ކްލަބް އޭދަފުށީގެ ކޯޗަކަށް ސާންތީ

އޭދަފުށީގެ ކޯޗަކަށް ހަމަޖެއްސި ސާންތީ.

ކްލަބް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިހުސާން އަބްދުލްގަނީ (ސާންތި) ހަމަޖައްސައިފި އެވެ. ކްލަބް އޭދަފުށި ޓީމާ ސާންތީ ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ސާންތީ ސޮއިކުރުން އޮތީ ރޭ އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. “އޭދަފުށި ނައިޓް” ގެ ނަމުގައި ބޭއްވި މި ހަފްލާގައި ސާންތީ ސޮއިކުރުމުގެ އިތުރުން ކްލަބްގެ ލަވަ އާއްމުކުރުމާއި، މި އަހަރުގެ އެ ކްލަބުން ބޭނުންކުރާނެ ޖާޒީ ދައްކާލުން ކުރިއަށްގެންދިޔަ އެވެ. މި ހަފްލާގައި 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ ވެސް ވަނީ ބައިވެރިވެފަ އެވެ.

މިއީ އަތޮޅުތެރޭގެ ޓީމެއްގެ ކޯޗުގެ ގޮތުގައި ސާންތީ ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ސާންތީ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ކްލަބް ލެވެލްގައި ސާންތީ ފެނުނީ އީގަލްސް އިންނެވެ. 2011 ވަނަ އަހަރު އީގަލްސްއާ ހަވާލުވުމަށް ފަހު 2017 ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނުމާއި ހަމައަށް އެ ޓީމުގައި ސާންތީ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. ހާއްސަގޮތެއްގައި ސާންތީ ފާހަގަކުރެވުނީ ޒުވާން ކުޅުންތެރިން އުފައްދައި ވަކި ސްޓައިލަކަށް އީގަލްސް ބައްޓަން ކުރުމުގެ މޭސްތިރިޔާގެ ގޮތުގަ އެވެ. ސާންތީގެ ކޯޗުކަމުގައި އީގަލްސް ވަނީ ތިން ފައިނަލުގައި ކުޅެފަ އެވެ. އެފްއޭ ކަޕް ފައިނަލާއި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ބަލިވި ނަމަވެސް 2016 ވަނަ އަހަރު ސާންތީ ވަނީ އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ.

އީގަލްސްގެ ކޯޗުކަން ސާންތީ ދޫކޮށްލީ 2017 ވަނަ އަހަރުގެ ދިވެހި ލީގުގެ ގަދަ ހަތަރަކުން އެޓީމަށް ފުރުސަތު ނުލިބުމުންނެވެ. އެއަށްފަހު ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ 2017 ވަނަ އަހަރު ހަވާލުވެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެފްއޭއެމާ ގުޅުމަށް ފަހު ސާންތީ ވަނީ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ. ސާންތީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ވަކިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކްލަބް އޭދަފުއްޓާއެކު ސާންތީ ކުރާނެ އެންމެ ބޮޑު ރޯލަކަށް ވަނީ ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމުގެ މަސައްކަތެވެ. މިކަމަށް ހާއްސަކޮށް އުމުފުރާތަކަށް އެލީޓް ޕްރޮގްރާމްތަކެއް އަހަރުގެ ތެރޭގައި ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތްތަކަށް ކްލަބް އޭދަފުށި ނުކުންނާނީ ސާންތީގެ އިރުޝާދުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި މި އަހަރުގެ އެފްއޭ ކަޕްގައި ކްލަބް އޭދަފުށިން ބައިވެރިވާން ވަނީ ނިންމައިފަ އެވެ. އަދި، ޖަޒީރާ ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ވެސް އެ ކްލަބުން އަންނަނީ ކުރަމުންނެވެ. މީގެ ދެ އަހަރު ކުރިން ވުޖޫދުވި ކްލަބް އޭދަފުށި ވަނީ މިދިޔަ އަހަރު އޮތް އެފްއޭއެމް ޔޫތު ފުޓްބޯޅަ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އަދި، މި އަހަރު އޮންނަ މުބާރާތްތަކަށް ތައްޔާރުވުމަށް ރަނގަޅު ފެންވަރުގެ ތަމްރީނު ސާމާނުތައް ވެސް އެ ކްލަބުން މިހާރު ވަނީ ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.