
އިންޓަ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް އޭދަފުށީ ޕޮލިސް ޓީމާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެފްސީ ގުރެޖުއޭޓް ހިގައްޖެ އެވެ.
ބެއޯމީ އަތުން 4-1 އިން މޮޅުވެ އޭދަފުށީ ޕޮލިސް އިއްޔެ ހަވީރު ފައިނަލަށް ދަތުރުކުރިއިރު އެންމެ ފަހުގެ ޗެމްޕިއަން ބ. އަތޮޅު ތައުލީމީ މަރުކަޒު ދިޔައީ މިދިޔަ އަހަރު ފައިނަލުގައި ކުޅުނު ހުށިޔާރު އަތުން 2-1 އިން މޮޅުވެގެންނެވެ.
ޕޮލިހާއި ބެއޯމީ ކުޅުނު މެޗުގައި ސިމާން ސައީދު ތިން ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ ހުސައިން ފާސިރު އެވެ. ބެއޯމީ އަށް ލަނޑު ޖަހައިދިނީ އިޝާން އިބްރާހީމު އެވެ.
ސެމީގެ ދެަވަނަ މެޗުގެ ފަހު ހާފު ފެށިތަނާ ހުށިޔާރު (ދިރާގު/ސްޓެލްކޯ/އެސްޓީއޯ) ޓީމުގެ އަބްދުﷲ ޒައީމް ލަނޑެއް ޖަހާފައި ވަނިކޮށް ތައުލީމީ މަރުކަޒުގެ މުހައްމަދު އިކްރާމް ވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިފަ އެވެ.
މުބާރާތުގެ ފައިނަލް އޮންނާނީ މިއަދު ހަވީރު 4:45 ގައެވެ.