
ބ. އޭދަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިމިއްޖެ އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު މިއަދު އީޓީއަށް ވިދާޅުވީ ހިއްކުމުގެ މަސައްކަތް އެއްކޮށް އިއްޔެ ނިމިފައިވާ ކަމަށާއި ދެން އޮތީ ފަސްގަނޑު ލެވެލް ކުރުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
ހޮލެންޑްގެ ބޮސްކާލިސް އިންޓަނޭޝަނަލް ކުންފުނިން އޭދަފުށީގެ ބިން ހިއްކަން ފެށީ މިދިޔަ އެޕްރިލް 19ގަ އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ހިއްކި ސަރަހައްދު ވަށައިގެން ރަށް ހިމާޔަތްކޮށް، އެންމެ ބޮޑަށް ގިރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި ބޮޑު ހިލަޖެހުމުގެ މަސައްކަތްވެސް މިމަހުގެ 15 ގެކުރިން ފެށޭވަރުވާނެ އެވެ.

12 ވަރަކަށް ދުވަހުން އޭދަފުށީގެ ބިން ހިއްކައި ނިމުނުއިރު ރަށުގެ ބިމުގެ ސައިޒަށް ގާތްގަޑަކަށް 56 ހެކްޓަރު ބިން ވަނީ ބޮޑުވެފަ އެވެ. ކުރިން މިރަށުގެ ބިމުގެ ސައިޒަކީ ގާތްގަޑަކަށް 31 ހެކްޓަރެވެ.
އޭދަފުށީގެ ބިން ބޮޑުކޮށް، ކައިރީގައި ހުރި ކުދި ރަށްތަކުން މި ރަށަށް މީހުން ހިޖުރަކުރުމަކީ ރަށް އިތުރަށް ތަރައްގީވެ ސަރުކާރުގެ ބަޖެޓަށް ވެސް ވަރަށް ބޮޑަށް ލުއި ވާނެ ކަމެއް ކަމަށް ރައީސް ޔާމިންވަނީ ވިދާޅުވެފައެވެ.
“އޭދަފުށީގައި މިހާރު ބިން ބޮޑުވެގެން ދިއުމާއެކުގައި، އަޅުގަނޑުމެންގެ ރަށްރަށުގެ ނިސްބަތުން އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްރަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް ދާދި އަވަހަށް ހަމަވާން ކައިރި މިވަނީ، ﷲގެ ރަހުމަތާ އެކު އޭދަފުއްޓަށް ބޭނުންވާ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން،” ބިންހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމަށްފަހު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިން ހިއްކުމަށް ފަހު މަގުތައް ހެދުމަކީ އެ ރަށުގައި ދެން ކުރަން އޮތް މަސައްކަތެވެ. އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ބިންހިއްކާނިމުމުން ދެން އަވަސް ވެގަންނަންވީ ބިންހިމާ ޔަތްކުރުމަށްޓަކައި ހިލަތޮށި ޖެހުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށައިގަތުމެވެ. މިހެން މިދެންނެވީ ޗީފް ކައުންސިލަރުގެ ބަސް ދީ ގަތުމުގައި އެންމެ ބޮޑަށް ގިރާނެކަމަށް ލަފާކުރެވޭ ސަރަހައްދުގައި ބޮޑުހިލަ ޖަހާ ވާހަކަ ވިދާޅު ވެފައިވާތީ، ބޮޑަށްނުގިރާ ސަރަހައްދުގައި ބިން ހިމާޔަތް ކުރަން ޖަހަނީ
ކޯޗެއް ކަމާމެދު ސުވާލު އުފެދޭތީއެވެ. ވުމާއެކު ބޮޑަށް ނުގިރާ ސަރަހައްދުގައި ޖަހަނީ ކޮންބާވަތެއްގެ އެއްޗެއްތޯ އޭދަފުށި ޓައިމްސް އިން ޗީފް ކައުންސިލަރ އަރިހުން ސާފްކޮށްދެއްވުން އެދި ނުހަނު އިހްލާސްތެރިކަމާއެކު ދަންނަވަމެވެ.