އުރީދޫގެ ޑިރެކްޓަރަކަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި

އުރީދޫގެ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދިން މުއްދަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި މި މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން 25 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޑިރެކްޓަރަކަށް ވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ އެވެ. މި ފޯމު ހުށަހަޅަން ޖެހޭނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު “ޑިރެކްޓަރުގެ އެޕްލިކޭޝަން” ޖެހުމަށް ފަހު އެވެ.

މިދިޔަ ޑިސެމްބަރު މަހު މި ފުރުސަތު ހުޅުވާލީ އެ ކުންފުނީގެ ބޯޑުގައި ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރަކު ހޯދުމަށެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޑިރެކްޓަރަކު ހޮވާނީ މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ހަމައެކަނި އުރީދޫގެ ހިއްސާދާރުންނަށެވެ. އެގޮތުން، މި މަގާމަށް ކުރިމަތިލުމަށް ކުންފުނިތަކުގެ ގަވާއިދުގައި ހިމެނޭ ޝަރުތުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީގެ “ކޯޕަރޭޓް ގަވާނެންސް އެކްޓް” ގެ ޝަރުތުތައް ހަމަވާން ޖެހޭނެ އެވެ. އަދި ޑިގްރީ ފެންވަރަށް ތައުލީމު ހާސިލްކޮށްފައި ހުރުމާއި 10 އަހަރު ވަންދެން ސީނިއާ މަގާމެއްގެ މަސައްކަތުގެ ތަޖުރިބާ ހުރުމަކީ ވެސް ޝަރުތެކެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ވޯޓަށް ހުށަހަޅާނީ އުރީދޫގެ “ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން” ބޯޑް އޮފް ޑިރެކްޓަރުންނަށް ފޮނުވާ ނަންތަކުގެ ތެރެއިން ޝަރުތު ހަމަވާ ނަންތަކެވެ.

އުރީދޫން ވަނީ މި މަގާމަށް ޝައުގުވެރިވާ ހިއްސާދާރުން ވީހާ ވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.