މި ދުވަސްވަރު ވައިރަލް ހުމާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ދަނީ މިރަށުގައި ހަލުއިކަމާ އެކު ފެތުރެމުންނެވެ.
ތަފާތު ބަލިތައް މި ދުވަސްވަރު އާދަޔާ ހިލާފަށް ގިނައިން ފެތުރޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވަނީ މިފަދަ ބަލިތައް ޖެހިގެން ގިނަ ކުދިންތަކަށް ސްކޫލަށް ނާދެވޭތީ އެވެ. އަދި އެފަދަ ބަލިތައް ޖެހިފައި ތިބޭ ކުދިން ވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ސްކޫލަށް ފޮނުވާތީ ވެސް ސްކޫލްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވެ އެވެ. ހުން ޖެހިފައި ތިބޭ ކުދިން ސްކޫލަށް ފޮނުވުމުން ކުލާހުގެ އެހެން ކުދިންނަށް ވެސް ހުން ޖެހި ބަލި އިތުރަށް ފެތުރިގެންދާނެ އެވެ.
“ސްކޫލުތަކަކީ ޚާއްސަ ޕްރީ ސްކޫލުތަކަކީ ކުދިން ވަރަށް ބޮނޑިވެގެން އުޅޭ ތަނެއް. އެހެންވެ ހުން ޖެހިފައި ތިބޭ ކުދިން ސްކޫލަށް ފޮނުވަމަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެދޭ ކަމެއް ނޫން. ހުމުގެ އަލާމާތެއް ކިރިޔާ ވެސް ފެނިއްޖިއްޔާ ސްކޫލަށް ނުފޮނުއްވާ،” ބަހިއްޔާ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އަދި ކައުންސިލު މެންބަރު ނާޒްނީން ޔޫސުފް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހުމާއި ތަފާތު ބަލިތަކުގެ އަލާމާތެއް ކިރިޔާ ވެސް ފެނިއްޖެ ނަމަ އެ ކުދިން ސްކޫލަށް ނުފޮނުވުމަކީ އެންމެ ރައްކާތެރި ގޮތެވެ. އަދި އެހެން ކުދިންނަށް ވެސް އިތުރު ރައްކަލެއް ލިބިގެންދާނެ ކަމެކެވެ.
ބަހިއްޔާ ޕްރީ ސްކޫލުން ބުނީ ހުން ޖެހިފައި ތިބި ބައެއް ކުދިން މި ދުވަސްވަރު ސްކޫލަށް އަންނަ ކަމަށާއި އެ ކުދިން ގެ އަށް ފޮނުވާލަމުންދާ ކަމަށެވެ.
“އަޅުގަނޑު އެންމެ ކަންބޮޑުވަނީ ހުމުގެ އަލާމާތެއް ފެންނައިރު ވެސް އެ ކުދިން ސްކޫލަށް ފޮނުވާތީ. އޭގެ ސަބަބުން ހުން ބޮޑަށް ފެތުރެން މަގު ފަހިވޭ. އެހެންވެ އަޅުގަނޑުމެންގެ ވަރަށް ބޮޑު އާދޭހެއް އެފަދަ ކުދިން ސްކޫލަށް ނުފޮނުވުން،”
ހުމުގެ ރޯގާ މި ދުވަސްވަރު ވަރަށް ހަލުވިކަމާއެކު މި ރަށުގައި ފެތުރެމުން އެބަ ދެ އެވެ. ނަމަވެސް ބ. އަތޮޅު ހޮސްޕިޓަލުން ހުމާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުމަށް ބަލިން ސަލާމަތްވެ ތިބުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އާންމުންނަށް ކުރެވިދާނެ ކަންތަކާގުޅޭގޮތުން ބަޔާނެއްވެސް މިހާތަނަށް ނެރެފައެއް ނުވެއެވެ.