
ބ. އަތޮޅު ބައޯސްފިޔާ ރިޒާވް އޮފީހުގެ ކޮންޒަވޭޝަން ފަންޑުން މިއަހަރު އެހީދޭ ޕްރޮޖެކްޓްތައް ފައިނަލްކޮށް ނިމިފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ބަޔޮސްފިއާ ރިޒާވް ބުނީ ކޮންޒަވޭޝަން ފަންޑުން ފައިސާގެ އެހީ ދިނުމަށް ގައުމީ އަދި ރަށު ފެންވަރުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކަށާއި އިލްމީ ދިރާސާތައް ކުރާ އިދާރާތަކަށާއި އަންހެނުންގެ ކޮމިޓީތަކަށާއި ކައުންސިލްތަކަށާއި އަދި ރިސޯޓްތަކަށް ހުޅުވާލި ފުރުސަތުގައި އެކިފަރާތް ތަކުން ހުށައަޅާފައިވާ ޕްރޮޕޯޒަލްތައް ބެލުމަށްފަހު ފަންޑުން ފައިސާ ދޫކުރާނެ ހަތް ޕްރޮޖެކްޓެއް މިހާރު ޝޯޓް ލިސްޓްކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ޕްރޮޖްޓްތައް އެވޯޑް ކުރެވިގެންދާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ކޮންޒަވޭޝަން ފަންޑު ގާއިމްކޮށް ހިލޭ އެހީ ދިނުމުގެ ބޭނުމަކީ ޔުނެސްކޯ ވޯލްޑް ބަޔޮސްފިއަ ރިޒާވްއެއްގެ ގޮތުގައި ގާއިމުކުރެވިފައިވާ މިއަތޮޅަކީ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަމޫނާ އަތޮޅެއްގެ ގޮތުގައި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް އެ އޮފީހުން ބުނެއެވެ. މިގޮތުން މިއެހީ ދޭނީ މައިގަނޑު ތިންބަޔަކުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ އިތުރުން، އުނގެނުމާއި ދިރާސާ ކުރުމާއި މައުލޫމާތު ފެތުރުމެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި މިއަހަރު މިފަދަ ޕްރޮޖެކްޓް ތަކަށް އެއްލައްކަ ޑޮލަރު ދޫކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ދޫކުރަނީ ދެއަހަރު ދުވަހުގެ މުއްދަތުގައި މި އެހީގެދަށުން މަޝްރުއުތައް ނިންމަންޖެހޭގޮތަށް ކޮންމެ ޕްރޮޖެކްޓަކަށްވެސް ފަނަރަހާސް ޑޮލަރެވެ.