ވޯލްޑްކަޕް: ބްރެލިޒްގެ އިގްތިސާދަށް ފެހިކަމެއް ގެނެސްދޭނެ އިންވެސްޓްމަންޓެއް!

ބްރެސީލިއާ – ބްރެޒިލްގެ ވެރިކަން ކުރާރަށް
ބްރެސީލިއާ – ބްރެޒިލްގެ ވެރިކަން ކުރާރަށް

ސައުތް އެމެރިކާ އަދި ލެޓިން އެމެރިކާގެ ސަރަޙައްދުގައި އެންމެ ބޮޑު ޤަޢުމުގެ ގޮތުގައި އޮތް ބްރެޒިލް ނުވަތަ “ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލް” އަކީ ޖިއޮގްރަފީ ގޮތުން އަދި މީހުންގެ ނިސްބަތުން ދުނިޔޭގެ ފަސްވަނައަށް އެންމެބޮޑު ގައުމަށްވާއިރު، ޕޯޗުގީޒް ބަހުން ވާހަކަދައްކާ އެންމެ ގިނަ މީހުންއުޅޭ އުޅޭ ގައުމަކީވެސް ބްރެޒިލްއެވެ. އިރުން އެޓްލާންޓިކް ކަނޑު، އުތުރުން ވެނެޒުވޭލާ، ހުނޅަގު އިރުން ކޮލަމްބިއާ، ހުނޅަގުން ބޮލީވިއާ އަދި ޕެރޫ، ހުނޅަގު ދެކުނުން އާޖެންޓީނާ އަދި ޕެރަގުއޭ ދެކުނުން އުރުގުއޭ އޮންނަ ބްރެޒިލްއަކީ އިކުއެޑޯ އަދި ޗިލީ ފިޔަވައި ސައުތް އެމެރިކާގެ ހުރިހާ ޤައުމުތަކެއްގެ ބޯޑަރ ލައިން ހިމެނޭ ޤައުމެކެވެ. އަދި މުޅި ސައުތް އެމެރިކާ ކޮންޓިނެންޓްގެ 47 އިންސައްތަ އަކީ ބްރެޒިލް އެވެ.

ބްރެޒިލްގެ ނަމަށް ބަލާލާއިރު، އެ ނަމަކީ ބްރެޒިލްގެ އައްސޭރިފަށުގައި ހެދުނު “ބްރެޒިލްވުޑް” ނަމަކަށްކިޔާ ގަހަކަށް ނިސްބަތްކޮށްކީ ނަމެއްކަމަށް ބެލެވެއެވެ. ޕޯޗުޖީޒް ބަހުން ބްރެޒިލްވުޑް އަށް ލިޔާއުޅެނީ ޕައު-ބްރެސިލް އެވެ. އަދި އާންމު ގޮތެއްގައި “ބްރެސިލް” އަކީ ރަތްލުލައިގެ އަނގުރު ކުރަލައިގައި ހުންނަ އެއްޗެކެވެ. ޔޫރަޕްގެ ގައުމުތަކުން ހެދުން އުފެއްދުމުގައި ރަތްކުލަ ޖެއްސުމަށް “ބްރެޒިލްވުޑް” ގަހުގެ ކުލަ ބޭނުންކުރި އެވެ. އަދި 16 ވަނަ ޤަރުނުގައި “ބްރެޒިލްވުޑް” ގެ ގިނަގަސްތަކެއް ކެނޑުމަށްފަހު، ތައްޔާރީ ކާނާއާއި އެހެނިހެން ކޮންސިއުމާ ގުޑްސްގެ ބަދަލަށް އެ ތަކެތި ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓް ކުރިއެވެ. މި ތަކެތީގެ ވިޔަފާއި ބާޓާ ސިސްޓަމަށް ކުރުމަށް މިހާރުގެ ބްރެޒިލްއަށް ޕޯޗުގީސް މީހުން “ލޭންޑް އޮފް ހޯލީ ކްރޮސް” ގެނަން ބޭނުންކުރިއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގެ މީހުން “ލޭންޑް އޮފް ބްރެޒިލް”، އެ ގައުމަށް ނިސްބަތްކޮށް ކިޔާ އުޅުނެވެ. އަދި އެކި ކަންކަމުގައި އެ ގައުމަށް ދާ ދަތުރުވެރިން އެ ގައުމަށް “ލޭންޑް އޮފް ޕެރޮޓްސް” ގެނަންވެސް ދީފައިވާކަމަށް ތާރީޙް ދިރާސާކުރާ ފަރާތްތަކުގެ ލިޔުންތަކުގައިވެ އެވެ. އާންމު ގޮތެއްގައި މި ތަކެތި އެކްސްޕޯޓް ކޮށްފައިވަނީ ޕޯޗުގަލްއަށް ކަމަށްވިޔަސް، ފްރާންސް އަށްވެސް މި ތަކެތި އެކްސްޕޯޓް ކުރަމުން ގޮސްފައިވެ އެވެ. އެހެންކަމުން މިހާރު އެ ގައުމަށް ކިޔާ “ބްރެޒިލް” ގެ ނަން އުފެދިފައިވަނީ މި ގަހާއި ގުޅިގެންކަމަށް ނިންމުމުގެ ފުރުސަތު ބޮޑުކަމަށް އެ ދުވަސްވަރުގެ ތާރީޙީ ލިޔުންތަކުން ދައްކައެވެ.

_71579334_8b226ee6-bebf-405c-b665-d212f2860562

 މީލާދީން 1808 ވަނަ އަހަރާއި ހަމައަށް ޕޯޗުޖީޒުންގެ ކޮލޮނީއެއްގެ ގޮތުގައި އޮތް ބްރެޒިލަށް ފުރިހަމަ މިނިވަންކަން ލިބުނީ 1822 ވަނަ އަހަރު “އެމްޕެރާ އޮފް ބްރެޒިލް” އުފެދުނު ހިސާބުންނެވެ. ޖުމްލަ 26 ސްޓޭޓްގައި 5564 މުނިސިޕަލްޓިސް ހިމެނިގެންވާ ބްރެޒިލްގެ ވެރިކަންކުރާ ރަށަކީ ބްރެޒިލިޔާއެވެ. އަދި އެޤައުމުގެ އެންމެ ބޮޑު ސިޓީއަކީ ސައު ޕައުލޯ އެވެ. އެ ގައު،މުގައި އުޅޭ މީހުންނަށް ބަލާއިރު، 47.73 އިންސައްތަ އަކީ ދޮން މީހުންނަށްވާއިރު، އެ ޤައުމުގައި ދެން އުޅެނީ 43.13 އިންސަތަ ޕާރޑޯ ނަސްލުގެ މީހުންނާއި، 7.61 އިންސައްތަ ކަޅު ނަސްލުގެ މީހުންނާއި، 1.09 އިންސައްތަ އޭޝިއާ ނަސްލުގެ މީހުންނާއި އަދި 0.43 އިންސައްތަ އެމެރިންޑިއަނުންނެވެ. ބްރެޒިލްގެ ބޮޑުމިނުގައި 8،575،767 ކިލޯ މީޓަރ ސްކެއަރ ހުންނައިރު، އެޤަޢުމުގެ އާބާދީއަކީ 201،302،714 މީހުންނެވެ. ޖީ.ޑީޕީ ގެގޮތުގައި 2.253 ޓްރިލިއަން ޑޮލަރު ޖެހޭއިރު، އެޤަޢުމުގެ ޖީ.ޑީ.ޕީ ޕަރ ކެޕިޓަރ އަކީ 12،528 ޑޮލަރެވެ.

އެންމެފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އަދި ވޯލްޑް ބޭންކުން އާންމުކުރި ރިޕޯޓްތަކަށް ބަލާއިރު، ބްރެޒިލްއަކީ ލެޓިން އެމެރިކާ ސަރަޙައްދުގެ އެންމެބޮޑު އިޤްތިސާދީގު އޮންނަ ޤައުމުކަމަށާއި، އަދި ދުނިޔޭގެ 7 ވަނައަށް އެންމެ ބޮޑު އިކޮނޮމީ ކަމަށް ބަޔާންކޮށްފައިވެ އެވެ. ގުދުރަތީ ވަސީލަތްތައް ގިނައިން ލިބިގެންވާ ބްރެޒިލްއަކީ ކޮފީ އުފެއްދުމުގައި ވޭތުވެދިޔަ 150 އަހަރުވެސް ދުނިޔޭގެ އެއްވަނަ ޤައުމެވެ. ކުރިއަރަމުން އަންނަ “ބްރިކްސް” ޤަޢުމުތަކުގެ (ބްރެޒިލް، ރަޝިއާ، އިންޑިއާ، އަދި ޗައިނާ) ތެރޭގައި ހިމެނޭ ބްރެޒިލް ވެފައިވަނީ ދުނިޔޭގައި ކާރު އުފައްދާ ހަތަރު ވަނައަށް އެންމެ ބޮޑު އިޤްތިސާދެވެ. މި ޤައުމުން އުފައްދާ އެކްސްޕޯޓްކުރާ އެހެން ތަކެއްޗަށް ބަލާއިރު، މަތިންދާ ބޯޓު، އިލެކްޓްރޯނިކް ތަކެތި، ވެލިކަލް، އަލްކަހޯލް، ހެދުން، ފައިވާން، ދަގަނޑު އަދި ސްޓީލް، އޮރެޖް ޖޫސް، ސޯޔާބީންސް އަދި ކޯން ބީފް ހިމެނުމުގެ ނަތީޖާއެއްގެ ގޮތުން ބްރެޒިލްއަކީ ދުނިޔޭގެ “އެކްސްޕޯޓް ވެލިޔު” ގައި 23 ވަނައަށް ރޭންކް ކުރެވިފައިވާ ޤައުމެވެ.

