ފުޓްބޯޅައިގެ އެންމެ މޮޅު ގޯލްތައް

maradona5

ވޭތުވެދިޔަ ބައި ގަރުނުގައި ފުޓުބޯޅައިގެ ދުނިޔޭގައި ޖަހާފައިވާ ގޯލްތަކަށް ބަލާއިރު، އޭގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު ކަމަށް ބެލެވޭ ގޯލްތައް ކަނޑައެޅުމުގައި، އެ ގޯލް ޖެހި ތާރީޚާއި އެ ދުވަސްވަރުގެ އިޖުތިމާއީ ހާލަތަށް އިންސާފު ކުރަން ޖެހެއެވެ. މީގެ އިތުރުން އެ ފަދަ ގޯލެއް ޖެހުމުގައި ހުރި އުނދަގޫތަކާއި ކުޅަދާނަ ކަމާއި ހުނަރަށް ވެސް ބަލަން ޖެހެއެވެ.

އެގޮތުން ބަލާއިރު ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ފަރާތްތަކާއި އަދި ފުޓްބޯޅައިގެ ތާރީޚު ދިރާސާ ކުރައްވާ ތަޖުރިބާކާރުންގެ ލިސްޓްގެ އެއްވަނައަށް އަދިވެސް އަންނަނީ 1958 ގައި ބްރެޒިލްގެ ޕެލޭ ޖެހި ލަނޑެވެ. ސްވިޑްންއާ ދެކޮޅަށެވެ. އެއީ 1950 ގައި ބްރެޒިލްގައި ބޭއްވުނު ވޯލްޑް ކަޕް އުރުގުއޭ ގެންދިއުމާ ގުޅިގެން ބްރެޒިލަށް ލިބުނު ހިތާމަ ފިލައިގެން ނުދަނީހެވެ.

ޕެލޭގެ އުމުރުން އެއިރު އެންމެ 17 އަހަރެވެ. ނަމަވެސް އޭނާގެ އެ ލަނޑުގެ ސަބަބުން ފުޓުބޯޅައިގެ ތާރީޚުގައި އޭނާގެ ނަން ވަނީ ރަން އަކުރުން ފެވިފައެވެ. ފައިނަލް މެޗުގެ ދެވަނަ ހާފުގައި 55 ވަނަ މިނެޓުގައި ޕެލޭ ޖެހި ގޯލުގެ ސަބަބުން ބްރެޒިލްގެ ރޫހު އަލުން ގަދަވެ، 1962 އަދި 1970 ގެ ވޯލްޑް ކަޕް ވެސް ބްރެޒިލަށް ކާމިޔާބު ކުރެވޭ ގޮތްވިއެވެ.

m_196543657_0

“ގޯލް އޮފް ދަ ސެންޗަރީ” ނުވަތަ “ގަރުނުގެ ގޯލް”ގެ ގޮތުގައި އަދިވެސް މަޝްހޫރު ވެފައިވަނީ 1986 ގައި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާގެ މެރަޑޯނާ ޖެހި ލަނޑެވެ. މުޅި މުބާރާތް ވެސް ހީވީ މެރަޑޯނާގެ މުބާރާތެއް ހެންނެވެ. ބޯޅަ ކޮންޓްރޯލް ކުރަމުން ހަލުއި ދުވެއްޔެއްގައި ދާއިރު އެކަކަށް ވެސް އޭނާއަށް ހުރަހެއް ނޭޅުނެވެ. އަދި ހާފުގެ މެދެއްހާ ހިސާބުން މެރަޑޯނާ އެ ދިޔަ ބާރު މިނުގައި ގޮސް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލިއިރު، އިނގިރޭސި ޑިފެންޑަރުންނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

