ސެޓާންގެ ހަނދެއްގައި ޕެޓްރޯލް ކަނޑުތަކެއް

titans
ސެޓާން ގެ ހަނދެއް ކަމަށްވާ ޓައިޓަން- ފޮޓޯ ނާސާ

އަހަރެމެންގެ މި ދުނިޔޭގައިވާ ތެލުގެ މުއްސަނދިކަން ކުރިއަތް އޮތް 100 ވަރަކަށް އަހަރުގެ ތެރޭގައި ނެތިގެންދާނެ ކަމަށް ބައެއް ސައިންސްވެރިން އަންދާޒާ ކުރެއެވެ. ތެލާއި ބޯޓުދެލީގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ތަރައްގީ ކުރަން އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކުން މިހާރު އެހާބޮޑު ސަމާލުކަމެއް ދެނީ މިހެންވެއެވެ.

 ދުނިޔޭގެ އާބާދީ މިހާރު 7 ބިލިއަނަށް ވުރެ އިތުރުވެފައިވާއިރު، މި އަދަދުގެ އިންސާނުންނަށް ބޭނުންވާ ވަރަށް ހަކަތަ މި މުއްދަތުގެ ތެރޭގައި ނުއުފެދިއްޖެ ނަމަ، ދެން އެންމެ ކައިރީގައި ތެލުގެ މުއްސަނދިކަން އޮތީ، އަހަރެމެންގެ މި ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ ދެވަނައަށް އެންމެ ބޮޑު ބިން ނުވަތަ ޕްލެނެޓް ކަމަށްވާ ސެޓާންގެ ހަނދެއް ކަމަށްވާ ޓައިޓަން ގައެވެ. ޖޭމްސް ކެމެރުންގެ މޮޅު ތްރީޑީ ފިލްމް “އެވަޓާ”ގައި ދައްކުވައިދޭ ފަދައިން ކޮންމެވެސް ޒަމާނެއްގައި އަހަރެމެން އިންސާނުންނަށް ހަކަތަ ހޯދަން އެ ހަނދަށް ދާން ޖެހުމަކީ، އެހެންކަމުން، އެކަށީގެންވާ ކަމެކެވެ.

ނަމަވެސް މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޓައިޓަން އަކީ ދުނިޔެއާ ބައި ބިލިއަން މޭލެއްހާ ދުރުގައިވާ ހަނދެކެވެ. ބޮއިންގް މަތިންދާބޯޓެއްގެ ދުވެލީގައި ދާ ނަމަ، 100 އަށް ވުރެ ގިނަ އަހަރުގެ ދަތުރެއް ކުރަން ޖެހެއެވެ. ބަޑިއަކުން ޖަހާ ވަޒަނަކަށް ވުރެ އެތައް ގުނައެއް ބާރުމިނުގައި ދަތުރު ކުރާ ކުޑަ ޖައްވީ އުޅަނދަކަށް ވެސް 6 އަހަރަށް ވުރެ ގިނަ ދުވަހުގެ ރާސްތާއެއް ކަޑައްތު ކުރަން ޖެހެއެވެ. އެހެންކަމުން ޓައިޓަންގެ ފޮރުވިފައިވާ ސިއްރުތައް ހޯދުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ވަނީ މީގެ އަހަރުތަކެއް ކުރިން ހައިގަންސް ނަމަކަށް ކިޔާ މި ފަދަ އުޅަނދެއް އެ ހަނދަށް ފޮނުވާލައިފައެވެ.

