ޗެލެންޖް ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

އޭއެފްސީ ޗެލެންޖް ކަޕުގައި މޭ 19، 2014 ވަނަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ރާއްޖެ އާއި މިޔަންމާ ބައްދަލުކުރި މެޗު:-- ފޮޓޯ / ހަވީރު އޮންލައިން
އޭއެފްސީ ޗެލެންޖް ކަޕުގައި މޭ 19، 2014 ވަނަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ރާއްޖެ އާއި މިޔަންމާ ބައްދަލުކުރި މެޗު:– ފޮޓޯ / ހަވީރު އޮންލައިން

އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރޭ މިޔަންމާއާ ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގައި ހިމެނޭ މިޔަންމާ އަދި ފަލަސްތީނަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ މިޔަންމާއަށެވެ. ދެވަނަ ފަލަސްތީނަށް ލިބޭއިރު މި ގްރޫޕްގައި ހިމެނޭ ކިރިގިސްތާން އަދި ރާއްޖެއަކަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ރެފްރީ ވަނީ މިޔަންމާގެ ކުޅުންތެރިއަކަށް ދެވަނަ ރީދޫ ކާޑާއެކީ ރަތްކާޑު ދަައްކާ ދަނޑުން ފޮނުވާލާފަ އެވެ. 10 ކުޅުންތެރިންނަށް މިޔަންމާ ޓީމް ދަށްވުމާ ގުޅިގެން ވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ރާއްޖޭގެ ޓީމަށް ނެގުނު ތަން ފެނިފައެއް ނުވެ އެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މިޔަންމާގެ ކިއައު ކޯކޯ އާއި ނިއޭ ޗެން ވަނީ މިޔަންމާއަށް ދެ ގޯލުގެ ލީޑެއް ނަގާދީފަ އެވެ. މެޗުގެ ދެވަނަ ހާފްގައި ރާއްޖޭގެ ޓީމުން އާ ހިތްވަރަކާއެކީ ކުޅެ މިޔަންމާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ އެވެ.

ރާއްޖެ ޓީމުގެ މަސައްކަތުގައި އަޝްފާގް ދިން ޕާހަކުން ފޯވާޑް މުހައްމަދު އުމެއިރު ވަނީ ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

މި ގޯލަށްފަހު ވެސް ރާއްޖޭގެ ޓީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތައް ދިޔައީ ބޭކަރު ވެގެން ކަން ފާހަގަ ކޮށްލަންޖެހެ އެވެ.

ރާއްޖޭގެ ޓީމުން ނަތީޖާ އެއްވަރުކުރަން ކުރިއަށް އަރާ ތިބި ދަނޑިވަޅެއްގެ ބޭނުންހިފާ މިޔަންމާގެ ފުރަތަމަ ގޯލް ވެސް ކާމިޔާބުކޮށްދިން ކޯކޯ ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ މެޗުން 3 ޕޮއިންޓް އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުން މި މެޗުގައި ޖެހި ދެވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީ ގެ މެޗުތަކެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތުރުކުމެނިސްތާން އާއި ލާއޯސް އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިލިޕީންސް އާއި އަފްގާނިސްތާން އެވެ. މި ދެ މެޗު ވެސް ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.