އެންމެ ހިތާމަވެރި ފުޓުބޯޅަ ކުޅުންތެރިއަކަށް އިޓަލީގެ ރޮބާޓޯ ބާޖިއޯ ވެދާނެއެވެ. އެއީ 1994 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި ބްރެޒިލާ ދެކޮޅަށް ޕެނަލްޓީ ޖެހިއިރު، އެންމެ ފަހު ޕެނަލްޓީ އޭނާ ބޭރަށް ޖެހުމުން އިޓަލީ އަށް ތަށި ގެއްލުމުންނެވެ. އަދި ހުއްޓުން އަރާފައި ހިމޭންވެފައި ދަނޑުމަތީގައި ބާޖިއޯ ހުރި ގޮތަށް ހުރި މަންޒަރަކީ އަދިވެސް ފުޓުބޯޅައިގެ އެތައް ބިލިއަން ފޭނުންނަށް ހަނދާނުން ފުހެ ނުލެވޭ މޮޅިވެރި ވަގުތުކޮޅެކެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ކުރިން އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގައި ބާޖިއޯ ޖެހި ލަނޑުތަކަކީ ފުޓުބޯޅައިގެ ތާރީޚުގައި އަދިވެސް ބެލުންތެރިންގެ ހަނދާނުން ކައްސާ ނުލާ ގޯލްތަކެކެވެ.

ފުޓުބޯޅައިގެ ވާހަކަ ދައްކާ ނަމަ، ގިނަ ބަޔަކަށް ނެގޭނީ އެއީ ފިރިހެނުންގެ ކުޅިވަރެއްގެ ގޮތުގައެވެ. ސިކުނޑިއަށް ކުއްލިއަކަށް އަންނާނީ ޕެލޭ، ބެބޭޓޯ، ރޮމާރިއޯ، ރޮނާލްޑޯ، ރޮނާލްޑީނިއޯ، ރޮބާޓޯ ކާލޮސް އަދި ކަކާ ފަދަ ނަންތަކެވެ. ނަމަވެސް ހަގީގަތުގައި އަންހެނުންގެ ފުޓުބޯޅައަކީ ވެސް ހުނަރުން ފުރިފައިވާ ގޭމްތަކެކެވެ. އެގޮތުން 2007 ގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއްގައި ބްރެޒިލްގެ މާޓާ، އެމެރިކާ އާ ދެކޮޅަށް ޖެހި ހުނަރުވެރި ލަނޑަކީ ގިނަ ފިރިހެނުން ވެސް ސިއްސުވާލި މޮޅު ލަނޑެކެވެ.

ހުނަރުވެރި އުނދަގޫ ގޯލްތަކަށް ބަލާއިރު، ވަސްކުއެޒް ލީގު މެޗެއްގައި ޖެހި އޭނާގެ ފުރަތަމަ ލަނޑަކީ ވެސް އަޖައިބުން ފުރިފައިވާ ގޯލެކެވެ. “ރެބޯނާ ކިކް”ގެ ނަން ދެވިފައިވާ މި އުކުޅަކީ ސްޕީޑްގައި ދުވަމުން ދާއިރު ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ވަސްކުއެޒް ވަނީ އޭނާގެ ކަނާތު ފައިގެ ފަހަތުން ވައަތު ފައި ވިއްދާފައި، ވައަތު ފައިން ޖަހާ، ގޯލުގެ ދާގަނޑުގައި ބޯޅަ ތަތްކޮށްލައިފައެވެ.

ލީގު މެޗެއް ވިޔަސް ނޫނީ އޮލިމްޕިކްސްގައި ކަމަށް ވިޔަސް ނުވަތަ ވޯލްޑް ކަޕްގައި ނަމަވެސް، ފުޓުބޯޅަ މެޗެއްގެ ހިތްގައިމު ކަމަކީ އެ މެޗު ކުޅޭ ގޮތެވެ.

