މިއަހަރު ބާއްވާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތައް ތައްޔާރުވުމުގެގޮތުން ބ. އޭދަފުށީ ކައުންސިލުން ރަށު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތެއް މާދަމާ ފަށާނެ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް މާދަމާރޭގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ގުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ތައުލީމީ މަރުކަޒުގެ އިތުރުން ބަހިއްޔާ ޕްރީ ސްކޫލުންނާއި ތުތިޔަ ސްޕެސަލް ގުރުއާން ކްލާސް އަދި ދާރުލް ފުރުގާން ގުރުއާން ކުލާހުން 56 ދަރިވަރުން ވާދަކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނިގޮތުގައި މުބާރާތުގައި ދަރިވަރުން ކިޔަވަންޖެހޭ ގޮތުގެ ޝެޑިއުލު ބަހިއްޔާ ޕްރީ ސްކޫލު އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ އެވެ.