
އިންޓަ އޮފީސް ފުޓްސަލް މުބާރާތް ހުޅުވަން މިއަދު ހަވީރު ކުޅުނު މެޗުތަކުގައި އެސްޓީއޯ/ބަޔޮސްފިއާ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ފެނަކަ ގެ ފެށުން ރަނގަޅުކޮށްފި އެވެ.
އޭދަފުށީ ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ އެސްޓީއޯ މޮޅުވީ އޭދަފުށީ ޕޮލިސް އަތުން 6-3 އިންނެވެ. މި ގްރޫޕްގައި ހިމެނޭ އަތޮޅު ތައުލީމީ މަރުކަޒު މޮޅުވީ ބ. އަތޮޅު ކައުންސިލާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. އަދި ހަވީރު ކުޅުނު ފަހު މެޗުގައި ގްރޫޕް ބީގެ ފެނަކަ ވަނީ އަތޮޅު ހޮސްޕިޓަލު އަތުން 3-1 އިން މޮޅުވެފަ އެވެ.
އޮފީސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ މި މުބާރާތް ހުޅުއްވައިދެއްވީ ނޯތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރު އަބްދުﷲ ނަސީރު އެވެ.
މުބާރާތުގެ ކުޅުން މާދަމާ ހެނދުނާ ހަވީރުވެސް އޮންނާނެ އެވެ.