ތުލުސްދޫ ހިއްކަން ބ. އަތޮޅުން ވެލިނަގާތީ ކަންބޮޑުވުން ފާޅުކޮށްފި

ބޮސްކާލިސް ކޮންނަ ބޯޓަށް ބ. އަތޮޅުން ވެލި ބަރުކުރަނިކޮށް މިއަދު ހެނދުނު ނަހާފައިވާ ފޮޓޯއެއް. ފޮޓޯ/ އަތޮޅު ކައުންސިލް
ބޮސްކާލިސް ކޮންނަ ބޯޓަށް ބ. އަތޮޅުން ވެލި ބަރުކުރަނިކޮށް މިއަދު ހެނދުނު ނަހާފައިވާ ފޮޓޯއެއް. ފޮޓޯ/ އަތޮޅު ކައުންސިލް

 

ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް އިން ކ. އަތޮޅު ތުލުސްދޫ ބިން ހިއްކުމަށް ބޭނުންވާ ވެލި ބ. އަތޮޅުން ނަގަމުންދާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް މިރޭ “އީޓީ” އަށް ވިދާޅުވީ މި އަތޮޅުގެ ކަނޑުގެ އަނޑިން ގިނަ އަދަދެއްގެ ވެލި ނަގައިގެން އެހެން އަތޮޅަކަށް ގެންދިއުމަކީ އަތޮޅުގެ ރައްޔިތުން އެއްގޮތަކަށްވެސް ރުހޭނެ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ކަނޑު އަޑީގެ ގުދުރަތީ މުއްސަދިކަން ލިބިފައިވާ މިއަތޮޅުގެ ތިމާވެއްޓަށް ލިބިދާނެ ބޮޑު ގެއްލުމަކަށް އަތޮޅު ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާދިލު ވިދާޅުވީ، މިއަދު ހެނދުނު އޭދަފުއްޓާ ކައިރިން ކަނޑުގެ ސަރަހައްދުން ވެލި ނަގާކަމުގެ މައުލޫމާތު ލިބުމާއެކު ވަގުތުން އެ މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި އެންވަޔަރަމަންޓް މިނިސްޓްރީގެވެސް ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

“މި މައްސަލައިގައި އަތޮޅު ރައްޔިތުންނާއި ރިސޯޓްތަކުގެ ޝަކުވާ ވަރަށްބޮޑަށްވަނީ ލިބިފައި، އެހެންވެ އަޅުގަނޑުމެން ވާނީ ބޮސްކާލިސް ބޯޓަށް ވެލި ބަރުނިކޮށް ނަގާފައިވާ ފޮޓޯއާއެކު ހުށަހަޅާފައި،” އާދިލް ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި ތުލުސްދޫގެ ބިން ހިއްކަން ބ. އަތޮޅުން ވެލި ނަގަން އެއްވެސް ހުއްދަދެއް ދީފައި ނުވާނެ ކަމަށެވެ.

“އެ ސަރަހައްދުން [ބ. އަތޮޅުން] ވެލި ނަގަން ހުއްދަ ހަމައެކަނި އޭދަފުށި ބިން ހިއްކަން. ރައްޔިތުންގެ ހުއްދައެއްނެތި ބ. އަތޮޅުން ވެލި ނެގިގެން ނުވާނެ. އަނެއްކާ އަތޮޅުގެ ރައްޔިތުން މިކަން ކުރިޔަދީގެންވެސް ނުވާނެ. ހަގީގަތުގައި މިއަދު ބ. އަތޮޅު ރައްޔިތުން ނުކުމެ އެކަން ހުއްޓެވެން ޖެހޭނެ،” ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ އޭދަފުށީ ބިން ހިއްކި އިރުވެސް އީއައިއޭ ރިޕޯޓާ ޚިލާފަށް ބައެއް ކަންތައްތައް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އީޕީއޭގެ ޓީމެއް ވަރަށް އަވަހަށް ބ. އަތޮޅަށް ގޮސް ލިިބިފައިވޭ ގެއްލުންތަކުގެ ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެންވައިރަމަންޓް މިނިސްޓްރީން ވެސް ބުނީ ތުލުސްދޫގެ ބިން ހިއްކުމަށް ބ. އަތޮޅުން ވެލި ނެގުމަށް އެއްވެސް ހުއްދައެއް އެ މިނިސްޓްރީން ދީފައިނުވާނެ ކަމަށެވެ. އަދި ބޮސްކާލިސް އިން އެކަން ކޮށްފައިވާނަމަ އެއީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އޭދަފުށީ ބިން ހިއްކި އިރުވެސް ގިނަ އަދަދެއްގެ ވެލި ނެގުމުގެ ސަބަބުން އަދި ބައެއް ސަރަހައްދު ތަކުގައި ބައުންޑް ވޯލް ނުޖަހައި ވެލި އެޅުމުގެ ސަބަބުން، ފަރުތައް ކިލަނބުގެ އަތޮޅުގެ ބައެއް ރިސޯޓްތަކުން އެކަމުގެ ޝަކުވާތައްވެސް ވަނީ ކޮށްފައެވެ.

ޔުނެސްކޯ ބަޔޮސްފިއާ ރިޒާވުގެ ދަށުން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅުގެ ކަނޑުގެ ދިރުމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ކުރުމަކީ ތިމާވެށި ރައްކާތެރި ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. hassan

    ބ،އަތޮޅު ކައުންސިލަރުންނަށް މި ސަރުކާރުން ކުރާކަމެއް ވީމަ އެކަމާ ހިތްހަމަ ނުޖެހިގެން އެވާހަކަ އަވަހަށް އީ.ޕީ.އޭ އަށް އެންގީދޯ ….ވެލި އެއީ ބ. އަތޮޅު ކައުންސިލުން އުފައްދާ އެއްޗެއްތަ؟ އެއީ ، ﷲ ގެ ކުޅަދުންވަންތަ ކަމުން ބިމުގައި ލައްވާފައިވާ އެއްޗެއް ، ކިހިނެއްތަ ކައުންސިލަރުންނަށް އެނގެނީ ކަނޑުން ވެލި ނެގީމާ އަތޮޅުގެ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ،ހާދަހާވާ މޮޅުވީމައޭދޯ އެވަރު އެނގޭނީ ވެލި ނެގިޔަސް ، ނުނިގިޔަސް ވާން ހުރި ގެއްލުމެއް ވާނެ…..ވެލި ނެގުމަށްވުރެ މާ ބޮޑެތި ގެއްލުންވާ ކަންކަން އެބަހުރި ……އެކަން ކަން ބަލަން އުޅެބަލަ

    ރައްދު
  2. non ranger

    އީޕީ އޭ މީހުން ނަށް އިގޭނީ މޮޅުވާހަކަ ދައްކަން. ކޮންމެ ކަމެއްވެސް ކޮށް ނިމުނީމަ ދެން ފާޑުފާޑުގެ ވާހަކަ ދެއްކިޔަސް ކުރާނެ ކަމެއް ނޯންނާނެ. ބިލިޔަން ޑޮލަރުން ޖޫރިމަނާ ކުރިޔަސް ފަރަށް ލިބިއްޖެ ގެއްލުމެއް އިޔާދަ ކުރުމަކީ ވަރަށް ގިނަދުވަހުން ވާނެ ކަމެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.