައި މެޖޯރިޓީ ދެއެވެ. އެއީ ސަރުކާރާއި މަޖިލީހަކީ ވަކި ދެ ބާރަށް ވެފައި، އެއް ބާރެއްގެ ބާރު މާ ވަރުގަދަ ވެދާނެތީ، “ބެލެންސް” ކުރުމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގައި އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަމުން، ސަރުކާރާ ހަވާލު ވަނީ މަޖިލީހުގައި ވެސް އަޣްލަބިއްޔަތު ލިބޭ ޕާޓީއެކެވެ. އެހެންކަމުން، ސަރުކާރާއި މަޖިލީހުގެ ބާރު އޮންނަނީ މަސްހުނިވެފަ އެވެ. މިހެންވެ، މިކަން “ބެލެންސް” ކުރަނީ ކޯޓުތަކާއި ޝަރުއީ ނިޒާމުންނެވެ.
ނަމަވެސް ރާއްޖޭގެ މިހާރުގެ މައްސަލައަކީ، އެމްޑީޕީ ވެސް އަދި މިހާރު ޕީޕީއެމް ވެސް އެއްބަސްވާ ގޮތުގައި، ޝަރުއީ ނިޒާމު ދޯހަޅިވުމެވެ. ގާނޫނު އަސާސީ އިސްލާހު ކުރިއިރު ކޯޓުތަކާއި ޖުޑިޝަރީ “ރިފޯމް” ކުރަން މާ ބޮޑު ސަމާލުކަމެއް އޭރު ދެވިފައި ނެތުމެވެ. ކޯޓުތަކުގައި މައްސަލަތައް ގިނަ އެވެ. ޝަރުއީ ނިޒާމު އޮތީ ބޮއްސުން ލައިފަ އެވެ. މީހުންގެ އިތުބާރު ގެއްލިފަ އެވެ. ކޮންމެ ހުކުމަކަށް މިދަނީ ފާޑުކިޔަމުންނެވެ.
އޭގެ އެއް މިސާލަކީ މިއެވެ؛ އެއްވެސް ގައުމެއްގައި ރިއާސީ އިންތިޚާބެއް އެއްކޮށް ބާތިލެއް ނުކުރާނެއެވެ. ފުރަތަމަ ބުރުގައި މައްސަލަތައް ހުރި ނަމަ، އެ ވަކިވަކި މައްސަލަތައް ދެވަނަ ބުރުގައި ރަނގަޅުކުރަން އަންގާނީ އެވެ. ނަމަވެސް ރާއްޖޭގައި އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވޭ މިންވަރަކީ، ރިއާސީ އިންތިޚާބު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާއެއްގެ މެންޑޭޓް ހިންގުމަށް ދަތިވާނެ މިންވަރަކަށް ސުޕްރީމް ކޯޓުން ވަނީ ރިއާސީ އިންތިޚާބުގެ ކަންތައްތަކުގެ ތެރެއަށް ވަދެފައި ކަމެވެ. ރިއާސީ އިންތިހާބުގެ މައްސަލަތައް ފުރަތަމަ ދަށު ކޯޓުތަކުން ބަލަން ވެސް ފުރުސަތު ނުދީ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނުއަސާސީ މާނަ ކުރުމުން ހަމައެކަނި ކޯޓުތަކަށް ދޫކޮށްލެވިފައި އޮތުމެވެ. ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ގާނޫނުތައް ހެދުމުގެ ޒިންމާ ނަގާ މިނިވަން މުއައްސަސާ ކަމަށްވާއިރު، ގާނޫނު އަސާސީ މާނަ ކުރުމުގެ ހައްގު ފަނޑިޔާރުގެއެކޭ އެއްވަރަށް މަޖިލީހަށް ވެސް އޮންނަން ޖެހޭނެ އެވެ. ގައުމުގެ މަސްލަހަތު ހިފެހެއްޓޭނީ މި ގޮތުގެ މަތިންނެވެ. މީގެ 225 އަހަރު ކުރިން އެއިރުގެ އެމެރިކާގެ ރައީސް ޖޭމްސް މެޑިސަން އެމެރިކާގެ މަޖިލީހުގައި 18 ޖޫން 1789 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސް މެންބަރުންނާ މުހާތަބު ކުރައްވާ ވިދާޅުވެފައިވަނީ: “ގާނޫނު އަސާސީ މާނަ ކުރުމުގެ ހައްގަކީ ހަމައެކަނި ޝަރުއީ ދާއިރާ އަށް އޮންނަން ޖެހޭ ބާރެއް ކަމާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެން ނުވާނެ ކަމަށް ބުނާނެ އެއްވެސް ހަމައެއް ނެތް” ކަމަށެވެ. މާނައަކީ ގައުމު ހެޔޮ ގޮތުގައި އަދި ހަމަ ގޮތުގައި ހިންގޭނީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއިން ވެސް ގާނޫނުއަސާސީ މާނަ ކުރުމުގައި ހަމަހަމަ ދައުރެއް އަދާކޮށްގެން ކަމެވެ.
