ގޮއިދޫ: ބީވެގެން ގޮސްފައިވާ ހިތްގައިމު މާޒީއެއްގެ ފޮނި ހަނދާންތައް

Baa goidhoo
ބ. ގޮއިދޫ

[ލިޔުނި؛ ހުސައިން ފިޒާހް. ހުސައިން ފިޒާހް އަކީ ސޭންޑްކޭސް ޕްރައިވެޓް ލިމިޓެޑްގެ ތިމާވެއްޓާ ބެހޭ ބައިގެ ޑައިރެކްޓަރެވެ. ތިމާވެށީގެ ސައިންސްއިން ބެޗްލާސް ޑިގްރީއެއް އޭނާ ނެގީ ސިންގަޕޫރުގެ ޖޭމްސް ކުކް ޔުނިވާސިޓީންނެވެ.]

ހިއްސުތަކަށް ދެނެގަނެވޭ އެއްޗެހިތައް ވެއެވެ. ނަމަވެސް އެ ތަކެތީގެ އަގު ކުރަން ތިމާ ނުކުޅެދުންތެރި ވެދާނެއެވެ. އެއްޗެއްގެ އަގު އެނގެނީ އެ އެއްޗެއް ގެއްލިގެން ދިޔުމުން ކަމަށް ވާތީ އެވެ. މީގެ 13 އަހަރު ކުރިއާ ޖެހެންދެން އަހަރެންނަށް ވަނީ ސީދާ ސާދާ ރަށެއްގެ މުޖުތަމައުގައި ދިރިއުޅުމުގެ ނަސީބު ލިބިފައެވެ. ނަމަވެސް އެއީ ކިހާ ޚާއްސަ އުފަލެއް ކަމާއި ތަޖުރިބާއެއްކަން އަހަރެންނަކަށް އެއިރު ވިސްނައެއް ނުގަނެވެއެވެ. ނަމަވެސް މިއަދު އެ ކަމާ މެދު ވިސްނާލައިފި ނަމަ، އެ ދިރިއުޅުމަށް އަނބުރާ އިއާދަ ވާން އަހަރެން ނުދޭނީ ކޮން އެއްޗެއް ހެއްޔެވެ؟

އެއިރު ބ. ގޮއިދޫގެ އާބާދީގައި 500 ވެސް ހަމައެއް ނުވެއެވެ. މީގެ މާނަ އަކީ ކޮންމެ މީހަކު އެކަކު އަނެކަކަށް އެނގުމެވެ. އިޖުތިމާއީ މާ ބޮޑު ފަރަގުތަކެއް ނެތެވެ. ހުރިހާ އެންމެން ވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައީ ވަރަށް ހިތްހަމަޖެހިލައިގެން ކަންތައްތަކާ ހާސްވުމެއް ނެތިއެވެ.

ހުސް ވަގުތުތަކުގައި ގޮއިދޫ ރައްޔިތުން އެ މީހުންގެ ތިމާގެ މީހުންނަށް ޒިޔާރަތް ކުރާނެއެވެ. ނޫނީ ގޮނޑުދޮށުގައި ހިނގާލަން ދާނެއެވެ. އެއިރު އެއްވެސް އެއްގަމު އުޅަނދެއް ރަށަކު ނެތެވެ. އެންމެ ކުޑަ މިނުން ސައިކަލެއް ވެސް ނުހުރެއެވެ. މިހެންވެ، މިއީ މަޑުމައިތިރި ހަމަހިމޭން އަމާން ދިރިއުޅުމޭ ބުނުމަކީ އާދަޔާ ޚިލާފު ކަމަކަށް ނުވާނެއެވެ.

ވީޑިއޯ ގޭމްތަކާއި ކޮމްޕިއުޓަރުތައް ނެތް ޒަމާނެއްގައި ކުޑަކުދިންގެ ގޮތުގައި އަހަރެމެންނަށް ވަގުތު އޮންނަނީ ގިނަވެފައެވެ. ރަށުތެރެ ބަލައި އާ ތަންތަން ދެކެލުމަކީ އުފަލަކަށް ވަނީ ވެފައެވެ. މުޅި ރަށުގެ ނިސްބަތުން 30 ޕަސެންޓް ކަމަށްވާ ކަނޑޫފާތަކުގައި ކުޅެން އުޅެ، މޭވާ ބިނުމުގައި އަހަރެމެން ވަގުތުތައް ހޭދަ ކުރީމެވެ.

