ދަރިފުޅު ބަސްއަހާ ކުއްޖަކަށް ހެދުމަށްޓަކައި ކުރެވިދާނެ ކަންތައްތައް

ކުދިންނަށް މަޑުމައިތިރިކަމާއެކު އިރުޝާދު ދޭށެވެ.

ކަންތައްތައް ކުރުމުގައި ކުދިންގެ އެއްބާރުލުން ހޯދުމަށްޓަކައި ކުދިންނާ މުޚާތަބު ކުރެވޭ ގޮތް ވަރަށް މުޙިންމެވެ. އެދެވޭ ގޮތަކަށް ކުދިންނާ މުޙާތަބު ކުރެވިއްޖެނަމަ އެދެވޭ ނަތީޖާއެއް ފެންނާނެއެވެ. ރުޅި އަތުވެއްޖެނަމަ ތިމާގެ ދަރިފުޅު ދެރަވެދާނެއެވެ. ރުޅިއަންނަކަން އިހްސާސް ކުރެވިއްޖެނަމަ ކުއްޖާއާ ވާހަކަ ދެއްކުމުގެ ކުރިން ހަމަޖެހިލުމަށް ވަގުތުކޮޅެއް ނަގާށެވެ. ފުންކޮށް ނޭވާލުން ނުވަތަ ހުރިތަނަކުން ދުރަށްޖެހިލުން ރަގަޅުވާނެއެވެ. ޢަމަލު ކުރުމުގެ ކުރިން އޭގެ ނަތީޖާއާމެދު ވިސްނާށެވެ.

ކުއްޖާއާ ވާހަކަ ދައްކާއިރު ގާތްވެލުމަށްފަހު އޭނާއާ އެއްވަރަށް ތިރިވެލާ އަދި ހަތަރުކަޅި ހަމަކޮށްލުމައް ފަހު އޭނާގެ ނަން ބޭނުންކޮށްގެން ވާހަކަދެއްކުން ވަރަށް މުހިއްމެވެ.މިސާލު: ” ޝީޒާ! މިހާރު އެހެރަ މާމަ ގެއަށްދާ ގަޑި ޖެހުނީ ކުޅޭ އެއްޗިހިތައް ވަށިގަނޑަށް އަޅަންވީނުދޯ؟ ” މިގޮތަށް ކުއްޖާ ލައްވައި ކަމެއް ކުރުވާނަމަ ކުރަން ހަވާލުކުރި މަސައްކަތް ކުރޭތޯ ބަލަން އިރުކޮޅަކު ކައިރީގައި މަޑުކޮށްލާށެވެ. އަދި ބުނެފައިވާ ގޮތަށް ކަންތައް ކުރަން ފެށުމުން ތައުރީފްކޮށް ހިތްވަރުދޭށެވެ. މިސާލަކަށް: ” ހާދަ ރަގަޅޭ. ކުޅޭ އެއްޗިހިތައް ވަށިގަނޑަށް އަޅާ ނިމެނީދޯ. ” މިފަދަ އިބާރާތްތަކުން ކުއްޖާއާއި މުހާތަބް ކުރެވިދާނެއެވެ.

ބައެއް ބެލެނިވެރިން ކުދިންނަށް ބިރުދައްކައިގެން ނުވަތަ ކުދިން ޖެހިލުންވާފަދަ ހަރުކަށި އިބާރާތްތައް ބޭނުންކޮށްގެން އެކުދިން ލައްވާ ކަންތައްތައް ކުރުމަށް މަސައްކަތް ކުރެއެވެ. އަދި ބައެއްފަހަރަށް ކުދިން އެކަމަށް އިޖާބަދީ އެކުދިންގާތު ބުނާކަމެއް ފުރިހަމަވެސް ކުރެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ އެއްކަމަކީ އެކުދިން ގިނަފަހަރަށް އެކަން ކުރަނީ ހަމައެކަނި ބެލެނިވެރިޔާދެކެ ގަންނަ ބިރަށްޓަކައެވެ. އޭގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތުގެ ހަޤީޤީ މަޤްސަދު ގެއްލިގެން ދެއެވެ. މިސާލަކަށް ކުއްޖަކު ފިލާވަޅު ދަސްކުރަނީ ހަމައެކަނި އޭނާގެ މަންމަ ނުވަތަ ބައްޕަ އެއްޗެތި ގޮވާފާނެތީ ކަމަށްވާނަމަ ކިއެވުމުން ކުއްޖާއަށް ހާސިލްވާންވީ ހަޤީޤީ ފައިދާ އެކުއްޖަކަށް ހާސިލެއް ނުވާނެއެވެ. އޭރުން އެކަން ވާނީ ހަމައެކަނި އޭނާގެ މައިންބަފައިންނަށް ކޮށްދޭކަމަކަށެވެ. އޭގެ ބަދަލުގައި ކުއްޖާއަށް މަޑުމައިތިރިކަމާއެކު ކިޔެވުމުގެ ހަޤީޤީ ބޭނުން ވިސްނައިދީގެން ކުއްޖާ އަމިއްލައަށް އެކަން ގަބޫލުކޮށްގެން ކުރާނަމަ އޭގެ ފައިދާ ކިތަންމެ ރަނގަޅަކަށްވެސް ފެށިގެން ދާނެއެވެ. އެއާއި ހިލާފަށް ކުއްޖާއާއި ހަރުކަށިކޮށް ވާހަކަ ދައްކައި ހަރުކަށި އަދަބުދިނުން އާދަކޮށްފިނަމަ ކުއްޖާވެސް އެކަމަށް ހޭނުން ވަރަށް ގާތެވެ. ނަތީޖާއަކަށްވާނީ ކިތަންމެވަރަކަށް ކުއްޖާއަށް އަޑުލައި އަދަބު ދިން ކަމުގައިވިޔަސް އޭގެ ސަބަބުން ކުއްޖާއަށް މާބޮޑު އަސަރެއް ނުކުރުމެވެ. ވަޅުކަށްޓަފުޅިވެސް ދާންޏަކަށް ނުސިހޭނެ ދެއްތޯއެވެ. ކީއްވެގެން ތިޔަބޭފުޅުންނަށް ހަމަ ރަގަޅަށް އެގިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.