 ޓައިޓަން އަށް ޖެއްސުމަށް ފަހު ހައިގަންސް ފޮނުވި ފުރަތަމަ ފޮޓޯތަކުން ސައިންސްވެރިންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ޓައިޓަންގައި ވަރަށް ދުނިޔެއާ އެއްގޮތް ސިފަތަކެއް ހުއްޓެވެ. އެގޮތުން އެ ހަނދުގައި ޖައްވެއް ވެއެވެ. ވިލާ ހުރެއެވެ. ގުގުރާ ވިދައެވެ. ނަމަވެސް ސައިންސްވެރިން އަންތަރީޒުވީ ޓައިޓަންގައިވާ ކަނޑުތަކާއި ކޯރުތަކާއި ވެޔޮތަކުގައި ފެނާއި ލޮނުގެ ބަދަލުގައި ޕެޓްރޯލް ހުރުމުންނެވެ! އަދި މި ޕެޓްރޯލް ކަނޑުތަކަކީ ދުނިޔޭގައި މިހާރު ހުރި ތެލުގެ ރިޒާވްތަކަށް ވުރެ އެތައް ސަތޭކަ ގުނަ އިތުރު ސްޓޮކެއް ކަމަށް ވެއެވެ.

 ސައިންސްވެރިން އެހެންކަމުން މިހާރު ވިސްނަމުން އަންނަނީ “އެވަޓާ”ގައި ފަދައިން ޓައިޓަންގައި އިންސާނުންނަށް އުޅެވޭ ކަހަލަ “ކޮލޮނީ”އެއް ހަދާށެވެ. މިކަމުގައި އަދި އެހެން ބޭނުމެއް ވެސް ވެއެވެ. ދުނިޔެ ހޫނުވަމުން ގޮސް އަހަރެމެންގެ މި ބިމަކީ އިންސާނުން އުޅެން އެކަށީގެން ނުވާ ތަނަކަށް ވެއްޖެ ހިނދެއްގައި، މި ދުނިޔެ ދޫކޮށް، ހުރިހާ އިންސާނުން ޓައިޓަން އަށް ހިޖުރަ ކުރުމަށެވެ.

 ނަމަވެސް މި ވަގުތު ޓައިޓަންގެ ހާލަތު ހުރި ގޮތުން މިއީ ވަރަށް ފަހުގެ ތާރީޚެއްގައި ކުރަން ޖެހިދާނެ ކަމެއް ކަމަށް ބެލެވެއެވެ. ސެޓާން އަހަރެމެންގެ އިރުގެ ވަށައިގެން ދައުރުވަމުން އަންނަ ބުރު ނުވަތަ އޯބިޓް، އިރާ ގާތްވެ، އިންސާނުންނާއި އެހެނިހެން މަޚްލޫގުތައް ދިރިއުޅެން އެކަށީގެންވާ މިންވަރަކަށް ޓައިޓަންގެ ހޫނުމިން މައްޗަށް ދަންދެނެވެ. ސަބަބަކީ ޓައިޓަންގެ ހޫނު މިން މިހާރު އުޅެނީ މައިނަސް 300 ޑިގްރީ ސެލްސިއަސް ގައެވެ.

 އެހެންކަމުން މިއީ ވަރަށް މަދު ބާވަތެއްގެ ދިރޭ އެއްޗަކަށް ނޫނީ ނޫޅެވޭނެ ފަދަ ގަދަ ފިނިކަމެކެވެ. ހައިގަންސް ފޮނުވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދުނިޔެ ފަދައިން ޓައިޓަންގެ ފަސްގަނޑުގައި ވެސް ވަނީ ދިރޭ މަޚުލޫގު އުފެދުމަށް އެކަށީގެންވާ ކާބަން ފަދަ މާއްދާތަކެވެ. އެހެންކަމުން ކޮންމެވެސް ބާވަތެއްގެ ދިރޭތަކެތި މިހާރު ވެސް އުޅެފާނެ ކަމަށް ޝައްކު ކުރެވޭއިރު، ފަހުގެ ތާރީޚެއްގައި ސެޓާންގެ އޯބިޓް ބަދަލުވެ، ޓައިޓަންގެ ހޫނުމިން މައްޗަށް ގޮސްފި ނަމަ، އިންސާނުންނާއި އެހެނިހެން ދިރޭސޫފި އުޅެން ދުނިޔެ ނަގާފައި އެންމެ އެކަށީގެންވާ ބިމަކީ ޓައިޓަން ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.