ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ބޭނުން ކުރުމުގައި ބައެއް އާއްމުން އަމަލު ކުރަމުންދާގޮތުން ފަހަކަށް އައިސް ބޮޑެތި މައްސަލަތައް ދިމާވަމުންދާ ކަމަށް ނަރުދަމާ ނިޒާމުގެ ކަންތައްތައް ބަލަހައްޓަމުން އަންނަ މިރަށު އިންޖީނުގެއިން ބުނެފި އެވެ.
އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު އަހްމަދު އަންވަރު ވިދާޅުވީ ބައެއް ގޭގޭ ގެ ނަރުދަމާ ނިޒާމާގުޅިފައިވާ ޖަންގްޝަންތަކަށް ކުނި އެޅުމުގެ ސަބަބުންނާއި ދިޔަދޮވިތައް ނަރުދަމާ އާ ގުޅާފައިވުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެގޮތުން މައި ޖަންގްޝަންތަކުގެ ޕަންޕްތައް މައްސަލަޖެހިގެން ބަލާއިރު ހީވެސްނުކުރާ ކަހަލަ އެއްޗެހި ޖަންގްޝަން ތެރެއަށް ގޮސްފައި ހުންނަކަން އަންވަރު ފާހަގަކުރެއްވި އެވެ.
އޭދަފުށީ އިންޖީނުގެއިން ބުނީ އާއްމުންގެ ސަބަބުން ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ނަރުދަމާ ނިޒާމު ބޭނުންކުރުމާބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
“އެފަދަ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތަކާމެދު މިދަނީ ވިސްނަމުން. އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ޖަންގްޝަންތަކަށް ކުނި އަޅާ މައްސަލަ ހައްލުކުރުމަށް ކޮންމެގެއަކު ދާގަނޑު ޖަންގްޝަނެއް ބެހެއްޓުމަށްވެސް،” އަންވަރު ވިދާޅުވި އެވެ.
ޖަޕާން ބޭންކް ފޯ އިންޓަނޭޝަން ކޯޕަރޭޝަން (ޖޭބިކް) އިން ދިން ލޯނު އެހީގެ ދަށުން މިރަށުގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވަނީ ރަށުގެ ހުރިހާ ގެތަކުން ބޭރުކުރާ ނަޖިސް ޓްރީޓްކޮށް މައި ޕްލާންޓަކަށް ފޮނުވާ ގޮތަށެވެ.