ކުޅުންތެރިން ކުރާ ހިތްވަރާއި ދައްކާ ހުނަރުތަކުގެ ސަބަބުން އެތައް ފަހަރަކު ތަކުރާރުކޮށް ވެސް އެ މެޗުތަކާއި އެ ގޯލްތައް ބަލާހިތްވެއެވެ. އެ ގޮތުން ޗެލްސީ އާއި ބާސެނޯލާ ބައްދަލު ކުރި މެޗެއްގައި ލަމްޕާޑް ދެއްކި ހުނަރުތަކަކީ އަދިއަދަށް ދާން ދެން ވެސް މީހުން ހައިރާންކޮށްލި ކުޅަދާނަ ކަމެކެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި އެތައް އުކުޅުތަކެއް ދައްކައި، ގޯލް ކާމިޔާބު ކުރި ގޮތެވެ. އޭނާއަށް ބޯޅަ ޕާސް ކުރުމުން، އެ ކޮންޓްރޯލްކޮށް، ގޯލް ރޮނގު ހުރަސް ނުކޮށް، އިދިކޮޅު ޑިފެންޑަރެއްގެ ހަމަލައަކުން ރެކެން ވެގެން 360 ޑިގްރީއަށް އެނބުރި، ބޯޅަ ކުރިއަށް ފޮނުވާލުމަށް ފަހު، ދުވެފައި ގޮސް ކުރި ހޯދައި، 9 ފޫޓު މަތިން ބޯޅަ ފޮނުވާލައި، ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި މަންޒަރަކީ މިހާރު ވެސް ބަލާ ފޫހި ނުވާ ލަނޑެކެވެ.

އިނގިރޭސި ވިލާތުގެ ޑޭވިޑް ބެކަމް އަކީ ފްރީ ކިކް ޖެހުމުގައި ދެވަނައެއް ނެތް މީހެކެވެ. ނަމަވެސް ބްރެޒިލް އާއި ސްޕެއިނަށް ވެސް ނިސްބަތްވާ ރޮބާޓޯ ކާލޮސްގެ “ކާވް”ތައް މާ ނުރައްކާ ކަމަށާއި އުނދަގޫ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ބްރެޒިލް 1998 ގެ ވޯލްޑް ކަޕްގައިި ބަލިވުމުގެ އެއް އަހަރު ކުރިން 1997 ގައި ފްރާންސާ ދެކޮޅަށް ކާލޯސް ސާޅީހަކަށް ފޫޓު ދުރުން ފޮނުވާލި ބޯޅަ ފުރަތަމަ ހީވީ ގޯލްގެ ދަނޑީގެ އަރިމަތިން ބޭރުވަނީ ހެންނެވެ. ނަމަވެސް އެންމެ ފަހު ވަގުތު ބޯޅަ “އެނބުރިގަތްފައި” ވަނީ ގޯލްގެ ތެރެއަށެވެ!

“ބައިސިކަލް ކިކް” އަކީ ވެސް ވަރަށް ހުނަރުވެރި، އަދި ބެލެންސް ރަނގަޅު ނޫން ކުޅުންތެރިންނަށް ނޫނީ ފުރިހަމަ ނުކުރެވޭ އުކުޅެކެވެ. މި އުކުޅު ބޭނުންކޮށްގެން ޖެހި އެންމެ މޮޅު ގޯލްގެ ވެރިޔަކީ ބްރެޒިލްގެ ރިވާލްޑޯއެވެ. ސްޕައިން ލީގުގައި ވެލެންސިޔާ 3  2 އިން ބަލި ކުރި މެޗުގައި ރިވާލްޑޯއަށް ބޯޅަ ލިބުމުން، ވަރަށް ހަމަޖެހިލާފައި މެއިން ކޮންޓްރޯލް ކުރުމަށް ފަހު، ފުއްމައިގެން އަރައި، ވައަތު ފައިން “އިދިފުށަށް” ވަނީ ގޯލްގެ ތެރެއަށް ވަރަށް ބާރަށް ބޯޅަ ފޮނުވާލައިފައެވެ. އަދި އެ ލަނޑު ޖެހީ އެންމެ ފަހު ވަގުތު 90 ވަނަ މިނެޓުގައި ކަމުން ދަނޑު ކެކިއެރިއެވެ. މިއީ މިހާތަނަށް ފުޓުބޯޅަ މެޗެއް އެންމެ ފޯރިގަދަވާން ދިމާވި ލަނޑު ވެސް މެއެވެ. ރިވާލްޑޯގެ މި ހެޓްރިކުން ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވިއެވެ.

