ބ. ހިތާދޫގައި މީހެއްގެ ކަރާ ދަނޑަކަށް ގެއްލުން ދީފިއެވެ.
ހިތާދޫ ފެހިވިދުވަރު ޢަބްދުލް ޣަނީއަބްދުއް ލަތީފު އޭނާގެ ގޯތީގައި ހައްދާފައިވާ ކަރާ ދަނޑުގައި ހުރި ކާރާތަށް ފަޅާލައި ވިޔޮގަނޑު އުފުރާލައި ގެއްލުންދީފައިވަނީ އާދިއްތަ ދުވަހުގެ ރެ އެވެ.
ޢަބްދުލް ޣަނީ ބުނީ އިއްޔެ ކަރާ ކެނޑުމަށް ނިންމާފައިވާ ކަމަށާއި ދަނޑުން ބޭނުން ކުރެވޭވަރުގެ ދިހަވަރަކަށް ކަރާ ހުރިކަމަށެވެ. ފަންސާހަކަށް ކަރާ ވަނީ ދަނޑި ބުރިއެއްފަދަ އެއްޗެއް ހެރެގެން ފަޅާލާފައެއެވެ.
ރޯދަމަހާ ދިމާކޮށް ހިތާދޫގައި ކޮންމެ އަހަރަކުވެސް ކަރާހައްދަމުން ދެއެވެ. މިފަހަކަށް އައިސް ހިތާދޫގައި މީހުންގެ މުދަލަށް ގެއްލުން ދިނުންވަނީ އިތުރު ވެފައެވެ. ދެހާސް ދިހަވަނަ އަހަރުވެސް ހިތާދޫގައި ދަނޑު ވެރިކަން ކުރަމުން ދިޔަ މީހެއްގެ ދަނޑުގައި ހައްދާފައިވާ މިރުސްގަސް ތަކާއި ކޮޕީގަސްތައްވަނީ އުފުރާލާ ފައެވެ.