އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މިއަދު ނައްތާލައިފި އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި މި ފަހަރު ނައްތާލީ މިދިޔަ އަހަރުގެ އޯގަސްޓްމަސް ތެރޭ ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާ ކަމަށެވެ.
އެގޮތުން 71 ބަނގުރާ ފުޅި އާއި 22 ބިޔަރު ދަޅު ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.