ފަހަރެއްގައި އެންމެ މޮޅު އުކުޅުތައް އީޖާދު ކުރި މީހަކީ ނެދަލެންޑްސްގެ ޔޮހާން ކްރަޔަފް ކަމަށް ވެދާނެއެވެ. ޕެލޭ އާއި އިޓަލީގެ މިޝޭލް ޕްލެޓިނީ ފަދަ ފުޓުބޯޅައިގެ “ބޮނޑުން”ނާ އެއް ސަފެއްގައި ގުނާލެވޭ ކްރަޔަފް މަޝްހޫރު ވެގެން ދިޔައީ 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭނާގެ އެންމެ މޮޅު ގޯލް ކަމަށް ބެލެވެނީ ނެދަލެންޑްސްގެ ލީގުގައި 2 ޖެނުއަރީ 1972 ގައި އަޑޯ ޑެން ހާގް އާ ދެކޮޅަށް އަޔެކްސް ކުޅުނު މެޗުގައި ޖެހި “ޓޫ ޓަޗް” ގޯލެވެ. އޭނާ އަށް ކުރި ދިގު ޕާސް ކޮންޓްރޯލް ކުރުމަށް ފަހު، ޑިފެންޑަރަކަށް އަތު ނުޖެހޭނެ ހިސާބަކަށް ބޯޅަ ފޮނުވާލާފައި، ބޯޅައާ އަލުން އަރާ ހަމަ ކުރުމަށް ފަހު، ގޯލްކީޕަރަށް ވެސް އަތު ނުޖެހޭނެ ހިސާބުން ގޯލްގެ ތެރެއަށް ވައްދާލި ބޯޅައަކީ “ޖާދުލެއް”ގެ ސިފައިގައި އަދިވެސް ގިނަ ބަޔަކު ފާހަގަ ކުރާ ގޯލެކެވެ. ގޯލެއް “ޕާފެކްޓް” ނުވަތަ އެންމެ ފުރިހަމަ ކަމަށް ބެލެވޭނީ މިހާކަންހާ ވަރަށެވެ.

Baggio-1994

އާޖެންޓީނާގެ ރޮޑްރިގުއެޒް ވެސް މިފަދަ އެވެ. ބައެއް ފަހަރަށް މެޗެއް ކާމިޔާބު ކޮށްދެނީ އެންމެ މަޝްހޫރުކަން ގަދަ ތަރިންނެއް ނޫނެވެ. ނަމަވެސް “ދެވަނަ ދަރަޖައިގެ” ކުޅުންތެރިން ކަމަށް ބެލެވޭ ކުޅުންތެރިންނެވެ. އެގޮތުން 2006 ގެ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދިޔައީ، މެކްސިކޯ އާ ދެކޮޅަށް ކުޅުނު މެެޗުގައި، އިތުރު ވަގުތުގައި، އޭނާއަށް ދުރުން ކުރި ހުރަހެއް، މެއިން މަތަކޮށް، ލޭޒާ އައްޔެއްހާ ބާރު މިނުގައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން، 2-1 އިން އާޖެންޓީނާ މެޗު ކާމިޔާބުކޮށްގެންނެވެ. ފުޓުބޯޅައަކީ “އަންޕްރެޑިކްޓަބްލް” ނުވަތަ “ކުރިއަށް ގޮތް ކިޔަން ނޭނގޭ” ކުޅިވަރެއް ކަމަށް ބެލެވެނީ މިހެންވެއެވެ. ވަގުތާއި ހާލަތް ނިޔާ ކުރާ ގޮތުން ހަމަ ކޮންމެ މީހަކަށް ވެސް އާދަޔާ ޚިލާފު ހުނަރުތައް ދައްކާލަން ފުރުސަތު ލިބޭތީއެވެ. ދުނިޔޭގެ އެންމެ ގިނަ މީހުންނަށް ކަމުދާ ކުޅިވަރަކަށް ފުޓުބޯޅަ ވެގެން ދިޔައީ ވެސް މިހެންވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.