
މިފަހްތާ ބަންދުގައި ބޭއްވ ބަހިއްޔާ ޕްރީ-ސްކޫލުގެ ޤުރުއާން މުބާރާތުން އެއް ވަނަ އޭދަފުށީ، ތަރާނާ، އަބްދުﷲ ނާއިފް ނަޒީހު ހޯދައިފި އެވެ.
ބަހިއްޔާ ޕްރީ-ސްކޫލުގެ ނާސަރީ، ޔޫކޭޖީ އަދި އެލްކޭޖީ ކުދިންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުން ދެ ވަނަ މިރަށު އަސަރީގޭ ސައިމާ އަބްދުﷲ ޝަހީމު ހޯދި އިރު، ތިންވަނަ ހޯދީ ގަނދަކޯޅިމާގޭ އަހްމަދު ޒައިނޫން އަބްދުލްހަލީމެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހަވީރު މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުން ޚާއްސަ ވަނަތައް ހާސިލުކުރި ކުދިންނަށް އިނާމުތައް ދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.
ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ތުއްތު ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި 170 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ.