
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން އޭދަފުށީގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ކުރިޔަށްގެންދިޔަ ދަނޑުވެރިކަމާބެހޭ ޓްރޭނިން ޕްރޮޤްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ހަފްލާާއެއްގައި ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ބ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު ސިދުގީ އަބްދުﷲ އެވެ. އޭދަފުށީ ދެވިނަގޭގައި ހުންނަ އޮފީސްބައިގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްރޮޤްރާމް ފުރިހަމަކުރި 30 ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.
ފޭލި ޖަމިއްޔާއިން ބުނީ މި ޕްރޮގްރާމްގެ ސަބަބުން އޭދަފުށީގެ ގޭގޭގެ ގޯތިތެރޭގައި ހުންނަ ހުސްޖާގަތަކުގައި ދަނޑުވެރިކަން ކުރުމުގެ ހުނަރުތައް ބައިވެރިންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ ދަނޑުވެރިކަމާބެހޭ މި ޕްރޮގްރާމްގައި ފެސިލިޓޭޓަރެއްގެ ގޮތުން ކިޔަވައިދެއްވީ ލިވް އެންޑް ލާންގެ ފަރާތުން ބ. އަތޮޅުގައި ހިންގާ ދަނޑުވެރިކަމާގުޅޭ ޕްރޮޖެކްޓްގެ އިސްބޭފުޅެއް ކަމަށްވާ އަހްމަދު ޔާސިރެވެ.
ފޭލި ޖަމިއްޔާއިން މިއަހަރުވަނީ އޭދަފުށީގެ އާންމުންނަށް އަމާޒުކޮށްގެން ފަތަންދަސްކޮށްދޭ ފްރޮގްރާމަކާއި، ސެކިއުރިޓީގާޑުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ޔޫތް ސެންޓަރާ ގުޅިގެން ކުރިޔަށްގެންގޮސްފަ އެވެ. އެ ޖަމްއިއްޔާއިން ބުނީ ރޯދަމަހަށްފަހު ފެޝަންޑިޒައިން ފަހާކޯހެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.