ޗައިނާގެ ޓޫރިސްޓް މާކެޓް ރާއްޖެއަށް މުހިންމުވަނީ ކީއްވެ؟

statsin

ދިވެހި ރާއްޖޭގައި އަހަރެމެން މިދިޔަ އަހަރުވަނީ ފަތުރުވެރިކަމުގެ އާ މަރުހަލާއެއް ގިރާކޮށްފައެވެ. އާ ގައުމީ ރެކޯޑެއް ގާއިމު ކޮށްފައެވެ. އެއީ، އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ ފަޚުރެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި އެއް ގައުމުން އަނެއް ގައުމަށް ފަތުރުވެރިން ދަތުރުކުރި އަދަދު އެއް ބިލިއަނަށް ފުރަތަމަ ފަހަރަށް އެރީ 2012 ގައެވެ. އެއީ 2011 ގައި އެ އަދަދު 995 މިލިއަނަށް އެރުމަށް ފަހުއެވެ.

ބައިނަލްއަގުވާމީ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ، އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން ނުވަތަ ޑަބްލިޔު.ޓީ.އޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 ގައި ޓޫރިޒަމުން އެކި ގައުމުތަކަށް ލިބުނު ފައިސާގެ އަދަދު ވަނީ އެއް ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައިފައެވެ. އެއީ މުޅިއެކު 1075 ބިލިއަން ޑޮލަރެވެ.

ވަކިން ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވިގެން ދިޔައީ ދުނިޔޭގެ އާބާދީގައި ހިމެނޭ 7 ބިލިއަން މީހުންގެ ތެރެއިން އެއް ބިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ “ސީނު ކަރަ” ވަނީ 2012 ގައި ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިންގެ މާކެޓް އޮތް ގައުމު ކަމަށް ވެފައިވާ ކަމެވެ. އެގޮތުން ޗައިނާގެ ޓޫރިސްޓުން ވަނީ އެކި ގައުމުތަކަށް އެ އަހަރު ދަތުރުކޮށް އެ ގައުމުތަކަށް 102 ބިލިއަން ޑޮލަރު ވައްދައިދީފައެވެ.

އެ އަހަރު ޗައިނާއިން ބޭރަށް ދަތުރު ކުރި ޗައިނާގެ ޓޫރިސްޓުންގެ އަދަދު 83.1 މިލިއަނަށް އެރުމަށް ފަހު، މިދިޔަ 2013 ގައި އެ އަދަދު ވަނީ 97.3 މިލިއަނަށް އިތުރުވެފައެވެ.

މި ބޮޑު އަދަދުގެ ތެރެއިން ދިވެހި ރާއްޖޭގެ ހިތްގައިމު އޮމާން ދޮންވެލި ގޮނޑުދޮށްތަކަށް ގެނެވުނީ ޗައިނާގެ ކިތައް ފަތުރުވެރިން ހެއްޔެވެ؟ ހަގީގަތަށް ބަލާއިރު، ޗައިނާގެ ޓޫރިސްޓުންގެ ތެރެއިިން ރާއްޖެ ޒިޔާރަތް ކުރީ އެއް ޕަސެންޓަށް ވުރެ ވެސް މަދު ނިސްބަތެކެވެ. އެގޮތުން 2012 ގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޗައިނާގެ 229551 ފަތުރުވެރިންނަކީ، ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް އެ އަހަރު ދަތުރު ކުރި ޓޫރިސްޓުންގެ ނިސްބަތުގެ އެންމެ 0.28 އިންސައްތަ އެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ޗައިނާގެ 331719 ޓޫރިސްޓުންނަކީ 2013 ގައި ބައިނަލްއަގުވާމީ ދުނިޔޭގައި ރެކޯޑް ކުރެވުނު ޗައިނާގެ ފަތުރުވެރިންގެ ތެރެއިން އެންމެ 0.34 ޕަސެންޓެވެ. އެހެންކަމުން، ޗައިނާގެ ބޮޑު ޓޫރިސްޓް މާކެޓްގެ ތެރެއިން އެއް ޕަސެންޓް ނަމަވެސް ރާއްޖެ ގެނެވިއްޖެއްޔާ އޭގެ މާނައަކީ ޗައިނާއިން އެކަނިވެސް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމެވެ. ސުވާލަކީ އެ އަމާޒުފަތްގަނޑަށް އަހަރެމެންނަށް ވާސިލު ވެވިދާނެ ހެއްޔެވެ؟

arrivlftވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ދަތުރުކުރި ޗައިނާގެ ޓޫރިސްޓުންގެ އަދަދުތަކަށް ބަލާއިރު، 2008 ގައި ރާއްޖެ ޒިޔާރަތް ކުރީ ޗައިނާގެ އެންމެ 41511 ޓޫރިސްޓުންނެވެ. ނަމަވެސް ޖެހިގެން އައި 2009 ވަނަ އަހަރުު އެ ނިސްބަތްވަނީ ކުއްލިއަކަށް 46 ޕަސެންޓްގެ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އަދި 2010 ނިމުނުއިރު އެ ނިސްބަތް ވަނީ 96 އިންސައްތައަށް އަރައި، 118961 ޗައިނާ ފަތުރުވެރިން ރާއްޖެއިން ރެކޯޑު ކޮށްފައެވެ.

މިއަދު ޗައިނާއަކީ ރާއްޖޭގެ އެއް ވަނަ ޓޫރިސްޓް މާކެޓެވެ. ޔޫރަޕްގެ ފަތުރުވެރިންގެ މާކެޓް ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

މިކަމުގައި ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސްއިން މުހިންމު ދައުރެއް އަދާކުރިއެވެ. މެގަ މޯލްޑިވްސްގައި ޗައިނާގެ ފަތުރުވެރިންގެ ތެރެއިން 35 ޕަސެންޓް ރާއްޖެ އަށް ޒިޔާރަތް ކުރެއެވެ. އަދި މިދިޔަ އަހަރު 95000 ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރީ މެގަ މޯލްޑިވްސްގެ މަގުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ އައިލެންޑް އޭވިއޭޝަނުން ހިންގާ ‘މޯލްޑިވިއަން’ ވެސް ވަނީ ޗައިނާއަށް ދަތުރުތައް ފަށައިފައެވެ. އެއީ ރާއްޖެ އާއި ޗައިނާ އާ ދޭތެރޭ އޮޕަރޭޓް ކުރާ ޗައިިނާގެ އަމިއްލަ އެއާލައިންތައް ކަމަށްވާ ‘ޗައިނާ އީސްޓަން’ ފަދަ އެއާލައިންތަކާއެކުއެވެ.

އެހެންކަމުން ޗައިނާގެ ފަތުރުވެރިންގެ މާކެޓް އިތުރުވަމުން އަންނައިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިކަމުގެ މަންފާ ކުރަނީ މި މުހިންމު މާކެޓަށް ވިސްނައިގެން ދިވެހި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ ވިޔަފާރި ސިޔާސަތުތައް ބަދަލުކޮށް، ބައްޓަން ކޮށްގެންނެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދެ ގުނަ މައްޗަށް ޖައްސައި، ރާއްޖޭގެ އިގުތިސާދަށް ބިލިއަނުން ބިލިއަނުން ޑޮލަރު “އޮހެން” ފަށާނީ، ޗައިނާގެ ފަތުރުވެރިންގެ މާކެޓްގައި ދިވެހި ރާއްޖެ ހިއްސާ ކުރާ މިންވަރު އިތުރު ކުރުމަށް އާ ވިސްނުންތަކަށް ޖާގަ ދީގެންނެވެ. އެ ގޮތުން ޗައިނާގެ ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ގޮތެއްގެ ލަދުދަނޑި ހާސިލު ކުރުމަށް މިހާރުއްސުރެ މަސައްކަތް ފެށުމަކީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާ ނާޒުކު ފައްތަރެއްގައިވާ ދަނޑިވަޅެއްގައި ނުކޮށް ނުވާނެ ކަމެކެވެ. މި އަމާޒުފަތްގަނޑަށް ވާސިލު ވެވިއްޖެ ނަމަ، ޓޫރިޒަމުން ރާއްޖެއަށް ލިބޭ އާމްދަނީ ދެގުނަ އިތުރުވެ، އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް އެކަމުގެ ލާބަ ލިބި، ދިރިއުޅުން ބާއްޖަވެރި ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.