ސައުޕައުލޯ – ބްރެޒިލްގެ އެންމެ ބޮޑު ސިޓީ
ސައުޕައުލޯ – ބްރެޒިލްގެ އެންމެ ބޮޑު ސިޓީ

2014 ވަނައަހަރުގެ ވޯލްޑްކަޕް ސައުތް އެމެރިކާގައި ބޭއްވުމަށް 7 މާރޗް 2003 ގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްޢިއްޔާ “ފީފާ” އިން އިއުލާން ކުރުމާއި ގުޅިގެން އެ ސަރަޙައްދުގެ އާޖެންޓީނާ، ބްރެޒިލް އަދި ކޮލަމްބިއާއިން ޝައުގުވެރިކަން ފާޅުކުރިނަމަވެސް، ފަހުން އެކަމަށް ކުރިމަތިލީ ހަމައެކަނި ބްރެޒިލްއިންނެވެ. ކަންމިހެން ވުމުގެ ސަބަބުން 30 އޮކްޓޯބަރ 2007 ގައި 2014 ވަނައަހަރުގެ ވޯލްޑްކަޕް ބްރެޒިލްގައި ބޭއްވުމަށް ރަސްމީކޮށް އިޢުލާން ކުރުމުން، ރައްޔިތުންނަށް ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުން ހިތްތަކަށް ލިބުނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އެތައް މިލިޔަން މީހުން މި މުބާރާތަށް އެ ޤައުމަށް ޒިޔާރަތް ކުރާނެކަމަށް ބެލެވޭއިރު، އިޤްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން އެތައް ތަރައްޤީތަކެއް އެ ޤައުމަށް ލިބިގެންދާނެއެވެ. ތަފާތު އިމާރާތްތަކާއި، މަގުތަކާއި، ދަތުރުފަތުރު ކުރުގެ ނިޒާމްތައް މިހާރު ޤާއިމް ކުރެވިފައިވާއިރު، ރިއޯޑީ ޖެނެރޯ އަދި ސައުޕައުލޯ ފަދަ ސިޓީތައް ހިމެނޭގޮތަށް ޖުމްލަ ބްރެޒިލްގެ 12 ސިޓީއެއްގައި މި މުބާރާތް ކުރިޔަށް ދާނެއެވެ. ވޯލްޑްކަޕަށް މުޅިން އަލަށް ހަދާ 5 ސްޓޭޑިއަމް އަށާއި އެހެނިހެން ސްޓޭޑިއަމްތައް ހެދުމަށް ޖުމްމް 3.47 ބިލިޔަން ޔޫ.އެސް ޑޮލަރު ޚަރަދުކުރިކަމަށް ރިޕޯޓްތައް ބުނެއެވެ. ފުޓުބޯޅައިގެ ބޮޑު އީދެއްގެ ގޮތުގައި އެންމެވެސް ޤަބޫލުކުރާ މިމުބާރާތުގެ ސަބަބުން ބްރެޒިލް އިޤްތިސާދީ ގޮތުން ކުރިއަމުންދާ މިންވަރަށް އިތުރު ގިންތިއަކަށް ޖެހިގެން ދިއުމާއި ރައްތިޔުންގެ ޖީބަށް ބަރުކަން ގެނެސްދީ ދިރިއުޅުން އާ އުސްމިންތަކަކަށް އުފުލާލާނެ މުބާރާތަކަށް މި މުބާރާތް ވެގެންދާނެކަމަށް މިހާރުވެސް ގިނަފަރާތްތަކުން ޤަބޫލުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.