
މާލޭގައި ކުރިއަށް ދިޔަ އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމު އެނބުރި ރަށަށް އައުމުން މިއަދު ހަވީރު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އޭދަފުށީ ރަސްމީ ފާލަމުން މަރުހަބާ ދެންނެވީ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނެވެ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކުގެ އިސްވެރިންނެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންނާއި އާއްމުންވެސް ޓީމަށް މަރުހަބާ ކިޔުމަށް ފާލަން ކައިރިއަށް އައިސް ތިއްބެވެ. ކުޅުންތެރިން ޗެމްޕިއަން ތައްޓާއެކު ރަށަށް ފޭބި ވަގުތު ބޮޑުބެރުގެ އައިޓަމްތަކެއް ވެސް ކުރިއަށް ދިޔަ އެވެ. މި ހަކަރަކާތްތައް އިންތިޒާމުކުރީ އޭދަފުށީ ކްލަބު ކޮމްބިނޭޝަނުން ކައުންސިލާއި ޒުވާނުންނާއި ގުޅިގެންނެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބޭއްވި މުބާރާތް އޭދަފުށި ޓީމު ކާމިޔާބުކުރީ ފައިނަލުގައި އިއްޔެ ހަވީރު ހދ. ނާވައިދޫއާ ވާދަކޮށް 6-3 އިން ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ހޮވުނު އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ 20 ލަނޑު ޖެހި އަލީ ޒުބައިރު އެވެ. މި ދެކުޅުންތެރިން ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ.

ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު ބުނީ އެ ޓީމުން މުބާރާތުގައި ބައިވެރިވީ ރަށަށް ފުޓްބޯޅައިން ރީތިނަމެއް ހޯދައިދިނުމުގެ ގޮތުން ކަމަށާއި މުބާރާތް ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާ އުއްމީދާ އެކު ކަމަށެވެ. އަދި މިއީ ވަރަށް ހިތްވަރުގަދަ ޓީމެއް ކަމަށާއި މި ކުޅުންތެރިންނަކީ ދޫކުރާވަރުގެ ކުޅުންތެރިނެއް ނޫން ކަމަށްވެސް ސަލްމާން ބުންޏެވެ.
މިއީ މުޅި ރާއްޖެއަށް ހުޅުވާއިގެން ބޭއްވި މިފަދަ ފުޓްބޯޅަ މުބާރާތަކުން މިފަހަކަށް އައިސް އޭދަފުއްޓަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.