މި ފަހަރުގެ ރިއާސީ އިންތިޚާބުގައި “ތިލަފަތަށް ވޯޓު ދެއްވުމަށް” އެމްޑީޕީން ކެމްޕޭން ކުރަނީ މިހެންވެ އެވެ. އަދި މި ގޮތަށް ކެމްޕޭން ކުރުމަކީ ހަމައެކަނި އެމްޑީޕީގެ ޒިންމާއެއް ވެސް ނޫނެވެ. ހުރިހާ ރައްޔިތުންގެ ވެސް ޒިންމާއެކެވެ. ސަބަބަކީ ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށް ފަހު، ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރެވޭނީ އެގޮތުގެ މަތިން ކަމަށް ވާތީ އެވެ. ގާނޫނުއަސާސީ އިސްލާހު ކުރިއިރު އިހުމާލު ވެވުނު ދާއިރާ ކަމަށްވާ ޝަރުއީ ދާއިރާ އަލުން އިސްލާހުކޮށް، ޝަރުއީ ދާއިރާ މިހާރު ސިޔާސީ ނުފޫޒުން އެއްކިބާވެފައި ނެތުމުން ރާއްޖޭގެ ޑިމޮކްރެސީ ވެއްޓެމުންދާ އަނދަވަޅުން އެ ޑިމޮކްރެސީ ސަލާމަތްކޮށް، އަލުން ނެގެހެއްޓުމަށެވެ.
ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ކޮންމެ މީހަކު، އެ މީހަކީ ފަނޑިޔާރަކަށް ވިޔަސް އަދި ނޫސްވެރިޔަކަށް ވިޔަސް، ހައްޔަރުކޮށް ފިޔަވަޅު އެޅުމުގެ ބާރު ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސް އަށް ލިބިގެންވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްސަލައަކީ މިފަދަ ގާޒީއަކު ހައްޔަރު ކުރުމަށް ފަހު އޭގެ ފަހުން ގާނޫނީ އިމުން ބޭރުގައި ކަންތައްތައް ކުރެއްވުމެވެ. ތިން ހަފުތާ ވެގެން ދިޔައިރު ވެސް ގާނޫނީ ގޮތުން ދައުވާ ނުކުރައްވާ، “ވާނުވާ ނޭނގޭ ގޮތަށް އޭނާ ގެއްލުވާލާފައި” ބެހެއްޓުމެވެ.
މާދަމާ ބާއްވާ މަޖިލިސް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރަން ބޭނުން ވަނީ ވެސް، މަސްހުނި ސިޔާސީ ނިޒާމެއް އޮތް މި ގައުމުގައި، ތިން ބާރު ވަކިކޮށްފައި ބޭއްވޭނީ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަންކޮށްގެން ކަމަށްވާތީ އެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތަކީ، ތިން ބާރު ކަމަށްވާ ސަރުކާރާއި މަޖިލީހާއި ޝަރުއީ ދާއިރާގެ ތެރެއިން ދެ ދާއިރާ ކަމަށްވާ ސަރުކާރާއި ޝަރުއީ ދާއިރާ ޕީޕީއެމް ކޮޅަށް ބުރަވެފައިވާތީ އެވެ. އެކަމަކު މި ހިސާބުން ސުވާލެއް ވެސް އުފެދެ އެވެ. އެމްޑީޕީގެ ވެރިކަމެއްގައި މަޖިލީހުގެ ކޮންޓްރޯލް ވެސް އެ މީހުންނަށް ލިބިމެ، ޖުޑިޝަރީ މިނިވަން ކުރަން މަސައްކަތް ނުކުރީ ކީއްވެތޯ އެވެ؟ މިހާރު މެޖޯރިޓީ ލިބިއްޖެ ނަމަ، ދެން އެ މަސައްކަތް ކުރާނީ ވަކި ކިހިނެއްތޯ އެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުނަސް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެވިދާނެ އެވެ. ހަގީގަތަކީ މެނިފެސްޓޯ ތަންފީޒު ކުރަން ހުރިހާ ބާރެއް އަތްދަށު ލާން ނުޖެހޭ ކަމެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ސަރުކާރުން އެއްބާރުލުން ދޭން ޖެހެ އެވެ. ސުވާލަކީ، އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެ މީހުން އެއްބާރުލުން ދޭނެތޯ ކުރެވޭ ސުވާލެވެ. އޭގެ ޖަވާބުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ “އާއެކޭ، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކަކަށް އެމްޑީޕީން އެއްބާރުލުން ދޭނެއޭ،” އެވެ.
އެކަމަކު ގިނަ ފަހަރު ކަން ވަނީ އެހެނެއް ނޫނެވެ؛ ރައީސް ނަޝީދު އެހެން ވިދާޅުވަނީ މީހުންގެ ބޯކާލައި، ވޯޓު ހޯދަން ކަމަށް އަބަދު ވެސް ތުހުމަތު ކުރެ އެވެ. އަދި ގިނަ ފަހަރު އެމަނިކުފާނު ދައްކަވާ ބައެއް ވާހަކަތައް އޭގެ އަނެއްކޮޅަށް ބަދަލުވުމަކީ ވެފައި ހުރި ކަންތައްތަކެވެ. އެމްޑީޕީ އަށް މެޖޯރިޓީ ލިބިޖިއްޔާ ނުކުމެދާނެ އެންމެ ބޮޑު މައްސަލައެއްގެ ވޭން ތަހަންމަލު ކުރަން ޖެހޭނީ ސަރުކާރެވެ. އޭގެ ފަހުން ރައްޔިތުންނެވެ.
ޕީޕީއެމަށް ރައްޔިތުންގެ މަޖިލިސް ލިބިއްޖިއްޔާ ވެސް ބިރު ވަރަށް ބޮޑެވެ. އެއީ އުފަންވެ ހެދިބޮޑުވަމުން އަންނަ ޑިމޮކްރަސީ އަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ކުރިން ދެންނެވިހެން ހުރިހާ ބާރުތަކެއް އެކައްޗަކަށް ވީ އެވެ. ސަރުކާރުން ކިތަންމެ ބޮޑު ކަމެއް ގޯސްކޮށް ކުރިއަސް ރައްޔިތުންނަށް ޖަވާބުދާރީވުން އެ ހިސާބުން ދެން ނިމުނީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ގާތްގަނޑަކަށްހެން ހުއްޓުނީ އެވެ. މިއީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
ވޯޓު އޮތީ ބޯމަތީގަ އެވެ. ވިސްނަވާށެވެ! މާދަމާ ބާއްވާ މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ދޭނީ ކޮން ބަޔަކަށް ކަމާއި ވޯޓު ލާނީ ކޮން ޕާޓީއެއްކަން އެއީ ހަމަ ތިޔަ ބޭފުޅުންގެ ނިންމެވުމެވެ.