އުތުރު ސަރަހައްދުގެ ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުން އުފެދޭ ކުނި ނައްތާލުމަށް ވޯލްޑް ބޭންކްގެ ގާއިމްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް އަންނަމަހުގެ ތެރޭގައި ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ރ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ ވަންދޫގައި ގާއިމްކުރާ ކުނި ނައްތާލާ ނިޒާމުގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އަޙުމަދު ނިޒާމު މަޝްރޫއާއި ގުޅޭގޮތުން އަތޮޅުތަކުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ އިއްޔެ ވިދާޅުވެފައިވަނީ ، ޝެޑިއުލު ކުރެވިފަވާގޮތަށް ދާނަމަ އަންނަމަހުގެ ތެރޭގައި މި މަޝްރޫއު ބަޔަކާއި ހަވާލުކޮށް މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.
ނިޒާމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ވަންދޫގައި 1.5 މިލިއަން ޑޮލަރު ( 23 މިލިއަން ރުފިޔާ)ގެ ކުނި ނައްތާލާ ސިސްޓަމް (އިންސިނެރޭޓާ)އެއް ބެހެއްޓުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި 15 ހެކްޓަރުގެ ބިމުގެ ސަރަހައްދެއްގައި ގާއިމުކުރާ މި ނިޒާމުގެ ދަށުން ދުވާލެއްގެ މައްޗަށް 40 ޓަނުގެ ކުނި ނައްތާލެވޭ ނިޒާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ސަރަހައްދުގެ 46 ރަށަކާއި ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްތަކުން 52 ޓަނުގެ ކުނި އުފެދޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ނިޒާމު ވިދާޅުވީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ރަށްރަށުގައި ވެސް ކުނި މެނޭޖްކޮށް އަދި ވަންދުއަށް ކުނި ގެންދެވޭނެ އުޅަނދުފަހަރާ އެކުގައި ކަމަށާއި ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ވަންދު އަށް ގެންދާނީ 70 ޕަސެންޓްގެ ކުނި ކަމަށެވެ. ބާކީ 30 ޕަސެންޓަކީ ރަށުގައި ނައްތާލެވޭ ފަދަ ކުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޒާމު ވިދާޅުވީ މި ނިޒާމު ގާއިމުކުރެވޭނީ ކުނީގެ ސަބަބުން ކައިރި ރަށްތަކަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށާއި މިއީ ތިމާވެއްޓާ ރައްޓެހި ނިޒާމެއް ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ 2009 ވަނަ އަހަރުން ފެށިގެން ދިރާސާތަކާއި އެ ނޫން ވެސް ތަފާތު އެކި މަސައްކަތްތަކަށް މިހާތަނަށް 843،000 ޑޮލަރު ( 13 މިލިއަން ރުފިޔާ) ހޭދަކޮށްފައިވާ ކަމަށެވެ. މި މަސައްކަތްކުރުމަށް ވަންދޫ ކަނޑައެޅީ ތަފާތު އެކި މަރުހަލާތަކުގައި ހަތަރު އަތޮޅުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ބައްދަލުވުންތަކެއް ބާއްވައި 17 ރަށެއް ސޯޓް ލިސްޓްކުރުމަށް ފަހު ކަމަށާއި އެ ރަށް ކަނޑައެޅި އިރު ވެސް އެއީ ސިނާއީ މަސައްކަތްތަކަށް ބިންދޫކޮށްފައިވާ ރަށެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނިޒާމު ވިދާޅުވީ ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރާ އިރު އެ ރަށުގައި ކުރާ ސިނާއީ އެހެން މަސައްކަތްތަކަށް ވެސް ފައިދާތަކެއް ވާނެ ކަމަށާއި މި ގޮތުން ފެންވަރު ރަނގަޅު ބަނދަރެއް އޮތުމާއި މުސްތަގުބަލުގައި ހަކަތަ އުފެއްދުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.