އަތޮޅު ގޭގައި ދިރިއުޅުނު ކައުންސިލަރުން އަތުން ފައިސާ ހޯދަންޖެހޭ: އޮޑިޓަ ޖެނެރަލް

ކުރީ ދައުރުގެ އަތޮޅު ކައުންސިލު މެންބަރުނ-- ފައިލް ފޮޓޯ
ކުރީ ދައުރުގެ އަތޮޅު ކައުންސިލު މެންބަރުން– ފައިލް ފޮޓޯ

 

މިދިޔަ ދައުރުގައި އެއްވެސް ކުއްޔެއް ނުދައްކައި އަތޮޅު ގޭގައި ދިރިއުޅުނު އަތޮޅު ކައުންސިލަރުންގެ އަތުން އެބޭފުޅުން އެތަނުގައި އުޅުއްވި މުއްދަތަށް ނަގަންޖެހޭ ކުލި ކަނޑައެޅުމަށްފަހު، އެ ފައިސާ އެ ބޭފުޅުން އަތުން ހޯދަން ޖެހޭ ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ކައުންސިލު އިދާރާގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، އަތޮޅު ކައުންސިލަރުންނަށް ލިވިން އެލަވަންސް ލިބެމުންދިޔަ ނަމަވެސް، ބ. އަތޮޅު ކައުންސިލު މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު އަތޮޅު ގޭގައި ދިރިއުޅެމުން ގެން ގޮސްފައިވެ އެވެ. އަދި އެ ހަތަރު މެންބަރުންގެ ލިވިން އެލަވަންސށް 2012 ވަނަ އަހަރު އެއްލައްކަ ނުވަދިހަ ދެހާސް ރުފިޔާ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްފައިވާ ކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.

އަތޮޅު ގޭގެ ކަރަންޓަށާއި ތަން މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަމަށް 2012 ވަނަ އަހަރު ކައުންސިލުގެ ބަޖެޓުން 11،3910 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އަތޮޅުގޭގައި ދިރިއުޅުނު ކައުންސިލަރުންގެ އަތުން އެއްވެސް ކުއްޔެއް ނަގާފައިނުވާކަން ވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.

“ދައުލަތުން ލިވިން އެލަވަންސްދޭ ފަރާތްތަކުން މިގޮތަށް އެއްވެސް އަގެއް ނުދައްކައި ސަރުކާރުގެ އިމާރާތެއްގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން ޔުޓިލިޓީ ބިލްތަކަށާއި އިމާރާތް ބެލެހެއްޓުމަށާއި އިމާރާތާގުޅޭ އެހެނިހެން ކަންކަމަށް ދައުލަތުން ޚަރަދުކުރާ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން މި ފަރާތްތަކުން އަމިއްލައަށް ހޯދާފައިވާ އިނާޔަތެއްކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ކައުންސިލަރުންނަށް އަތޮޅުގޭގައި ނުތިއްބެވޭނެކަމަށް އޭސީސީގެ ޖޫން 10، 2011 ގައި އަންގާފައިވާ ކަންވެސް ފާހަގަކުރެވެ އެވެ” އޮޑިޓް ރިޕޯޓްގައި ވެ އެވެ.

އެއްވެސް ކުއްޔެއް ނުދައްކައި އަތޮޅު ގޭގައި ކައުންސިލަރުން އުޅުނު ދުވަސްތަކުގައި އަތޮޅުގޭގެ އިމާރާތުގެ ޔުޓިލިޓީ ބިލްތަކަށް ކުރެވިފައިވާ ޚަރަދު އެތަނުގައި ދިރިއުޅުނު ކައުންސިލަރުންގެ އަތުން ހޯދުމަށް އޮޑިޓާ ޖެނެރަލް އެދިވަޑައިގެންފައިވެ އެވެ. އަދި ކަމާބެހޭ އިދާރާގެ މަޝްވަރާގެ މަތިން އެބޭފުޅުންގެ އަތުން، އެބޭފުޅުން އެތަނުގައި އުޅުނު މުއްދަތަށް ނަގަންޖެހޭ ކުލި ކަނޑައެޅުމަށްފަހު އެ ފައިސާ ހޯދުމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު / ސީޓޭ

    ރައްޔިތުންގެ ފައިސާއަށް ކިޔާނަތްތެރިވާ ކިތަންމެ ގޮތްތަކެއްހުންނަކަން ވަރަށް ސާފު. ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ގޮވާލަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.