ދެން އޮތީ ގޮނޑުދޮށުގެ ވާހަކައެވެ! އާބާދީ ކުޑަ ނަމަވެސް ގޮއިދޫ އަކީ ރާއްޖޭގެ ނިސްބަތުން ކުޑަ ރަށެއް ނޫނެވެ. މީހުން ދިރިއުޅެމުން ދިޔައީ ރަށުގެ މެދުތެރޭގައެވެ. އެއީ މުޅި ރަށުގެ ސަރަހައްދުގެ ފަސް ބައި ކުޅަ އެއް ބަޔަށް ވުރެ ވެސް ކުޑަ ސަރަހައްދެއްގައެވެ. މީގެ މާނައަކީ ގޮނޑުދޮށުގެ ބޮޑު ބައެއް އޮތީ އިންސާނުންނާ އެކަހެރި ވެފައި ކަމެވެ. މުޅި ހޭޅިފަށުގައި ވަނީ ފެހިކަން ގަދަ ގަސްގަހާގެއްސެވެ. އާއިލާއާއެކު ޕިކްނިކެއް ހަދާލަން ހަމަ އެންމެ ފުރިހަމައެވެ!

އަހަރެންގެ ކުޑަކުޑަ އާއިލާއިން ކޮންމެ އަހަރަކު ވެސް އެއް ފަހަރު ގޮނޑުދޮށުގައި ޕިކްނިކް ހަދާލަމެވެ. ބީޗްގައި ހުރެ އަހަރެންގެ ބައްޕަ މަސް ބާނާނެ އެވެ. ކައިރީގައި ހުންނަ ގަސްތަކަށް އަރަމުން އަހަރެން އުޅުނީމެވެ. އަދި އެއްބަނޑު އެއްބަފާ ދެބެން ވެގެން ގޮނޑުދޮށުގައި ކުޅެ ހަދަމެވެ. މަންމަގެ ފުރިހަމަ ސަމާލުކަމުގެ ދަށުގައެވެ.

ހޫނު މާ ގަދަ ވުމުން އަހަރެމެން މޫދަށް އެރެމެވެ. އަދި ގެއަށް އެނބުރި ދަނީ އިރު އޮއްސުމަށް ފަހު އެވެ. މިއީ އަހަރެންގެ އެންމެ ކުރީ ހަނދާންތަކުގައި އަހަރެމެންގެ ސަގާފަތް އޮތް ގޮތެވެ. ހަގީގަތުގައި އަހަރެންގެ އެންމެ ކުޑައިރުގެ ހަނދާނަކީ އަހަރެންގެ އާއިލާއާއެކު ގޮއިދޫގެ ގޮނޑުދޮށްތަކުގައި އުޅޭ ހަނދާނެވެ.

މި އުފާވެރިކަން ދިގުދެމިގެނެއް ނުދެއެވެ. ފެންވަރު ރަނގަޅު ތައުލީމެއް ހޯދުމަށްޓަކައި އެންމެ ކައިރީގައި އޮތް ‘ސިޓީ’ ނުވަތަ ‘ސަހަރު’ ކަމަށްވާ ހދ. ކުޅުދުއްފުއްޓަށް އަހަރެންގެ އުމުރުން އެންމެ 11 އަހަރުގައި ހިޖުރަ ކުރަން ޖެހުނެވެ. އެއަށް ފަހު ޖެހިގެން އައި 10 ވަރަކަށް އަހަރުގެ ތެރޭގައި އަހަރެން އެނބުރި ގޮއިދޫއަކަށް ނުދަމެވެ.

ނަމަވެސް އެނބުރި އައުމުން، އަހަރެންނަށް ފެނުނީ ކުޑައިރު އަހަރެންގެ ސިކުނޑީގައި ބިންވަޅު ނެގުނު ކަންތައްތަކާ މުޅިން ތަފާތު މަންޒަރުތަކެކެވެ.

ކުރިން ހާސްކަމެއް ނެތި އުޅުނު ރަށްވެހިން އުޅެމުން އައީ އެކިއެކި ކަންތައްތަކުގައި އަވަދިނެތި މާ ‘ބިޒީ’ކޮންނެވެ. މަގުމަތިން ކުޑަކުދިންނެއް ނުފެނެއެވެ. އެކުދިން މަސްއޫލު ވެގެން އުޅެނީ ކޮމްޕިއުޓަރާއި ވީޑިއޯ ގޭމްތައް ކުޅުމުގައެވެ.

އެންމެ ބޮޑަށް އަޅައިގަތީ ހުރިހާ ދިމާއަކުން ސައިކަލުތައް ފެންނާތީއެވެ!

އަހަރެންގެ ދުން އަރަމުން ދިޔަ ބޮލަށް ފިނިކަމެއް ގެނައުމަށްޓަކައި އަހަރެން ދިޔައީ ކުރިން އަހަރެންނާއި އަހަރެންގެ އާއިލާއިން ޕިކްނިކް ބާއްވާ ސަރަހައްދަކަށެވެ. ނަސީބަކުން އެތަން އަދިވެސް އޮތީ އަހަރެންގެ ހަނދާނުގައިވާ ހަމަ އެ ގޮތަށެވެ.

ނަމަވެސް ތަނުގެ ‘ލޭންޑްސްކޭޕް’ އަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަހަރެން ކުރިން މޫދަށް އެރި އުޅުނު ތަނުގައި މިހާރު ހުރީ ގަހެކެވެ! ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރަށުގެ ސައިޒް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ގޮނޑުދޮށް މިހާރު ބުރަވަމުން ދަނީ ކަނޑާ ދިމާއަށެވެ. ނަމަވެސް އެ ގޮނޑުދޮށުގެ ހިތްގައިމު ރީތި ދައުވަތު ދިނުން އަދިވެސް ދެމިހުއްޓެވެ.

ގޮއިދޫ ރަށްވެހިންގެ ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ. އަދުގެ ޖީލުގެ ނަޒަރުގައި ހިތްހަމަޖެހުމަކީ ރަށުގައި ހުންނަ ކަޑަތަކުގައި ހިތި ކަޅު ކޮފީ ބޮމުން، ދުންފަތް ދަމަމުން އެ ކުދިންގެ ސްމާޓް ފޯންތަކާ ކުޅުމެވެ. ރަށު ތެރެ ބަލައި ހޯދުމުގެ ބަދަލުގައި ކުޑަކުދިން މިއަދު ވަގުތު ހޭދަ ކުރަނީ ގޭތެރޭގައި ސްކްރީނެއްގެ ކުރިމަތީގައި ލޯ ވިއްދައިގެންނެވެ.

ކުރިން އެއްވެސް ހާސްކަމެއް ނެތި ދިރިއުޅެމުން އައި ރަށުގެ ހަރު މީހުންގެ ހަޔާތް މިއަދު ބަދަލު ވެފައި ވަނީ ހުއްޓުމެއް ނެތް ހޫނު ސިޔާސީ ބަހުސްތަކަކަށެވެ.

ގޮއިދޫގެ ރީތިކަމާއި ވާތައް އަދިވެސް ގެއްލިގެން ނުދެއެވެ. ނަމަވެސް މުޅި މުޖުތަމައު ވަނީ ބަދަލުވެފައެވެ. އަމާންކަމާއި ހަމަހިމޭންކަމުގައި ދިރިއުޅުމުގެ ދުވަސްތައް ފާއިތު ކުރުމުގެ ބަދަލުގައި އެ މީހުން މިހާރު ބޭނުންވާ ކަމަށް ބެލެވެނީ ‘ސިޓީ’އެއްގެ ހަލަބޮލިކަން ކަމަށް ފެނެއެވެ. ތަރައްގީގެ “އަގަކީ” ހަގީގަތުގައި މިއީ ކަންނޭނގެއެވެ. ހަޔާތް އުފަލުގައި އުޅެން ގޮއިދޫ ރަށްވެހިން އަލުން ފަށާނީ ކޮން އިރަކުން ބާވައޭ އަހަރެންގެ ހިތަށް އަރައެވެ. މިހާރު ލިބިފައި މިވާ އަގު ނުކުރެވޭ ރީތި ކަމާއި ސާދާ ކަން އަލުން ބަލައިގަނެ، މި އަޖައިބުން ފުރިފައިވާ މާހައުލާއި ދިރިއުޅުން ސުންނާފަތިކޮށް ނުލުމަށް އެ މީހުން އަލުން އެދެން ފަށާނީ ކޮން އިރަކުން ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.